Post banner
ރާއްޖެ

ޕެންޝަން ފަންޑަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޕެންޝަން ފަންޑަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޔަޒްމީދު މުޙައްމަދު -- ފޮޓޯ: ޕެންޝަން އޮފީސް

ޕެންޝަން ފަންޑަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހައްދަވާނެކަމުގެ ޔަޤީންކަން ދެއްވާކަމުގައި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމާއި އަލަށް ހަވާލުވެ ވަޑައިގެންނެވި ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، މިއަދު ޕެންޝަން އޮފީހުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އަދި ޕެންޝަން އޮފީހުގެ އެންމެހައި ކަންކަން އެ އަމާޒަށް ވާސިލުވާނޭހެން އިންތިޒާމުކުރައްވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޔަޒްމީދު ވިދާޅުވީ، ޕެންޝަން އޮފީހަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ، ޒަމާނީ، ހަރުދަނާ، އުފެއްދުންތެރި އަދި ނަމޫނާ މުއައްސަސާއަކަށް ހެއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުވައްޒަފުންކަމަށާއި އެހެން ކަމުން، އެއްވެސް މުވައްޒަފަކު މާޔޫސްވިޔަނުދީ، ހުރިހާ މުވައްޒަފުންނަށް ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާ ކަމަށެވެ. މިގޮތުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒްމީދު ވަނީ ވިދާޅުވެފައެވެ.

ޔަޒްމީދު، ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމާއި ހަވާލުވެވަޑައިގެންނެވި މިވަގުތަކީ، އެ އޮފީހަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ދަނޑިވަޅެކެވެ. ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށް ފަހު، އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ އާ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާއި ގުޅިގެން، އެކަމަށް ސިޔާސީ އަދި އިޤުތިޞާދީ ދާއިރާގެ ބޭފުޅުންގެ ފާޑުކިޔުންތަކާއި އާއްމުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ޕެންޝަން އޮފީހަކީ ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ، ރާއްޖޭގެ ޕެންޝަން ސްކީމްތައް ހިންގައި ބަލަހައްޓާ މިނިވަން މުއައްސަސާއެކެވެ. މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރިޓަޔަރމަންޓް ޕެންޝަނާއި އަސާސީ ޕެންޝަން ދޫކުރުމާއި، ކަމާގުޅޭ ގަވާއިދުތައް އެކަށައަޅައި، ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީގެން އަބުރުވެރި ރިޓަޔަރމަންޓެއް ކަށަވަރުކޮށްދިނުމެވެ. މީގެ އިތުރުން، ޕެންޝަން އޮފީހަކީ ހިންގުމުގެ ދާއިރާއިން ބައިނަލްއަގުވާމީ އައި.އެސް.އޯ ސެޓިފިކޭޝަނާއި ޝަރަފުވެރި ގިނަ އެވޯޑްތަކެއް ހާސިލުކޮށްފައިވާ އިދާރާއެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް