ރާއްޖެ

ބޮޑު ދަރަނި ދައްކައި ޚަލާސް ކުރެވުނީ ހަރުދަނާ ސިޔާސަތެއް އޮތުމުން - ސަރުކާރު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބޮޑު ދަރަނި ދައްކައި ޚަލާސް ކުރެވުނީ ހަރުދަނާ ސިޔާސަތެއް އޮތުމުން - ސަރުކާރު

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުން ދައްކަންޖެހޭ ބޭރުގެ ދަރަނީގެ ގޮތުގައި އޮތް 500 މިލިއަން ޑޮލަރު (8ބިލިއަން ރުފިޔާ)ގެ ސުކޫކު ދައްކައި ޚަލާޞް ކުރެވުނީ، ދަރަނި ދެއްކުމުގައި ރަނގަޅު ސިޔާސަތެއް އޮތުމުން ކަމުގައި މިނިސްޓްރީ އޮފް ފިނޭންސްއިން ވިދާޅުވެއްޖެއެވެ.

ދައުލަތުން އެދަރަނި ދައްކައި ޚަލާޞް ކުރަން ޖެހެނީ، މިމަހުގެ 8 ވަނަ ދުވަހުގެ ކުރިންނެވެ. ނަމަވެސް އިއްޔެ އެދަރަނި ދައްކައި ޚަލާޞްކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

އެކަމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، ސުކޫކަށް ދައްކަންޖެހޭ، 524.68 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ބޭނުންކޮށްފައި ވަނީ، ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑުގައި ހުރި،ފައިސާ އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ކަމަށެވެ.

500 މިލިއަން ޑޮލަރުގެ މި ސުކޫކު 2021 ވަނަ އަހަރު ރައީސް ޞާލިޙްގެ ސަރުކާރުން ވިއްކާފައި ވަނީ، އޭގެ ކުރިން ވެރިކަން ކުރެއްވި ރައީސް ޔާމީންގެ ސަރުކާރުން ނަގާފައި 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މިސަރުކާރު އައުމަށްފަހު، ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކަށައަޅައި ތަންފީޒު ކުރަން ފެށި ކަމަށެވެ. މިގޮތުން އެއާޕޯޓު ޑިވެލޮޕްމެންޓްފީ 2024 ވަނަ އަހަރު ބޮޑު ކުރުމާއި، އަދި ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑް (އެސް.ޑީ.އެފް)އަށް ބޭރު ފައިސާ ޖަމާކުރަން ފެށުނުކަން ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މިސުކޫކު ދެއްކި އިރު، އެސް.ޑީ.އެފް ގައި، 350 މިލިއަން އެމެރިކާ ޑޮލަރު ހުރި އިރު ރާއްޖޭގެ ރަސްމީ ރިޒާވް 1.3 އެމެރިކާ ޑޮލަރަށް އޮތީ މަތި ކުރެވިފައި ކަމުގައިވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

500 މިލިއަން ޑޮލަރުގެ މި ސުކޫކު ނުދެއްކި ރާއްޖެ ބަނގުރޫޓްވެދާނެކަމަށް ސިޔާސީ އަދި އިޤުތިޞާދީ ފަރާތްތަކުން މީގެ ކުރިން ވާހަކަ ދައްކަމުން އައި އިރު، ސަރުކާރުން އެބޮޑު ދަރަނި ދައްކައި ޚަލާޞްކޮށްފިކަން ހާމަކުރުމާއެކު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުންނާއި އަދި އެނޫން ފަރާތްތަކުންވެސް ވަނީ އެކަމަށް މަރުޚަބާ ކިޔާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް