ރަންތާޖް ޤުރުއާން މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރަންތާޖު ޤުރުއާން މުބާރާތުގެ ތެރެއިން ---
ނ ހެނބަދޫ ކައުންސިލާއި ހެނބަދޫ ސްކޫލް ގުޅިގެން 102 ބައިވެރިންނާއި އެކު އެރަށުގައި ކުރިޔަށް ގެންދިޔަ ރަންތާޖް ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކޮށްފިއެވެ.
މި މުބާރާތަކީ ހެނބަދޫގައި ހާފިޘުން އުފެއްދުމާއި އެރޮނގުން ކުރިޔަށް ދިއުމަށް ފުރުސަތު ހުޅުވާލުމާއި،ކީރިތި ޤުރުއާނަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށަކަށް ހެދުމާއި، އަތޮޅު އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް ރީތި ނަން ހޯދުމަށް ދަރިވަރުން ތައްޔާރުކުރުމުގެ މަޤްސަދުގައި މުޅިން އަލަށް ފެށުނު މުބާރާތެއް ކަމަށް ހެނބަދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.
ނުބަލައި ކިޔުން އަދި ބަލައިގެން ކިޔުން ހިމެނޭހެން މުޅި ރަށަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މިމުބާރާތުގެ ނުބަލައި ކިޔުމުގެ ގޮފިން 1 ވަނަ ޙާސިލްކޮށްފައިވަނީ ޢާއިޝަތު ޝިރާ ޝިފާއު ﷲ އެވެ.
ނުބަލައި ކިޔުމުގެ ގޮފިން 2 ވަނަ ޙާސިލްކުރީ ޢާއިޝަތު ބިންތު ސާޖިދުއެވެ. ބަލައިގެން ކިޔުމުގެ ގޮފިން 1 ވަނަ އިބުރާހީމް ސަމާހް ވަހީދު ހާސިލްކޮށްފައި ވާއިރު 2 ވަނަ ޙާސިލްކޮށްފައި ވަނީ ޢާއިޝަތު ހައިފާ ބިންތު އިބުރާހިމް ސިޔާހްއެވެ.
އެކިފަރާތްތަކުގެ ދީލަތި އެހީއާއި އެކު ޖުމްލަ ޚަރަދުގެ ގޮތުގައި 50،000 (ފަންސާސް ހާސް) އަށް ވުރެއް ގިނަ ރުފިޔާ ޚަރަދުވެފައިވާ މިމުބާރާތަށް އިސްލާމިކް މިނިސްޓްރީގެ ދީނީ ކަންކަމަށް ޚަރަދުކުރާ ވަޤުފް ފަންޑާއި، އީކުއޭޓަރ މޯލްޑިވްސްގެ ފަރާތުން ފައިސާގެ އެހީ އާއި ދިރާގު އަދި މީގާތު ޙައްޖު އެންޑް އުމްރާ ގުރޫޕްގެ ފަރާތުން އެހީތެރިކަން ލިބިފައިވާ ކަމަށް ހެނބަދޫ ކައުންސިލުން ރައްޔިތުންގެ ނޫހަށް މަޢުލޫމާތު ދިނެވެ.
އުއްމީދަކީ ކުރިޔަށް އޮތް އަހަރު މިއަހަރަށް ފެންވަރު ރަނގަޅުކޮށް، ބޮޑެތި ފައިސާގެ އިނާމުތަކާއި އެކު މުބާރާތް އިތުރަށް ފުރިހަމަކުުރުން ކަމުގައި ކައުންސިލުން ހާމަކުރެއެވެ.
ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް