ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު މަޖިލީހަށް ބަލައިގަނެފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
"މޯލްޑިވްސް 2.0" މަޝްރޫއު އިފްތިތާހުކުރުމުގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ
ދިވެހިރާއްޖޭގެ ޑިޖިޓަލް ގަވަނެންސް ނިޒާމު ގާއިމްކޮށް ވިލަރެސްކުރުމަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފިއެވެ.
މި ބިލަކީ، ސަރުކާރުގެ ފަރާތުން، ޕީއެންސީއަށް ނިސްބަތްވާ ގައްދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަލީ މަޖިލީހަށް ހުށައެޅުއްވި ބިލެކެވެ.
މި ބިލުގައި ހުށައަޅާފައިވަނީ ދައުލަތުގެ ހިދުމަތްތަކާއި އިދާރީ ހިންގުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބައްޓަންކުރުމުގެ ގޮތުން "މޯލްޑިވްސް 2.0 ގެ ނަމުގައި ޑިޖިޓަލް ޕްރޮގްރާމެއް އަކަށައެޅުމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތައް އެ ޕްރޮގްރާމްގައި ކަންކަން ހިނގަމުންދޭތޯ މޮނީޓަރުކުރުމުގެ ގޮތުން "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި ސަރުކާރުގެ އޮފީހެއް އުފެއްދުމަށް ބިލްގައި ހިމަނާފައި ވެއެވެ.
ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު މަޖިލީހަށް ބަލައިގަތީ ޖުމްލަ 49 މެންބަރުންގެ ވޯޓާއެކުއެވެ. އަދި އެ ބިލު ދިރާސާކުރަން ކަމާބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.
މި ބިލު ފާސްވުމުން ޑިޖިޓަލް ސިޔާސަތުތަކާއި ގުޅޭ އެންމެހާ ކަންކަން ކުރުމުގެ ބާރު ލިބޭނީ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އުފައްދާ "ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ ކައުންސިލަށެވެ.
މި ކައުންސިލް 7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާއިރު، ކައުންސިލް މެންބަރުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވެސް ހިމެނިވަޑައިގަންވާނެއެވެ.
މި ބިލު ތަސްދީގުވެއްޖެނަމަ މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ވެރިއެއްގެ ގޮތުގައި ހުންނާނީ ކޮމިޝަނާ ފޯ ޑިޖިޓަލް ޓެކްނޮލޮޖީ އެވެ. މީގެއިތުރުން، ޑިޖިޓަލް ސާވިސްގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކޮމިޝަނާ ހިމެނޭ ގޮތައް 7 މެންބަރުން ހިމެނޭ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސް ޤާއިމްކުރާނީ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގާ އޮފީހެއްގެ ގޮތުގައެވެ، އަދި އެ މުއައްސަސާއާ ގުޅޭ އެންމެހާ ކަންކަމާ ބެހޭ ގޮތުން މަޖިލީހަށް ޖަވާބުދާރީ ވާނީ މިނިސްޓަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް