ތިލަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 35 ބިދޭސީއަކު ބެލުމުގެ ދަށަށް ގެންގޮސްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ތިލަފުށީގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 35 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ --- ފޮޓޯ: ޕޮލިސް
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މާލެ އަތޮޅު ތިލަފުށީގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 35 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރާ ގޮތުގައި މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 31 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ 3 މީހުންގެ އިތުރުން ނޭޕާލް މީހެކެވެ.
ފުލުހުންގެ އިދާރާއިން އިތުރަށް ހާމަކުރި ގޮތުގައި އެ 35 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވިސާގެ މުއްދަތު ހަމަވެފައިވުމާއި، ހުއްދަ ނެތް ތަންތަނުގައި މަސައްކަތްކުރުމާއި، ވިސާގެ ޝަރުތުތަކާ ހިލާފަށް، އަމިއްލަ ވިޔަފާރިކޮށް އާމްދަނީ ހޯދުމުގެ އިތުރުން ވޯކް ޕާމިޓް ފީ ދައްކާފައި ނުވާތީއެވެ. މީގެ ތެރޭގައި މަސައްކަތްކުރާ ތަންތަނުން ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބައެއް މީހުންނާއި، ތިލަފުށީގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންވެސް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 35 މީހުންނާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އަނބުރާ ގައުމަށް ފޮނުވާލުމުގެ މަރުހަލާތައް ފުރިހަމަކުރުމަށް އިމިގްރޭޝަނާއި ހަވާލުކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް