ފެންބޮޑުވުމުގައި ހާލުގައި ޖެހުނު މީހުންގެ ދިރިއުޅުން އާއްމު ޙާލަތަކަށް ބަދަލުވާން ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފާއިތުވެދިޔަ ހަތަރު ދުވަހު ރާއްޖެއަށް، ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ގއ. އަދި ގދ. އަތޮޅުގެ ރަށްރަށުގައި ފެންބޮޑުވުމަށްފަހު، މިހާރު މޫސުން ރަނގަޅުވަމުން އަންނަކަމަށާއި، ހާލުގައި ޖެހުނު މީހުންގެ ދިރިއުޅުން އާއްމު ޙާލަތަށް ބަދަލުވަމުން އަންނަ ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، (އެން.ޑީ.އެމް.އޭ) އިން ވިދާޅުވެއްޖެއެވެ.
އެ އޮތޯރިޓީން ވިދާޅުވީ، މި ވިއްސާރައިގައި ގެއްލުން ލިބުނު ގެތައް ސާފުކުރުމާއި، ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މިހާރު ވަނީ ފަށާފައި ކަމަށެވެ. އަދި ދިރިއުޅުމަށް ދަތިވެގެން ވަގުތީގޮތުން އެހެން ތަންތަނަށް ބަދަލުކުރެވުނު ޢާއިލާތައް އަނބުރާ އެމީހުންގެ ގެދޮރަށް ބަދަލުވުމުގެ އިންތިޒާމުތައްވެސް ދަނީ ހަމަޖައްސަމުންކަމުގައި އެ އޮތޯރިޓީން ވިދާޅުވިއެވެ. މީގެއިތުރުން، ފެންބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށުގެ ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަތައް ޙައްލުކުރެވި، ޚިދުމަތް މިހާރު ވަނީ ގާތްގަނޑަކަށް ޢާންމު ޙާލަތަކަށް ގެނެވިފައި ކަމުގައިވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، ރަށްރަށުގެ ޙާލަތު އާދައިގެ ދިރިއުޅުމަކަށް ރުޖޫޢަވަމުންދާއިރު، ފެންބޮޑުވި ސަރަޙައްދުތަކާއި ގެދޮރު ސާފުކުރުމުގައި ސަމާލުކަންދޭންޖެހޭ ޞިއްޙީ އިރުޝާދުތައް، ޞިއްޙީ މަރުކަޒުތައް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ދަނީ ޢާންމުންނަށް ފޯރުކޮށްދެމުން ދާނެކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ވިއްސާރައިގައި ލިބުނު ގެއްލުންތައް ވަޒަންކުރުމަށްފަހު ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަން އެ އޮތޯރިޓީން ވިލަރެސްކޮށް ފޯރުކޮށްދެމުން ގެންދާނެކަމުގައިވެސް އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.
ޕެސިފިކް ކަނޑުގައި އުފެދިފައިވާ 'އެލްނީނޯ' ގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ބޮޑުވާނެކަމަށް ލަފާކުރެވިފައިވާތީ، ވިއްސާރަ ފެށުމުގެ ކުރިން ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމީ އިންޒާރުތައް ދިޔައީ ނެރެމުންނެވެ. އެހެންކަމުން، ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް ކައުންސިލްތަކާއި އެކި މުއައްސަސާތަކުން ވަނީ ދުރާލައި ތައްޔާރީ ފިޔަވަޅުތައް އަޅާފައި ކަމުގައިވެސް އެންޑީއެމްއޭއިން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް