ވާހަކަ

ކުރުވާހަކަ: ބަދުނާމު (ދެވަނަ ބައި)

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުރުވާހަކަ: ބަދުނާމު (ދެވަނަ ބައި)

ޝަފީޤު ހައްޔަރުކޮށްގެން ގެންދިޔައީއެވެ. އޭނާގެ މައްޗަށް މީހަކު ނެރުމުގެ ދައުވާއާއި ކުޑަކުއްޖަކާއި މެދު ބަދު އަޚުލާޤީ އަމަލު ހިންގިކަމުގެ ދައުވާތައް އުފުލިއްޖެއެވެ. ޝަފީޤު ހައްޔަރުކުރިފަހުން ޒަރީނާވެސް ޝަފީޤަކާއި ބައްދަލެއް ނުކުރިއެވެ. އެހެންކަމުން ކަން ހިނގިގޮތަށްވުރެ ދުނިޔެއަށް ފެނުނީ އެހެން މަންޒަރެކެވެ.

އީސަ މަރާލީ ގަސްދުގައި ނޫންކަމަށާއި ބޮޑު ބޭބެގެ ދަރިފުޅަށް އޭނާ ޖިންސީ ގޯނާއެއް ނުކުރާ ކަމުގައި ޝަފީޤު ބުންޏެވެ. އެކަމަކު އޭނާ އީސަ އަށް ހަމަލާދިން ސަބަބެއް ނުބުންޏެވެ. އެސަބަބު ބުނަން އޭނާ ބޭނުން ނުވީއެވެ. އެއީ އީސަ އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކުރިކަން މީހުންނަށް އެނގި އޭނާގެ ދަރިފުޅު ބަދުނާމްވެ މީހުންގެ މަލާމާތް ލިބެން ނޭދޭތީއެވެ. އަދި އެހެން ނޫނަސް އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރަން އީސައެއް ދެނެއް ނާންނާނެތީއެވެ. އެހެންކަމުން މީސްތަކުންގެ މަލާމާތާއި ފުރައްސާރަ އޭނާގެ ދަރިފުޅަށް ލިބުމަށްވުރެ ޖަލުގެ އަނދިރީގައި އުމުރު ހޭދަކޮށްލުންވެސް ޝަފީގަށް މާފަސޭހައެވެ. އެހެނީ އޭނާގެ ކުށެއް ނެތްކަން ﷲ ތަބާރަކަ ވަތަޢާލާ މޮޅަށް ދެނެވޮޑިގެން ވިޔަސް އޭނާގެ ކުށެއް ނެތްކަން މީސްތަކުންނަށް ސާބިތުކޮށް ދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އެތައް ސުވާލަކަށް އޭނާ ޖަވާބުދޭންޖެހޭނެއެވެ. އެތައް ބައެއްގެ ދިރިއުޅުމުގެ ސިއްރުތައް ހާމަވެ ބަދުނާމުވާންޖެހޭނެއެވެ. އެހެން ވާކަށް ޝަފީގެއް ނޭދެއެވެ.

ޝަފީޤަށް ހުރިހާ ދަޢުވާތަކަށް 42 އަހަރުގެ ޖަލު ހުކުމެއް އައެވެ. ކޯޓުން ނެރެގެން އޭނާ ޖަލަށް ގެންދިޔަ ދުވަހު އެހިތާމަ ފާޅުކުރަން އަންނާނެ މީހަކު ނުވިއެވެ. އަދި ދަރީން ދެކެލާނެ ފުރުޞަތެއްވެސް ނުލިބުނެވެ. ހަޤީޤަތް ނޭނގޭތީ ޒަރީނާވެސް ހުރީ ރުޅި އައިސްފައެވެ.

އުމުރުދުވަހަށް ޖަލުގައި ބަންދުކުރި ފުރަތަމަ ދުވަހު ޝަފީޤު ރުޔެވެ. ހިތާމަ ކުރިއެވެ. ހަމައެކަނި އެންމެ ސަބަބަކަށްޓަކައެވެ. އަންހެންދަރިއަކު ބޮޑުވަމުން އަންނައިރު އެދަރިފުޅުގެ ހިމާޔަތުގައި ލޯބިވާ ބައްޕަޔަކު ހުންނަންޖެހޭނެކަން އޭނާއަށް ވިސްނޭތީއެވެ. އޭނާގެ ދަރިފުޅަށް ދެން އެރައްކާތެރިކަން ނުލިބޭނެތީއެވެ.

ކޮންމެ ނަމާދެއްގައި ޝަފީޤު އޭނާގެ ދަރީންގެ މައްޗަށް ދުޢާކުރެއެވެ. އެދަރީން ރައްކާތެރިކަމާއި އެކު ބޮޑުވުންއެދި ﷲގެ ހަޟުރަތުގައި އިބްތިހާލުވެ ދުޢާ ދަންނަވައެވެ. ޖަލުގައި އޭނާ ހޭދަކުރި 42 އަހަރުގެ ތެރޭގައި ދަރީންގެ ހާލެއް އުޅޭ ގޮތެއް އޮޅުން ނުފިލިޔަސް އަދި އެޚަބަރުތައް ގެނެސްދޭނޭ މީހަކު ނެތަސް އޭނާ ހިތްހަމަ ޖައްސައި ޔަޤީންކޮށްގެން ހުރީ އޭނާގެ ދަރީންނަށް ދެރަގޮތެއް ނުވާނެކަމަށެވެ. ޚާއްސަކޮށް ފަޒްލާއަށެވެ.

އެ 42 އަހަރު ޝަފީޤު ޖަލުގައި ހޭދަކުރީ އޭނާގެ ދެދަރީންގެ ހަނދާންތަކާއި އެކު ގައެވެ. އެކުދިންގެ ހުވަފެންތައް ދެކެމުންނެވެ. ކޮންމެވެސް ދުވަހަކުން އެކުދިންނާއި ބައްދަލުވުމަށް އުންމީދު ކުރަމުންނެވެ. ޝަފީޤު ޖަލުން މިނިވަންވެ މާލެ އާދެވުނު ފުރަތަމަ ދުވަހު ޝަފީޤު ގެހޯދައިގެން އެގެއަށް ދިޔައެވެ. ގޭގެ ދޮރުމަތިން ދިމާވީ އޭނާގެ ލޮލުގެ ނޫރުގެ ގޮތުގައި ދެކެމުން އައި ދަރިފުޅު ފަޒްލާ އާއި އެވެ. ކާފަ ދަރިފުޅަކު ގޮވައިގެން ހުއްޓައެވެ. ފުރަތަމަ ފަޒްލާ ޝަފީޤާއި ވާހަކަދެއްކި އެވެ. އެކަމަކު ޝަފީޤު އޭނާއަކީ ކާކުކަން ބުނެދިނުމުން އަހަރެމެން ބަދުނާމް ނުކޮށް ހިނގައިދާށޭ ތިޔައީ އަހަރެމެންނަށް މަރުވެފައިވާ މީހެކޭ ބުނެފައި ރުޅިވެރިކަމާއި އެކު ދޮރުލައްޕާފައި ދިޔައީއެވެ. އެއްޗެއް ބުނާނެ އިތުރު ފުރުޞަތެއް ޝަފީޤަށް ނުދީއެވެ.

އެދުވަހުގެ ފަހުން ޝަފީޤު ދިރިއުޅެނީ މަގުމަތީގައެވެ. އެގެއަކަށް އޭނާ ނުދެއެވެ. ދަރިންނާއި އަނބިމީހާއަށް ހަޤީޤަތް ކިޔައިދީ ހިތްހަމަޖެހުމެއް ހޯދުމަކީވެސް ފަސޭހަ ކަމަކަށް ނުވާނެތީއެވެ. ބަލިވެ އުޅޭތީ ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް ދިޔައިރު އެތާނގައި އިނީ ދަރިފުޅު ފަޒްލާކަން ޝަފީޤަށް ނޭނގުނީއެވެ. އެހެން ނޫންނަމަ ދެވަނަ ފަހަރަށް ދަރިފުޅުގެ ހިތްހަމަނުޖެހުން އިތުރުކުރާކަށް އޭނާ ދަރިފުޅުގެ ކުރިމައްޗަކަށް ނުދިޔައީހެވެ. ދަރިފުޅުގެ ދުލުން އޭނާއަށް ބަދުބަސްތަކެއް ރައްދުވާނެ ފުރުޞަތެއް ނުދިނީހެވެ.

ޝަފީޤު ޕޭމަންޓްމަތީގައި އެތައް އިރަކު އިށީނދެ އިނުމަށްފަހު އިޝާނަމާދަށް ގޮވުމުން ބަންޑާރަ މިސްކިތަށް އަރައި ނަމާދުކުރިއެވެ. އަދި ނަމާދަށްފަހު މިދުނިޔެއިން އޭނާގެ ދަރީންނަށް ބަދުނާމެއް ނުލިބޭނޭ ގޮތުގައި ﷲގެ ހަޟުރަތަށް ގެންދެވުން އެދި ދުޢާކުރިއެވެ. ކެތްތެރިކަމާއި ކަރުނަޔާއި ހިތާމަޔާއި އެކުގައެވެ. ﷲ ތަޢާލާފިޔަވައި މިއަދު އޭނާގެ ހާލު އެނގޭނޭ ފަރާތެއް ނެތަތީއެވެ.

ނަމާދުކޮށްގެން އައިސް ފިހާރައަކަށްވަދެ ޝަފީޤު ކަންވާރާއި ބުޅި ގަތެވެ. ފަރުމަސްބާނައިގެން ހައިހޫނުކަން ފިލުވޭނެ ގޮތެއް ހޯދުމަށްޓަކައެވެ. ޕޭމަންޓްމަތީގައި ސަލާންޖަހާ މީހުންގެ ތެރޭގައި އިންނާކަށް އޭނާ ބޭނުމެއް ނޫނެވެ. އަދި ސަލާންޖަހައިގެން ކައިބޮއި ދިރިއުޅުމުގެ މުހުތާދުތައް ފިލުވާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ބަލި ހާލުގައިވެސް އޭނާ ބޭނުންވީ މަސައްކަތްކުރާށެވެ. ފަރުމަސް ބާނައިގެން މާރުކޭޓުގައި ވިއްކާލެވިއްޖެނަމަ އޭނާގެ ހަލާލު މަސައްކަތުން ކާނެބޯނެ ފައިސާ އޭނާއަށް ލިބޭނެކަމަށް އުންމީދު ކުރެވޭތީއެވެ.

މާރުކޭޓަށް ވަދެ ކަރުގޮހޮރު ކޮތަޅެއް ހިފައިގެން ޝަފީޤު ދިޔައީ ބަނދަރުގެ ބޭރު ތޮށިމައްޗަށެވެ. އެތާނގައި މަހެއް ބޭނޭތޯ ރޯލުއެއްލައިގެން އިނެވެ. އެކަމަކު ދަންވަމުން ދިޔައިރުވެސް އޭނާއަށް މަހެއް ބޭނޭގޮތެއް ނުވިއެވެ. އެކަމަކު ޝަފީޤު އެތަނުން ދާކަށް ބޭނުމެއް ނުވިއެވެ. ދާނެ އިތުރު ތަނެއްވެސް ނެތީމައެވެ.

ބަނދަރުމަތީގައި މީހުން މަދުވަމުން ގޮސް ދަންވަރުގެ ވަގުތުތައް ގުނަންފެށުނު އިރު ބަނދަރު މަތިން މީހުން ހުސްވެއްޖެއެވެ. ފަޅު އޮޑިފަހަރުގައިވެސް މީހުން ނިދައި ހަމަހިމޭންވެއްޖެއެވެ. ދޭތެރެ ދޭތެރެއިން އެއްގަމުގެ ތޮށީގެ ކައިރިން މަގުމަތިން ދުއްވާފައިދާ އުޅަނދުފަހަރުގެ އަޑުފިޔަވައި އެހެން އަޑުތައް ކެނޑިއްޖެއެވެ. އެކަމަކު އޭރުވެސް ޝަފީޤު އިނީ ތޮށިމަތީގައެވެ.

ކުއްލިއަކަށް ޝަފީޤުގެ ރޯލުގައި ބޮޑުމަހެއް ހިފައިފިއެވެ. ނިދިޖެހި ވަރުބަލިވެފައިވުމާއި ޝަފީޤަށް މާބޮޑަށް ނުވިސްނައި ހުރެވުނު ވަގުތަކަށް ވުމުން މަސްގަނެގެން ކަންވާރު ހިފައިގެން ދުއްވައިގަތް ވަގުތުގައި ޝަފީޤުގެ އަތާއި ފައިގައި ރޯލު އޮޅިއްޖެއެވެ. ފައިކައްސާލައިގެން މޫދަށް ވެއްޓެން ދިޔަ ވަގުތުގައި ތޮށިގަނޑުގެ އަރީގައި ބޯޖެހުމާއި އެކު ޝަފީޤުގެ ލޯމަތިން ދިޔައީ ކޮކާ ބުރައިގެންނެވެ.  މޫދަށް ވެއްޓުމާއި އެކު ސަލާމަތްވެވޭތޯ ޝަފީޤު މަސައްކަތް ކުރިއެވެ. ނަމަވެސް ބޭރުތޮއްޓަށް މުގުރަމުން ދިޔަރާޅާއި އަތާއި ފައިގައި އޮޅިފައިވާ ކަންވާރާއި ދެމެމުންދިޔަވަރުގަދަ އޮއިގެތެރޭގައި ޝަފީޤުފަދަ މުސްކުޅި އަދި ބަލިމީހަކަށް ކެތްކޮށްލެވުމަކީ ވާނޭ ކަމެއް ނޫނެވެ. ރޯލާއި އެކު މަސް އަޑިޔަށް ފީނަމުން ދިޔަ ވަރަކަށް ޝަފީޤުވެސް ދިޔައީ ގެނބެމުންނެވެ. ނޭވާ ހުސްވަމުންނެވެ. އެމަންޒަރު ދެކޭކަށް އެހީއެއްވާކަށް އެއްވެސް މީހަކު ނެތެވެ.

މަޑުމަޑުން ހަރަކާތް ހުސްވަމުން ހުސްވަމުންގޮސް ޝަފީޤުގެ ހަރަކާތް ހުސްވެއްޖެއެވެ. އެތައް ވޭނަކާއި ތަކްލީފެއް އަދި އެތައް ބަދުނާމަކަށްފަހު މިދުނިޔެއަށް އޭނާގެ އެންމެ ފަހު ނޭވާދޫކޮށް ހިނގައްޖެއެވެ.

އޮޅިފައިވާ ކަންވާރުތަކާއި އެކު ޝަފީޤުގެ ހަށިގަނޑު ފަރުގެ އުރަފަށް ކައިރީގައި ގާތަކުގެ ތެރޭގައި އޮތެވެ. ދުނިޔެއަށް ތާއަބަދަށް ދެން އޭނާ ގެއްލުނީއެވެ. އޭނާ އެދުނު ފަދައިން އޭނާގެ ސަބަބުން އާއިލާ ބަދުނާމުވުމުން ސަލާމަތްވީ އެވެ. ޝަފީޤު ދަންނާނޭ އަދި އޭނާ ކޮބައިތޯ ބަލާނޭ މީހަކުވެސް މިދުނިޔެއަކު ނެތެވެ. ޖަލުން މިނިވަންވުމުން ދެން އޭނާއަށް ވީގޮތެއް ބެލުން އެއީ ސަރުކާރުންވެސް ކުރާނެ ކަމެއް ނޫނެވެ. އަދި އޭނާގެ އާއިލާ އިން އޭނާ ހޯދަން ނޫޅޭ އިރު ދެން ޝަފީޤަށް ވީގޮތަކާއި މެދު ކަންބޮޑުވާނެ މީހަކުވެސް ނެތެވެ.

ޝަފީޤު މަރުވިތާ މަހެއްހާ ދުވަސްވީއިރު އޭނާގެ ހަށިގަނޑު ފަރުގެ އުރަފަށުގައި އޮވެ ފަނާވެ ދިޔައިރު އެކަން އެއްވެސް މީހަކަށް ނޭނގުނެވެ. އޭނާގެ ދަރީންނަށްވެސް މެއެވެ. އެކަމަކު ކޮންމެވެސް ދުވަހަކުން އޭނާއަށް ވީ ކިހިނެއްތޯ ކޮންމެވެސް ބަޔަކު ސުވާލު ކުރާނެއެވެ. ހޯދާނެއެވެ. އެކަމަކު އެއިން އެކަކަށްވެސް ކަށަވަރުކޮށް އެއްޗެއް ބުނަން ނޭނގޭނެކަން ޔަޤީނެވެ.

ޝަފީޤު އެދުނު ފަދައިން މިދުނިޔެއިން އިތުރު ބަދުނާމެއް ނެތި އޭނާ ވަކިވީއެވެ. އޭނާގެ ހަޔާތުގެ ހިތި ހަޤީޤަތްތައް ތާއަބަދަށް ދުނިޔެއަށް ފޮރުވުނީއެވެ. އެކަން ފާޅުކުރާނޭ ނުވަތަ ފާޅުކުރެވޭނޭ ފަރާތެއް މިދުނިޔެއަކު ނެތެވެ. މިދުނިޔޭގައި އޭނާ ބަދުނާމާއި އަނިޔާ ތަހައްމަލު ކުރީ ދަރީންނަށްޓަކައެވެ. އެދަރީން އެއްވެސް ތަފާތެއް ނެތި މިއަދުވެސް އުފަލާއި އަރާމާއި، ތަނަވަސްކަމާއި ފާގަތިކަމުގައި އެދަނީ ދިރިއުޅެމުންނެވެ. އެކަމަކު އެކުދީންގެ ބައްޕަ އެކުދީންނަށްޓަކައި އުފުލިވޭނާއި ވީޤުރުބާނީ ޒައްރެއްގެ މިންވަރުވެސް އެކުދިންނަކަށް އިހްސާސެއް ނުވާނެއެވެ. އެކުދީންގެ ކުރިމަތީގައި ބައްޕައަކީ ބަދުނާމުވެފައިވާ ނުލަފާ ރަހުމުކުޑަ މީހެކެވެ. މުޖުތަމައުގެ އެހެން މީހުންވެސް ދެކޭ ގޮތުގެ މަތީންނެވެ.
(ނިމުނީ)

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް