ވާހަކަ

ކުރުވާހަކަ: ދެ ދުނިޔޭގެ ރަޙްމަތްތެރިޔާ - ފަހުބައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުރުވާހަކަ: ދެ ދުނިޔޭގެ ރަޙްމަތްތެރިޔާ - ފަހުބައި

އިބްރާހިމް ދެންވެސް ހިމޭނުން އިނެވެ. އަދި ނިޔާޒުގެ އަތުގައި ހިފަހައްޓާލަމުން ކުރެހިފައިވާ އަޑުން މައާފްކުރާށޭބުންޏެވެ. އަދި އޭނާ އައީ ނިޔާޒް ބަލައިކަމުގައިވެސް ބުންޏެވެ. އެކަމަކު ޖަވާބުގައި ނުދާނަމޭ ބުނާގޮތަށް ނިޔާޒް ބޯހޫރާލިއެވެ. އިބްރާހިމް ހިތުގައި ޖެހުނެވެ. އޭނާގެ ރަހުމަތްތެރިޔާ ހިތުގައި ޖެހިފައިވާކަން އެނގުމުންނެވެ. އޭނާގެ ދަރީންނާއި އަނބިމީހާ ނިޔާޒްއާއި ދޭތެރޭ ރަނގަޅަށް ކަންތައް ނުކުރާކަން އެނގޭތީއެވެ. އަދި އެހިތާމަ ނިޔާޒުގެ ހިތުގައި އޮތްކަންވެސް އެނގުމުންނެވެ.

"މިތަން މާރަނގަޅު، އަހަރެން ބެލެހެއްޓޭ ވަރަށްވުރެ އިބޫގެ ޒިންމާތައް ބޮޑުވާނެ. މިތާ އޮތީމަ ޚަރަދުވެސް ކުޑަވާނެ. އަހަރެންގެ ޝަކުވާއެއް ނެތް. ކުދިން ބޭނުންގޮތެއް ހަދައިދީ. އަހަރެންވެސް ހަމަ އިބޫ އާއި އެއްވަރަށް އެކުދިންދެކެ ލޯބިވޭ. އެކުދިންގެ އުފާތަކާއި މުސްތަޤުބަލަށް އެޅޭ ހުރަހަކަށް ވާކަށް ނެތިން" ނިޔާޒް ބުންޏެވެ. އިބްރާހީމްއަށް ރޮވުނެވެ. އެކުވެރިޔާގެ ރަނގަޅުކަމުންނެވެ. ކަންކަމާއި މެދު އޭނާ ވިސްނާ ގޮތުންނެވެ. އެކަމަކު ނިޔާޒް އެހާލަށް ދޫކޮށްލާކަށް އޭނާއަކަށް ނުކެރޭނެއެވެ.

"ނޫން. މިތާ ނިޔާ ބާއްވާކަށް އަހަރެން ބޭނުމެއް ނޫން. މިތަނަކީ އަޅާލާނެ އެއްވެސް މީހަކު ނެތް މީހުން ތިބޭތަނެއް. ނިޔާ އަހަރެންގެ ދިރިއުޅުން ކޮޅަށް ޖަހައިދިނީ. އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނީ." އިބްރާހީމް ބުންޏެވެ.

"އަހަރެންގެ އެއްވެސް މީހަކު ނެތެއްނު." ދެލޯ މަރާލަމުން ނިޔާޒް ބުންޏެވެ.

"އަދި އަހަރެން ދިރިދުނިޔޭގައި އެބަހުރީމޭ. ވީއިރު ކީއްވެ ނިޔާގެ މީހަކު ނުހުންނަންވީ. ދެކުދިންވެސް އެތިބީނު. އެމީހުންނަކަށް ނޭނގޭނެ އެތަނަވަސް ދިރިއުޅުމަކީ ނިޔާ ހޯދައިދިން ދިރިއުޅުމެއް ކަމެއް. އަދި އެކުދިންގެ ބައްޕަ މިއަދު ދުނިޔޭގައި މިހުރީ ނިޔާގެ ކިޑްނީގައި ކަމެއް. ނިޔާބޭނުންވީ އެކަންކަން ސިއްރެއްގެ ގޮތުގައި ބާއްވަން. އެކަމަކު އެކަން ސިއްރުކޮށްގެން ނިޔާ އެކަނިވެރިހާލުގައި މިތާ އޮންނާކަށް އަހަރެން ބޭނުމެއްނޫން." އިބްރާހިމްބުންޏެވެ.

"އެހެން ނޫނަސް ނިޔާ އަބަދުވެސް ދައްކާނީ އިންސާނިއްޔަތުގެ ވާހަކަ. އަހަރެންނާއެކު ދިޔައިއްޔާ އެހެން މީހަކަށް މިތަނުން ޖާގައެއް ލިބޭނެ. ނިޔާ ބަލަން އަހަރެން މިހުރީ. ނޭނގެ މިތަނުން ޖާގައެއް ނުލިބި ބަލާނެ މީހަކު ނެތި ހޮސްޕިޓަލުގައި އެކަނިވެފައި އޮތީ ކިތައް މީހުން ކަމެއްވެސް." އިބްރާހީމް އެންމެ ފަސޭހައިން ނިޔާޒު އެއްބަސްވާނެ ގޮތަށް ވާހަކަ އަނބުރާލިއެވެ. އެކު އުޅޭތާ ވިހި ތިރީސް އަހަރުވީ އިރު ނިޔާޒްގެ ކޮންމެ ކަމެއް އިބްރާހީމް ހިތުދަހެވެ. އޭނާގެ ވިސްނުމާއި ފިކުރު ހުންނާނެގޮތް އެނގެއެވެ. އެހެން ކަމުން ނިޔާޒް އެއްބަސްވާނެ ގޮތާއި އެނޫން ގޮތްތައް އިބްރާހީމްއަށް ރަނގަޅަށް އެނގެއެވެ.

އިބްރާހީމް ނިޔާޒްއާއި ކަރާކަރުޖައްސައި ވަދާއުގެ ސަލާމްކޮށްފައި ނުކުތީ ދެދުވަހެއްގެތެރޭ ސަރުކާރުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށްފަހު އޭނާ ބަލައި އަންނާނަމޭ ބުނެފައެވެ. އިބްރާހިމް ނުކުންނަން ފެށުމުން ނިޔާޒް ހިތްހެޔޮކުރާށޭ ދެން ބައްދަލުވާނީ ސުވަރުގެއިން ކަމުގައިވުން އެދެމޭ ބުނުމާއި އެކު އިބްރާހީމަށް ހުއްޓެވުނެވެ. އަދި އެނބުރި ގޮސް އަނެއްކާވެސް ނިޔާޒްގެ އެނދުކައިރީގައި އޭނާ ހުއްޓުނެވެ. އަދި ނިޔާޒް އަތުގައި ހިފަމުން އެކުވެރިޔާއޭ ދެދުނިޔޭގެ ރަހުމަތްތެރީންގެ ގޮތުގައި ލެއްވުމަށް ތާއަބަދު ދުޢާކުރަމޭ ބުންޏެވެ. އެއީ އަސަރު ގަދަ ވަގުތުކޮޅެކެވެ. ދުނިޔޭގެ ހަމަ ދެކެބަލާށެވެ. އެކަކު އޭނާގެ ރަހުމަތްތެރިޔާއަށްޓަކައި ހުރިހާއެއްޗެއް ޤުރުބާންކޮށްފައި ދިނެވެ. އެކަމަކު އެއިހްސާންތެރިކަމުގެ ބަދަލުގައި އޭނާއަށް ލިބުނީ ކޮން އެއްޗެއް ހެއްޔެވެ؟ ނިޔާޒްއަށް އެހީތެރިވެވޭ ވަރަށްވުރެ އިބްރާހީމްގެ މަޖުބޫރީ ހާލަތު ބޮޑެވެ. ނަމަވެސް އެނިކަމެތި ހާލުގައިވެސް ނިޔާޒް ބޭނުންވަނީ އިބްރާހީމަށް އެހީތެރިވާށެވެ. އެކުވެރިޔާއަށް ބުރައެއް ނުޖައްސާށެވެ.

ގުރައިދޫން ފުރި ލޯންޗަކުން އިބްރާހިމް މާލެ އައެވެ. އޭނާ ބޭނުންވަނީ ކުދިންނަށް ހަޤީޤަތް ހާމަކޮށްދީ ވިސްނައިދޭށެވެ. މިއަދު ނިޔާޒްއަށް އެހެން ނުހެދޭނެކަން ޔަޤީންކޮށްދޭށެވެ. އިހްސާންތެރިކަމުގެ ބަދަލަކީ އިހްސާންތެރިކަން ބުނެދޭށެވެ. އަދި ކަންތައް ވެފައިވާ ގޮތާއި ނިޔާޒްގެ ދީލަތިކަމުގެ ވާހަކަ ބުނާށެވެ. އޭރުން އެކުދިންގެ ހިތް ނިޔާޒަށް ހެޔޮވާނެ ކަމަށް އިބްރާހީމް އުންމީދު ކުރެއެވެ.

އިބްރާހީމަށް ގެއަށް އާދެވުނީ އިޝާނަމާދުން ދަންވީފަހުންނެވެ. އޭރު ދެކުދިންނާއި ހަފީޒާއިނީ ކާމޭޒު ދޮށުގައެވެ. ބަނޑުހައިވެފައިހުރި ވަރުން އިބްރާހިމްވެސް ކޮޓަރިއަށްވަދެ މޫނުދޮވެލައި ހަދައިގެން އައީ ކާށެވެ. އެކަކުވެސް އަނގައިން ނުބުނުމުން ވާހަކަފެށީ އިބްރާހީމެވެ.

ދެދުވަހެއްގެ ތެރޭގައި ނިޔާޒްގެއަށް ގެންނާނެ ވާހަކަބުނުމުން ބަތްތަށީތެރެއަށް އޫޖަހާފައި ޝާނިފް ތެދުވިއެވެ. އޭނާ ދާން އުޅެން ފެށުމުން އިބްރާހިމް ޝާނިފްގެ އަތުގައި ހިފައި ބޭންދިއެވެ.

"ދަރިފުޅާ! ދަރިފުޅުމެންނަށް ބައްޕަ ފެންނަން މިހުރީ އަދި މިދިރިއުޅުން މިއުޅެވެނީ ނިޔާޒްބޭގެ ހެޔޮކަމުން. ދަރިފުޅުމެން ކުޑައިރު ނިޔާޒްބޭ ހުރިހާ ހަރަދެއްކުރީ. ކިޔަވައިދިނީ. މިވިޔަފާރިއަކީ ނިޔާޒްބޭގެ ލާރިންފެށި ވިޔަފާރިއެއް. ދަރިފުޅުމެއް ކުޑަކުޑައިރު ބައްޕަ ވަރަށް ބޮޑަށް ބަލިވި. ކިޑްނީ ފޭލްވީ. އެދުވަހު ހުރިހާ ޚަރަދެއްކޮށް ޚުދު ނިޔާޒްބޭގެ އަމިއްލަ ކިޑްނީއެއް ދީގެން ބައްޕަ ސަލާމަތްވީ. މިއަދު ދަރިފުޅުމެންނަށް މިދިރިއުޅުން ލިބުނީ ނިޔާޒްބޭގެ ސަބަބުން. ނިޔާޒްބެއަށް އެހެން ހަދާކަށް ނުވާނެ"އިބްރާހިމް އަސަރާއި އެކު ބުންޏެވެ.

ބައްޕަގެ އެވާހަކަތައް އަޑުއަހާފައި ޝާނިފް ބަލައިލީ ހަފީޒާގެ މޫނަށެވެ. ސާއިމް ބަލައިލީ ޝާނިފްގެ މޫނަށެވެ. ސުވާލުގެ ނަޒަރަކުންނެވެ. އެކުދިންނަށް އެކަން އެނގޭނީ ކިހިނެއްހެއްޔެވެ؟ އެމީހުންނަށް ނިޔާޒްބޭ ފެނުނުތާ މިވީ އަދި އަހަރެއްހާ ދުވަހެވެ. އިބްރާހީމްގެ ކިޑްނީ ބަދަލުކުރި އޮޕަރޭޝަނަށްފަހު ދެއަހަރެއްހާ ދުވަހު މާލޭގައި އުޅެފައި ނިޔާޒް އަނެއްކާވެސް ދިޔައީ ދަތުރުކުރާށެވެ. އޭރު ސާއިމް އާއި ޝާނިފަށް އޮތީ އެންމެ ތިން އަހަރަށެވެ.

ނިޔާޒް ބޭރުގައި ހުއްޓަސް އިބްރާހީމަށް ލާރިފޮނުވައިދެއެވެ. ވިޔަފާރިއާއިގެން ކުރިޔަށްދާން އެހީތެރިވެދެއެވެ. ކުދިންގެ ހާލުބަލައެވެ. ފަނަރަ އަހަރެއްހާ ދުވަހަށްފަހު ނިޔާޒް މާލެގެނައީ މާބޮޑަށް ބަލިވެގެންނެވެ. މާލޭގައި ނިޔާޒްގެ ހުރި ހަމައެކަނި މީހަކީ އިބްރާހީމް ކަމަށްވާތީ ނިޔާޒް ގެނައީ އިބްރާހިމް ދިރިއުޅޭ ފްލެޓަށެވެ. ސާއިމްއާއި ޝާނިފް އެއްކޮޓަރީގައި ބައިތިއްބާފައި ޝާނިފްގެ ކޮޓަރި ނިޔާޒަށް ޚާއްސަކުރި އިރުވެސް އެމީހުން ހިތްހަމަ ނުޖެހިދާނެކަން އިބްރާހިމްއަށް ވިސްނުނެވެ. އެކަމަކު އޭނާ ހީކުރީ ދުވަސްކޮޅަކުން ނިޔާޒް ގަދަވުމުން ކުދިންގެ އެހިތްހަމަނުޖެހުން ފިލައިފާނެކަމަށެވެ.

"ނިޔާޒް ކޮށްދިން ހެޔޮކަމުގެ ބަދަލުގައި އޭނަ އުމުރަށް ބަލަންޖެހޭތަ! އެހެންނޫނަސް މިގޭގައި އޭނަ ބާއްވާކަށް ތަނެއްވެސް ނެތް. އެކަހަލަ މީހުން ބަލާށޭ ސަރުކާރުން ގުރައިދޫގައި ތަނެއް ހަދާފައި އެހުރީ. އަނެއްކޮޅު އޭނަ ގަދަވެ  އިބްރާހިމްގެ މުދާތައް އޭނާއަށް ދޭންޖެހިއްޖިއްޔާ އަހަރެމެން ދިރިއުޅޭނީ ކިހިނެއް؟" ހަފީޒާގެ އެޖުމުލަ އަޑު އިވިފައި އިބްރާހިމް ކާންނެގި ބަތްކޮޅުވެސް ތަށީގެ ތެރެއަށް ވެއްޓުނެވެ. ގައިން ހީބިހި ނަގައިގަތެވެ. ހައިރާންވެގެން ގޮސް އޭނާގެ ތަލިން ކުޅު ހިކުނެވެ. ރަހުމެއް ނެތް އިންސާނެކެވެ. އިބްރާހިމަށް ކެތެއް ނުވިއެވެ. ކަލޭމެން މިތަނުގައި މީގެ ފަހުން އަމިއްލަ މަސައްކަތުން ކުލިދައްކައިގެން ކައިގެން ބޮއެގެން އުޅޭށޭ ބުނެފައި އިބްރާހީމް ތެދުވިއެވެ.

އޭނާއަކަށް ނިޔާޒް ދޫކޮށެއް ނުލެވޭނެއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސް މެއެވެ. ނިޔާޒަށްޓަކައި މިދުނިޔޭގެ ހުރިހާ އުފަލެއް އޭނާ ޤުރުބާންކުރާނެއެވެ. ނިޔާޒް ބަލިހާލުގައި ޖެހުނު ދުވަހު މިބޮޑު ދުނިޔެއަށް އެކަނި ގިނިކަންޏާ ދޫކޮށެއް ނުލާނެވެ. އިބްރާހިމްގެ ހިތުގައި ޖެހުނީ ނިޔާޒްގެ ހާލަށް އެކަންޏެއް ނޫނެވެ. އަމިއްލަ އެދުން ބޮޑު އަނތްބަކާއި ރަހުމެއް ކުލުނެއް ނެތި ދެދަރީންވެސް ކަންތައްކުރި ގޮތާއި މެދުގައެވެ. ނިޔާޒް މިގޭގައި ވޭތުކުރި ކޮންމެ ދުވަހަކުވެސް އެފަދަ ނުރުހުމާއި ބަދު ބަސްތަކާއި ކުރިމަތިލާންޖެހިފައިވާނެކަން އިބްރާހީމަށް ޔަޤީނެވެ. ނިޔާޒް އެކަހަލަ އެއްވެސްވާހަކައެއް ނުދެއްކީ އަދި އޭނާއަށް ނޭންގީ އިބްރާހިމްގެ ދިރިއުޅުން ހަލާކުވާން ނޭދޭތީކަން އިބްރާހީމްއަށް އެނގުނެވެ. އެއީ މާތް އިންސާނެކެވެ. އެހިތެއްގައި ﷲ ތަޢާލާ ކެތްތެރިކަން ލެއްވެވި ހިތެކެވެ.

އިބްރާހީމް އެފަދަ ބަލިހާލެއް ޖެހޭ ދުވަހަކުން ދަރީންނާއި އަނބިމީހާ އިބްރާހީމްވެސް ނުބަލާނެކަން އޭނާއަށް ޔަޤީންވިއެވެ. ދަރީން ނުލިބިގެން މީހުން ކިހާ ހިތާމައެއް ކުރޭ ހެއްޔެވެ؟ ކިހާ ކަރުނައެއް އޮއްސާ ހެއްޔެވެ؟ ކިހާ ޚަރަދެއް ކުރޭ ހެއްޔެވެ؟ އެކަމަކު ދަރީން ތިބެފައި އެދަރީން މައިންބަފައިން ނުބެލުމަކީ އެއަށްވުރެ ބޮޑު ހިތާމައެކެވެ. އެހެން ކަމުން އިޚްލާސްތެރިކަމާއި ދީލަތިކަމާއި އޯގާތެރިކަމާއި އެކު ދެމިއޮންނަ ރަހުމަތްތެރިކަން އެއަށްވުރެ މާހެޔޮކަން ބޮޑުކަން އިބްރާހީމަށް ވިސްނިއްޖެއެވެ.

އިބްރާހީމް ނިކަމެތި ކަމާއި އެކު ބަލިހާލުގައި ދިރިއުޅުނު ދުވަހު އެހީވާކަށް މީހަކު ނާދެއެވެ. ނިޔާޒް ފިޔަވައެވެ. އިބްރާހީމްގެ އެއްބަނޑު ތިމާގެ މީހުންވެސް ތިއްބެވެ. ލޯލާރިފޮއްޗެއްވެސް ދިއްކޮށް ނުލާތާ ހާލު ބަލާލަންވެސް ނާދެއެވެ. އިބްރާހީމަށް ޔަޤީނެވެ. މުޅި ދުނިޔޭގައި އަތްފުނާއެޅިޔަސް ނިޔާޒް ފަދަ ރަހުމަތްތެރިއަކު އޭނާއަކަށް ނުލިބޭނެއެވެ.

ނިޔާޒް ބަލައިދާން އިބްރާހީމް ތައްޔާރުވިއެވެ. އަނބިމީހާ އާއި ދަރިން ދެކޮޅުހެދިނަމަވެސް އޭނާ ނިޔާޒް ގެންނާނެއެވެ. ނިޔާޒްގެ ކަންކަން އެމީހުން ނުބެލިޔަސް އިބްރާހީމް ބަލާނެއެވެ. އިބްރާހީމްގެ އާއިލާ ދިރިއުޅޭ ފްލެޓަކީވެސް ނިޔާޒްފައިސާދައްކައިދީގެން އިބްރާހީމަށް ލިބުނު ފްލެޓެކެވެ. ވީއިރު އެފްލެޓުން ހިޔާވަހިކަން ލިބުން ނިޔާޒަށްވުރެ އައުލާ މީހަކު ނެތެވެ. އެކަމާއި އޭނާގެ ދަރީންނާއި އަނބިމީހާ ހިތްހަމަ ނުޖެހޭނަމަ އެމީހުން ހިތްހަމަޖެހޭ ތަނަކަށް އެމީހުން ހިނގައިދާނެ ނޫންހެއްޔެވެ؟ އެކަމާ ވިސްނާކަށް އިބްރާހިމް ބޭނުމެއް ނުވިއެވެ.

ވައިރޯޅި ހިނދި ދުނިޔެ އަމާންކަމުގެ ސާލެއްގެ ތެރޭގައި އޮތް ދުވަހެއްގެ ހެނދުނެވެ. ކަމާބެހޭ ފަރާތްތަކުން ނިންމަންޖެހޭ ކަންކަން ނިންމައިގެން ނިޔާޒްބަލައި އިބްރާހީމް ގުރައިދޫއަށް ލޯންޗެއްގައި ފުރައިފިއެވެ. ވާނެ ކަމެއް ވާނެގޮތަކަށް ވާން ދޫކޮށްލާފައެވެ. އަނބިމީހާ އާއި ދަރީންނާއި އިތުރަށް ވާހަކައެއް ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. އަދި ނިޔާޒް ގޮވައިގެން ދިޔުމުން އެމީހުންގެ ފަރާތުން ފެނިދާނެ ރުޅި މޫނެއް ނިޔާޒަށް ދައްކާކަށްވެސް އިބްރާހީމް ބޭނުމެއް ނޫނެވެ. އެކަމަކު އެނޫންގޮތެއްވެސް އިބްރާހީމަކަށް ނެތެވެ.

ހަޔާތުގެ ހިތާމަތަކާއި މަޖޫބޫރީ ހާލަތާއި މެދު ވިސްނާ ފިކުރު ކުރަމުން އިބްރާހީމް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަނެވެ. މަރުކަޒުގެ މުވައްޒަފެއްގެ ގާތުގައި ނިޔާޒް ބަލައި އައިވާހަކަ ބުނުމުން އޭނާ އިބްރާހީމްގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އަދި އިބްރާހީމް ބަލާއައީ ނިޔާޒްގެ ތަކެތިތޯ އެއްސެވެ. އިބްރާހިމް އާނއެކޭބުނީ ކަންތައް ވެފައވާ ގޮތް އެނގުމަކާއި ނުލައެވެ.

އޭނާ އިބްރާހިމް ގޮވައިގެން ނިޔާޒް އޮތް ބަޔަށް ދިޔައެވެ. އޭރު ނިޔާޒްގެ ފޮށިތައްމަތި ރީތިކޮށް ބަންދުކޮށްފައި ހުއްޓެވެ. ހަމަ ފުރަން ތައްޔާރުކޮށްފައެވެ. އެކަމަކު ނިޔާޒެއް ފެންނާކަށް ނެތެވެ. ނިޔާޒް އޮތް އެނދުވެސް އޮތީ ރީތިކޮށް ތަންމަތި އަޅާފައެވެ. ހީވަނީ އެއެނދަށް އެހެން މީހަކު ގެންނަން ތައްޔާރުކޮށްފައި އޮތް ހެނެވެ. އިބްރާހީމްގެ ހިތްތެޅިގަތެވެ. ނޭނގޭ ބިރުވެރިކަމެއް ހިތަށްވަނެވެ.

އިބްރާހިމް ނިޔާޒް ކޮބައިތޯ އެއްސެވެ. އެވަގުތު އެމުވައްޒަފު އިބްރާހިމްގެ މޫނަށް ބަލާލާފައި ފުންނޭވާއެއް ލިއެވެ. އަދި ނިޔާޒް މަރުވި ޚަބަރު ނުލިބޭތޯ އެއްސެވެ. އަދި އިއްޔެ ހަވީރު ނިޔާޒް މަރުވެގެން އިބްރާހިމްގެ ގެއަށް ގުޅި ކަމުގައި ބުންޏެވެ. އަދި އިބްރާހީމް އަންނަންދެން ބޭއްވުމަކީ ނިޔާޒްކޮށްފައިވާ ވަސިއްޔަތަކަށްވާތީ ފަތިސްނަމާދާއި ހަމައަށް ވަޅުނުލައްވައި ބޭއްވި ކަމުގައި ބުންޏެވެ. އެހެން ނަމަވެސް އިބްރާހިމް ގޭގައި ނޫޅޭކަމަށް ގެއިން ބުނާތީއާއި ގުޅޭނެ އިތުރު ގޮތެއް ނެތުމުން މިއަދު ހެނދުނު ވަޅުލެއްވީ ކަމުގައި އެމުވައްޒަފު ބުންޏެވެ.

އެއިން ކޮންމެ ޖުމުލައެއް ހީވީ އިބްރާހިމްގެ ހިތަށް ކޮއްޕައިލާ ވިހަ ތީރެއް ހެންނެވެ. އިބްރާހިމްގެ ދެފައިން ވާގި ދޫވިއެވެ. މޫނު މައްޗަށް އަނދިރިވިއެވެ.

އިބްރާހީމަށް ހޭވެރިކަމެއް ކިރިޔާވެސް ވީ އިރުގަނޑެއް ފަހުންނެވެ. އޭރު އޭނާގެ ގާތުގައި ވަށައިގެން މީހުންތަކެއް ތިއްބެވެ. ނުވެސްދަންނަ ދުރުހިލޭ ބައެކެވެ. މަރުކަޒުގެ މުވައްޒަފުންނެވެ. އިބްރާހިމް ބާއްވާފައި އޮތީ ނިޔާޒް އޮތް އެނދުގައެވެ. ކައިރީގައި ތިބި މީހުން ދައްކާވާހަކަ ނުސާފުގޮތަކަށް އިބްރާހީމަށް އަޑު އިވެމުން ދޭހަވަމުން ދިޔައެވެ. ޑޮކްޓަރު ބުނާއަޑު އިވުނެވެ.

"ވާތްފަރާތް ޕެރަލައިޒް ވެފައި. ސްޓްރޯކެއް ޖެހުނީ"

އިބްރާހީމް އައިޖީއެމް އެޗުގެ އައިސީޔޫއަށް ބަދަލުކުރިއެވެ. އޭނާގެ ދަރީންނާއި އަނބިމީހާ ދޭތެރެ ދޭތެރެއިން އެތަނަށް ވަދެލައެވެ. އެމީހުންނަށް މާބޮޑު ހިތާމައެއް ލިބިފައި ވާހެނެއް ހިޔެއް ނުވެއެވެ. އައިސީޔޫކައިރީގައި އެމީހުން ތިބެނީ ހީސަމާސާ ކުރާށެވެ. ކޮންމެވެސް މަޖާ ވާހަކައެއް ދައްކާށެވެ.

ގައިގެ އެއްފަޅި ވާގިނެތިފައި އޮތަސް އަދި ދުލުން ބަހެއް ނުބުނެވުނަސް ފެނިދެނިވާ މީހުންނާއި ދައްކާވާހަކަ އިބްރާހީމަށް އެނގެއެވެ. ޖަވާބެއް ނުދެވުނަސް އެމީހުން ކިޔާ އެއްޗެހި އަޑު އިވެއެވެ. ނިޔާޒް މަރުވި ޚަބަރު އޭނާގެ ދަރިންނާއި އަނބިމީހާ ގަސްދުގައި އޭނާއާއި ހަމައަށް ފޯރުކޮށް ނުދިނީކަން އެނގެއެވެ. އެމީހުންގެ ސަބަބުން އޭނާގެ ދެދުނިޔޭގެ ރަހުމަތްތެރިޔާގެ މޫނު އެންމެ ފަހު ފަހަރަށް މިދުނިޔެއިން ދެކިލުމުގެ ނަސީބުވެސް ނުލިބުނީއެވެ. އޭނާގެ އަތުން އެއެކުވެރިޔާއަށް ތިންމުއްވެލީގެ ހަދިޔާވެސް ނުކުރެވުނީއެވެ. ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟

ޑޮކްޓަރުންނަށް އިބްރާހީމް ވިސްނަނީ ކޮންކަމަކާއި މެދުގައިކަން ނޭނގުނަސް އޭނާ ވިސްނާކަން އެނގެއެވެ. އެހެންކަމުން މާބޮޑަށް ފިކުރު ބޮޑު ނުކުރުމަށް ބުނެއެވެ. އެކަމަކު އިބްރާހީމްއަށް ދިމާވެފައިވާ ގޮތް އެމީހުންނަށް ހާމަވާނެނަމަ އިންސާނަކަށް ވިސްނައި ފިކުރު ނުކޮށް ނުހުރެވޭނެކަން އެމީހުންނަށްވެސް ޤަބޫލު ކުރެވުނީހެވެ.

އިބްރާހީމްގެ ލޮލުން ކަރުނަ ހިލުނެވެ. މިބަލިދާނުގައި އޮންނަން ޖެހުމުން މިއަދު އޭނާ ނިޔާޒްގެ މަތިން މާބޮޑަށް ހަނދާންވެއެވެ. ނިޔާޒްހުރިނަމަ އޭނާ ގާތުގައި އިންނާނެއެވެ. ވާނުވާ ބަލާނެއެވެ. ކުޑައިރު ސްކޫލުގައި އުޅުނު އިރުގެ މަޖާވާހައްކަތައް ދައްކައި އޭނާގެ ހިތް އުފާކޮށްދީ ހަދާނެއެވެ. އެކަމަކު މިއަދު އޭނާ އެކަނިވީއެވެ. ދަރިންނާއި އަނތްބަކު ހުއްޓަސް އެމީހުންގެ މާބޮޑު އަޅާލުމެއް ނެތީއެވެ. އޭނާގެ ދުއާ އަކީ އަވަހަށް މިފަނާވަނިވި ދުނިޔޭން ވަކިވެ ދިޔުމެވެ. ރަހުމަތްތެރިޔާ އާއި މަޙުޝަރުގެ ބިމުން ބައްދަލުވުމެވެ. ސުވަރުގޭގައި އެކުގައި ވުމެވެ.

(ނިމުނީ)

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް