Post banner
ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅި އީރާނުން އަނެއްކާވެސް ބަންދުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހޮރްމޫޒް ކަނޑުއޮޅި އީރާނުން އަނެއްކާވެސް ބަންދުކޮށްފި

ހޮރްމޫޒް ކަނޑުއޮޅި --

އީރާނުން އަނެއްކާވެސް ހޮރުމޫޒް ކަނޑުއޮޅި ބަންދުކޮށްފިއެވެ.

އިރާނުން ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރީ، ހަނގުރާމަ ހުއްޓައިލުމާއި ގުޅޭ އެއްބަސްވުމާއި އީރާނުން ޚިލާފު ވެއްޖެކަމަށް ނިންމުމަށްފަހު، އިޒްރޭލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތަކާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ. އީރާނުގެ އަސްކަރިއްޔާއިން ވަނީ، ހޮރުމޫޒް ކަނޑުއޮޅިބަންދު ކުރުމަށާއި، އެތަނުން ނުކުތުމަށް މަސައްކަތް ނުކުރުމަށް އިންޒާރުކޮށްފައެވެ. އަދި އީރާންގެ އިންޒާރުތަކަށް ތަބާނުވާ އުޅަނދުތަކަށް ނުރައްކަލާއި ކުރިމަތިލާން ޖެހޭނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.

އީރާނުން ބުނެފައި ވަނީ، އީރާނުން ހޮރުމޫޒު ކަނަޑުއޮޅި ހުޅުވައިލާނީ އިޒްރޭލުން ލުބުނާނަށް ދެމުން ގެންދާ ހަމަލާތަކާއި އެކު މުޅި ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓައިލުމުން ކަމަށެވެ. އީރާނުން ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރުމަކީ، އެކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިޤުތިޞާދަށް ބުރޫއަރައިގެންދާ ކަމެކެވެ.

ލުބުނާނުގެ ދެކުނު ސަރަހައްދުތައް ހިފައިގެން ތިބި އިޒްރޭލުގެ ސިފައިންނާއި ދެކޮޅަށް، ލުބުނާނުގެ ޙިޒްބުﷲ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އިޒްރޭލު ސިފައިންގެ ހަތަރު މީހުން މަރާލުމާއި ގުޅިގެން އިޒްރޭލުން ވަނީ ލުބުނާނަށް އިތުރު ހަމަލާތައް ދޭންފަށާފައެވެ.

މި ނިމުނު ހަފްތާގައި އީރާނާއި އެމެރިކާއިން ވަނީ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމާއި ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. އަދި ސުލުހައިގެ އެއްބަސްވުމަކަށް ދިޔުމަށްޓަކައި، އިތުރު މަޝްވަރާތައް ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން، ސުލުހައިގެ އެއްބަސްވުމާއި ގުޅޭ މަޝްވަރާތައް މިވަގުތު ވަނީ އަނެއްކާވެސް ހުއްޓިފައެވެ.

އީރާނުން ޚޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާއި ގުޅިގެން ޔޫރަޕާއި އެމެރިކާއަށްވެސް ވަނީ އިޤުތިޞާދީގޮތުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައެވެ. އެމެރިކާއިން އީރާނާއިއެކު ހަދަން ބޭނުންވާ ސުލުޙައިގެ އެއްބަސްވުމުގެ އެންމެ މުހިއްމު ބޭނުމަކީވެސް ހޮރްމޫޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް