ފުލުހުންގެ ޚިދުމަތުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިސްވެރިން -- ފޮޓޯ: ޕޮލިސް
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ އޮނިގަނޑަށް އިއްޔެއިން ފެށިގެން ބަދަލުތަކެއް ގެނެސްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މިގެނެވުނު ބަދަލުތަކަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި ގެނެސްފައިވާ ބަދަލެކެވެ. މިގޮތުން މި ބަދަލު ތަކަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ފެންވަރު މަތި ކުރުމުގެ މަގުސަދުގައި ގެނެވުނު ބަދަލު ތަކެއް ކަމުގައިވެސް އެއިދާރާއިން ހާމަކުރައްވާފައިވެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި ބަދަލުތަކާ ގުޅިގެން، އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
މި އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ ހިދުމަތްތަކާއި، ތަހުގީގުގެ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މި އޮނިގަނޑުގައި ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތަކަކީ:
• އޮފީސް އޮފް ދަ ކޮމިޝަނަރ
• ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
• ޕްރޮފެޝަނަލް ސްޓެންޑަރޑްސް
• ނޭޝަނަލް އިންޓެލިޖެންސް ސަރވިސް
• އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
• ފޮރެންސިކް ސަރވިސަސް
• ސެންޓްރަލް އިންވެސްޓިގޭޝަންސް
• މާލޭ ޕޮލިސް
• ހުޅުމާލޭ ޕޮލިސް
• ނޮދަން ޕޮލިސް
• ސަދަން ޕޮލިސް
• ސަރވިސް ޑިވެލޮޕްމަންޓް
• ސަރވިސް ސަޕޯޓް
• ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށެވެ. މީގެ އިތުރުން، ޚިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީވެސް މި ބަދަލުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް