Post banner
ރާއްޖެ

ތަޙްޤީޤަށް ހުރަސް އެޅިދާނެ ކަމަށް ބުނެ މަހުދީ ނިޔާވި ހާދިސާގެ މައުލޫމާތުދޭން ދެކޮޅުހަދައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ތަޙްޤީޤަށް ހުރަސް އެޅިދާނެ ކަމަށް ބުނެ މަހުދީ ނިޔާވި ހާދިސާގެ މައުލޫމާތުދޭން ދެކޮޅުހަދައިފި

ސަރޖަންޓް ފަސްޓް ކްލާސް މުހައްމަދު މަޙްދީ ---

މައުލޫމާތު ހާމަކޮށްފިނަމަ، ތަޙްޤީޤަށް ހުރަސް އެޅިދާނެ ކަމަށް ބުނެ، ސަރޖަންޓް ފަސްޓްކްލާސް މުޙައްމަދު މަޙްދީ ނިޔާވި ހާދިސާގައި ކަން ހިނގައި ދިޔަގޮތް ހާމަކުރުމަށް ޑިފެންސް މިނިސްޓްރީން ދެކޮޅު ހަދައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން، ޑިފެންސްމިނިސްޓްރީއަށް ހުށައެޅި އާރްޓީއައިއަށް އެމިނިސްޓްރީން ދިން ޖަވާބުގައި ބުނެފައި ވަނީ، އެ ހާދިސާ އަކީ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ތަޙްޤީޤުކުރަމުންދާ ހާދިސާއަކަށް ވާތީ، އެމައުލޫމާތު ހާމަކޮށްފިނަމަ ތަޙްޤީޤަށް އަސަރުކޮށްފާނެ ކަމަށް ފެންނާތީ، އެމައުލޫމާތު ދެވެންނެތް ކަމަށެވެ.

ސަރޖަންޓް ފަސްޓްކްލާސް މުޙައްމަދު މަޙްދީ ނިޔާވި ހާދިސާ ތަޙްޤީޤުކުރަމުންދާކަމުގައި ބުނުން ފިޔަވައި، އެކަމާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުންވެސް ހާމަކޮށްފައެއް ނުވެއެވެ.

އެހާދިސާ އާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެދިފައި ވަނީ މިދުއަމް ސަޢުދުއެވެ. އެހާދިސާ އާއި ގުޅޭ ގޮތުން މިދުއަމް ސުވާލުކޮށްފައި ވަނީ އެފަދަ އޮޕަރޭޝަނަކަށް ތައްޔާރުވެފައި ތިބި މިންވަރާއި ވަސީލަތްތައް ހުރި މިންވަރާއި، ސަލާމަތީގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ ގޮތުންނެވެ.

ސަރޖަންޓް ފަސްޓް ކްލާސް މުހައްމަދު މަޙްދީ ނިޔާވީ، މެއި މަހުގެ 16 ވަނަ ދުވަހުގައި ދެވަނަ ކަނޑުގެ 58 މީޓަރު އަޑީގައިވާ ހޮހަޅައިގެ ތެރޭގައި މެއި 14 ވަނަ ދުވަހު މަރުވި އިޓަލީގެ 4 ޑައިވަރުން ހޯދުމަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިންނެވެ. މަހުދީގެ ހަށިގަނޑު ނެގީ 3 ޗެމްބަރު ހުންނަ އެ ހޮހަޅައިގެ ދެވަނަ ޗެމްބަރުގެ ތެރެއިން ފުލުހުންގެ ޑައިވް ޓީމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެން ނަމަވެސް މިހާތަނަށް އެހާދިސާ އާއި ގުޅޭ ގޮތުން އެމްއެންޑީއެފުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

މަހްދީ ނިޔާވީ، ޑިކޮމްޕްރެސް ސިކްނެސް ހާލަތު ކުރިމަތިވެ، އޭޑީކޭގައި ފަރުވާދެމުން ދަނިކޮށްކަން ދޭހަވާ މޭރުމުން އެމްއެންޑީއެފުން މީޑިއާއަށް މައުލޫމާތު ދިން ނަމަވެސް، ތަފާތު އެކި މަސްދަރުތަކުން ލިބުނު މައުލޫމާތުން އެނގިފައި ވަނީ، ސަރޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަޙްދީ ނިޔާވީ، އޭނާގެ ފުޅިން އޮކްސިޖަން ހުސްވެ، ހޮހަޅައިގެ ތެރޭގައި ކަމެވެ. މަހްދީ ހޮސްޕިޓަކަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިތޯ ކުރި ސުވާލަށް ހޮސްޕިޓަލުންވެސް ޖަވާބެއް ނުދިނެވެ.

މަޙްދީ ނިޔާވުމުގެ ހާދިސާ ހިނގީ އެކަށީގެންވާ ވަޞީލަތާއި ތަމްރީންނެތި އެ ހޮހަޅައަށް ފީނުމަކީ، އިތުރު ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ ކަމެއް ކަމުގައި ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރުން އިންޒާރުކުރަމުންދަނިކޮށެވެ. މީގެ އިތުރުން އެމްއެންޑީއެފުންވެސް ބުނެފައި ވަނީ، ސިފައިންގެ ޑައިވަރުންގެ އަތުގައި ވަސީލަތާއި ތަކެތި ނެތި ނޯމަލް އެއާގައި އެހާފުނަށް ޑައިވްކުރީ، ޑައިވަރުންނަށް ރިސްކްބޮޑުކަން އެނގިތިބެ ކަމަށެވެ.

ސަރޖަންޓް ފަސްޓްކްލާސް މުޙައްމަދު މަޙުދީ ނިޔާވުމުގެ ހާދިސާގައި އެމްއެންޑީއެފްގެ އިޙްމާލު އޮތް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. މީގެ ކުރިންވެސް ހިނގާފައިވާ މިފަދަ ހާދިސާތަކުގެ މައުލޫމާތު ހާމަނުކޮށް އެމްއެންޑީއެފުން ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް