ހައިކޯޓަށާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހައިކޯޓާއި ކުރިމިނަލްކޯޓަށް އައްޔަނުކުރެއްވި ފަނޑިޔާރުން ---
ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރުން އަދި ކުރިމިނަލް ކޯޓަށް ފަނޑިޔާރަކު ޢައްޔަނުކުރައްވައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އިއްޔެ ޢައްޔަނުކުރައްވާފައި ވަނީ، މއ.ވޭސައިޑް 410 ފްލެޓް، އަލްއުސްތާޛު ޢަބްދުލްރައޫފު އިބްރާހީމް އާއި ހުޅުމާލެ ފްލެޓް ނަންބަރު 01ޖީ-101، އަލްއުސްތާޛު އިސްމާޢީލް ޝަފީޢުއެވެ. އެ ދެބޭފުޅުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައި ވަނީ މިމަހުގެ 2 ވަނަ ދުވަހުގައެވެ. އަދި އެދެބޭފުޅުން މަޤާމުގެ ހުވާ ކުރައްވާފައި ވަނީ، އިއްޔެ އެވެ.
މީގެ އިތުރުން ކްރިމިނަލްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ، ލ.އިސްދޫ ޒުނޯރިޔާ، އަލްއުސްތާޛު އަޙްމަދު ނިޔާޒުއެވެ.
އިއްޔެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އަލުން ޢައްޔަނުކުރެއްވި ރައޫފަކީ، ކުރިންވެސް ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. 31 މޭ 2022ގައި އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ.
ޝަރުޢީ ދާއިރާއިން ވަކިވެވަޑައިގެންނެވުމަށްފަހުގައި، ވެރިކަން ކުރާޕާޓީ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ރައޫފް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި 2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޕީއެންސީގެ ޓިކެޓްގައި އޭނާ ރައްޔިތުންގެ މަޖިލީހަށްވެސް ވާދަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް