ކުށްކޮށްގެން ހޯދާ މުދަލާ ފައިސާ ދައުލަތަށް ނެގުމާއި ގުޅޭ ބިލުގެ ބަހުސް ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ --
ކުށްކޮށްގެން ހޯދާ މުދަލާ ފައިސާ ދައުލަތަށް ނެގުމާއި ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައަޅައި އިބްތިދާއީ ބަހުސް މިއަދު ބަހުސް ފަށައިފިއެވެ.
މިއީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލެކެވެ. މިބިލް މަޖިލީހަށް ހުށައެޅުއްވީ، ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޢަލީ ފަޒާދެވެ.
ކުށްކޮށްގެން ހޯދާ މުދަލާއި ގުޅޭ ބިލް ހުށައަޅުއްވަމުން، މެމްބަރު ފަޒާދު ވިދާޅުވީ، މިބިލަކީ، ބަންޑާރަނައިބުގެ އޮފީހުން އެކުލަވާލައްވާފައިވާ ބިލެއް ކަމަށެވެ. ފަޒާދު ވިދާޅުވީ، އިސްލާމީ ދިވެހި މުޖުތަމަޢުގައި މިއަދި ހިނގަމުން އަންނަ ކަންކަމަށް ބަލާއިރު މިއީ މުހިއްމު ބިލެއް ކަމަށެވެ. އަދި މި ބިލް ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް ފަޒާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުށްކޮށްގެން ހޯދާ މުދަލުގެ ސަބަބުން މުޖުތަމުގެ އެއްބައިވަންތަކަމާއި އެކުވެރިކަންގެއްލި ރައްޔިތުންގެ މެދުގައި އޮންނަ ޢަދުލު އިންސާފު ގެއްލިގެންދާކަން ހިތާމަޔާއި އެކު ފާހަގަކުރާ ކަމަށެވެ. މީގެ އިތުރުން ފަޒާދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާގެ ތާރީޚަށް ނަޒަރު ހިންގާލާއިރު ފެންނަން އޮތް، އެންމެ ބޮޑު ޙަޤީޤަތަކީ، ޒަމާނުއްސުރެ ޤާނޫނު ބައްޓަން ކުރެވިފައި އޮތީ، ހަމައެކަނި ކުށްކުރާ މީހުންނަށް ޖިސްމާނީ އަދަބު ދިނުން ކަމަށެވެ. އެހެން ނަމަވެސް ވޭތުވެ ދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި، ރާއްޖޭގައި މަސްތުވާތަކެއްޗާއި، މަސްތުވާތަކެތީގެ ވަގު ވިޔަފާރި އާއި ކަރަޕްޝަނާއި މަނީލޯންޑަރިން ފަދަ ޖިނާޢީ ބޮޑެތި ކުށްތައް އިންތިހާއަށް ފުޅާވެފައިވާ ކަމުގައިވެސް ފަޒާދު ވަނީ ފާހަގަކުރައްވާފައެވެ.
ފަޒާދު ވިދާޅުވީ، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އާއި މެދު ޢަމަލުކުރާނެ ގޮތުގެ ޤާނޫނީ އޮނިގަނޑެއް މިހާތަނަށް ދިވެހިރާއްޖޭގައި ނެތްކަމަށެވެ. އެހެންކަމުން މިބިލަކީ ވަރަށް މުހިއްމު ބިލެއް ކަމަށާއި، މިބިލު ޤާނޫނަކަށް ވެގެން އަންނައިރު، ކުށް ސާބިތުވުމުގެ ކުރީންވެސް ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ މުދަލާއި ފައިސާ ދައުލަތުގެ ބެލުމުގެ ދަަށަށް ނެގޭނެ އިޖުރާޢަތްތައް ބިލުގައި ކަނޑައަޅާފައިވާކަންވެސް ފަޒާދު ފާހަގަކުރެއްވިއެވެ.
މިގޮތުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ނުވަތަ ސާބިތުވާ މުދަލާއި ތަކެތި ހިފެއްޓުމުގެ އުސޫލުތަކާއި، އެމުދަލާއި ތަކެތި ދައުލަތަށް ނެގުމުގެ އުސޫލުތައް ބިލުގައި ބަޔާން ކުރުމުގެ އިތުރުން، މިބިލުގައި އެ މުދާ ބެލެހެއްޓުމަށް، އެސެޓް މެނޭޖްމެންޓް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފެއްދުމަށްވެސް ހުށައަޅާފައި ވެއެވެ.
ކުށްކޮށްގެން ހޯދާ މުދަލާއި ގުޅޭ ބިލަކީ، 9 ބާބެއްގެ މައްޗަށް 133 މާއްދާ ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ބިލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް