Post banner
ރާއްޖެ

މީގެ ފަހުން ޖޭއެސްސީއަށް ފެނިއްޖެ ހިނދެއްގައި ކޯޓުތަކުގެ އިސް ފަނޑިޔާރުން މަގާމުން ދުރުކުރެވޭނެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މީގެ ފަހުން ޖޭއެސްސީއަށް ފެނިއްޖެ ހިނދެއްގައި ކޯޓުތަކުގެ އިސް ފަނޑިޔާރުން މަގާމުން ދުރުކުރެވޭނެ

ޖުޑީޝަލް ސަރވިސް ކޮމިޝަން --- ފޮޓޯ: އެޓޯލް ޓައިމްސް

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް  ފެނިއްޖެ ހިނދެއްގައި، ކޯޓުތަކުގެ އިސް ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ ބާރު ލިބޭގޮތައް އެ ކޮމިޝަނުން ގަވައިދެއް އެކުލަވާލައިފިއެވެ.

ޖޭއެސްސީއިން ވަނީ ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދެއް މިއަދު ގެޒެޓުކޮށްފައެވެ.

މިއަދު އަމަލުކުރަންފަށާ މި ގަވައިދުގައި ބުނާ ގޮތުން ކޯޓުތަކަށް އައްޔަނުކުރާ އިސް ފަނޑިޔާރުން، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ މަގާމުން ދުރުކުރަންޖެހޭކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް  ފެނިއްޖެ ހިނދެއްގައި، ފަނޑިޔާރަކު ދުރުކުރުމުގެ ބާރު ޖޭއެސްސީއަށް ލިބިގެންވެއެވެ.

އެ ގަވައިދުން ހާމަވާގޮތުގައި ގަވައިދު ހިނގާނީ ހައި ކޯޓުގައި ހުންނަ އިސް ފަނޑިޔާރާއި، ސުޕީރިއާރ ކޯޓުތަކުން އައްޔަނުކުރާ އެ ކޯޓުގެ އިސް ގާޒީންނާއި ޖޫޑީޝަލް ދާއިރާތަކުގައި މަސައްކަތްކުރާ އިސް މެޖިސްޓްރޭޓުންގެ މައްޗަށެވެ.

ނަމަވެސް ގަވައިދުގައި ބަޔާންކޮށްފައިވާ ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމުގެ ބަޔާއި ކޮމިޝަނަށް އިސް ފަނޑިޔާރު ދުރުކުރަންޖެހޭނެ ކަމަށް ފެންނަ ހާލަތްތައް ގަވައިދުގައި ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ކޯޓުތަކުގެ އިސް ފަނޑިޔާރުން ވަކި ކުރެވޭނީ އެ ފަނޑިޔާރަކު އަމިއްލައަށް މަގާމުން އިސްތިއުފާދިނުމުން ނުވަތަ ފަނޑިޔާރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމުންނެވެ. ނަމަވެސް، މިއަދު އާންމުކުރި ގަވައިދުން ހާމަވާގޮތުގައި އެއްވެސް ހުއްޖަތަކާއި ނުލާ، ޖޭއެސްސީއަށް ފެންނަ ހާލަތެއްގައި އިސް ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ ފުރިހަމަ ބާރު އެ ކޮމިޝަނަށް ލިބޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް