Post banner
ރާއްޖެ

އޭސީސީ ވަނީ ފެއިލްވެފައި، އުވާލަން ޖެހޭ : ކުރީގެ ޕީޖީ ޝަމީމް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އޭސީސީ ވަނީ ފެއިލްވެފައި، އުވާލަން ޖެހޭ : ކުރީގެ ޕީޖީ ޝަމީމް

އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން -- ފޮޓޯ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން ވަނީ، ފެއިލްވެފައި ކަމަށާއި، އެކޮމިޝަން އުވާލަން ޖެހޭ ކަމުގައި ކުރީގެ، ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޙުސައިން ޝަމީމް މިހެން ވިދާޅުވީ، އެމަނިކުފާނުގެ އަމިއްލަފުޅު ބްލޮގްގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ. "ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ އުވާލުން" މި މައުޟޫގައި، ޙުސައިން ޝަމީމް ލިޔުއްވާފައިވާ ލިޔުއްވުމުގައި ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި އޭސީސީ ވަނީ ފެއިލްވެފައި ކަމަށާއި، އެކޮމިޝަންގައި މިހާރު ހުރި މައްސަލަތައްވެސް، ކޮމިޝަންގެ މަސައްކަތް ހުރި ސްޕީޑަށް ބަލާއިރު ނިންމުމަށް 11 އަހަރު ބޭނުންވާނެ ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފެންވަރު ދަށްކަމާއި އެކޮމިޝަނުގެ ރައީސްގެ ސިޔާސަތުތައްވެސް ދޯހަޅި ކަމުގައި މީގެ ކުރިންވެސް ފާހަގަކުރައްވާފައިވާނެ ކަމުގައި ކުރީގެ ޕީޖީ ޙުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

ކޮރަޕްޝަންގެ މައްސަލަަތައް ހައްލުކުރުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެއްގެ ގޮތުަގައި، ޙުސައިން ޝަމީމް ޚިޔާލު ފާޅުކުރައްވާފައި ވަނީ، މިހާރުގެ ކޮމިޝަން އުވާލައި، ރައްޔިތުންގެ މަޖިލީހުން ޢައްޔަނުކުރާ ގޮތަށް އެންޓިކޮރަޕްޝަން ކޮމިޝަނަރެއް ބެހެއްޓުމެވެ.

ޝަމީމް ވިދާޅުވީ އޭސީސީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާރު އެކޮމިޝަނަށް އަހަރަކު ނިންމެނީ 297 މައްސަލަ ކަމަށެވެ. އެއީ އެކޮމިޝަނަށް މިހާރު ހުށައެޅިފައި ހުރި މައްސަލަތަކުގެ އަދަދު ހަތަރުހާހާއި ގާތްކުރާއިއިރު، މިހާރު ހުރި ސްޕީޑުން އެމައްސަލަތައް ނިންމޭނީ 2037 ވަނަ އަހަރުކަންވެސް ޕީޖީ ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.

މާނަހުރި ގޮތެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާން ބޭނުންނަމަ، ކޮރަޕްޝަންގެ މައްސަލަތަކުގެ ތަޙްޤީޤުން ނަތީޖާ ނެރެން ބޭނުންނަމަ، އެންޓިކޮރަޕްޝަން ކޮމިޝަން އެކުލެވިގެންވާ ގޮތާއި ހިންގާގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށެވެ.

ކުރީގެ ޕީޖީ ހުސައިން ޝަމީމްގެ ލިޔުއްވުމުގެ ލިންކް ތިރީގައި އެވަނީއެވެ.
https://hushameem.com/blogs/ACC2

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް