ތުޅާދޫ ކައުންސިލްގެ 2 ވަނަ ފުޓްބޯޅަ މުބާރާތް ފައިނަލް މިއަދު ކުޅެނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ތުޅާދޫ ކައުންސިލްގެ 2 ވަނަ ފުޓްބޯޅަ މުބާރާތް "ލެކުއަރ އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕް"ގެ ފައިނަލްގައި ނިމުނު އަހަރުގެ ރަނަރއަޕް ކުލަބު ތޮޅިހެލޭ އަދި އެފްސީ ބިއްލޫރި ވާދަކުރާ މެޗް މިއަދު ހަވީރު އޮންނާނެއެވެ. ލީގު އުސޫލުން ކުރިޔަށް ގެންދިޔައިރު، މިދެޓީމް ފައިނަލަށް ދަތުރުކުރީ ލީގުބުރުގައި ބާކީ 1 މެޗު އޮއްވާ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްގެންނެވެ.
ކުލަބު ތޮޅިހެލޭއިން ކުޅުނު 3 މެޗުން 9 ޕޮއިންޓް ހޯދިއިރު އެފްސީ ބިއްލޫރިން ކުޅުނު 3 މެޗުން 2 މޮޅާއި އެކު 6 ޕޮއިންޓް ހޯދާފައިވެއެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި ކުލަބު ތޮޅިހެލޭއިން ކަފަމާ ޔުނައިޓެޑާއި ބައްދަލުކޮށް 1-3 ގެ ނަތީޖާ އަކުން އަދި ދެވަނަ މެޗުގައި 0-9 އިން ޓީމް އެޑްވާންޓޭޖް ބަލިކޮށްފައި ވާއިރު އެޓީމުގެ ފަހު މެޗުގައި އެފްސީ ބިއްލޫރި އާ ކުޅެ 2-5 އިން މޮޅުވެގެންނެވެ.
އެފްސީ ބިއްލޫރިން އެޓީމުގެ ފުރަތަމަ މެޗުގައި އެޑްވާންޓޭޖް 1-10 އިން ބަލިކޮށް،ދެވަނަ މެޗު ކާމިޔާބު ކުރީ ކަފަމާ ޔުނައިޓެޑްގެ މައްޗަށް 1-3 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
ފަހު މެޗުގައި ކުލަބު ތޮޅިހެލޭ އަތުން ބަލިވި ނަމަވެސް ދެމެޗުން މޮޅުވެ ފައިނަލުން ޖާގަ ހޯދީ ޕޮއިންޓް ޓޭބަލްގެ ދެވަނައިގައި އޮވެއެވެ. މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖަހާފައިވަނީ އެފްސީ ބިއްލޫރީގެ ޖާޒީ ނަމްބަރު 77 ޢަލީ ވިޝާންއެވެ. އޭނާ 7 ގޯލް ޖަހާފައިވެއެވެ. އަދި 5 ގޯލާއި އެކު ދެވަނައިގަ ކުލަބު ތޮޅިހެލޭގެ ޖާޒީ ނަމްބަރު 19 ޙަސަން ޝާމް(ހަސްކާ)އެވެ.
ނިމުނު އަހަރުގެ މުބާރާތުގައި 3 ކުޅުންތެރިޔަކު 5 ގޯލާއިއެކު ޓޮޕް ސްކޯރަރ ގެ މަޤާމު ހޯދާފައި ވެއެވެ. އެއީ މުބާރާތުގެ މޮޅުކުޅުންތެރިޔާ ހޯދި ޗެންޕިއަން ޓާރގެޓް ސްޕޯޓްސްގެ މުޙައްމަދު ފާސިރު (ފާއްޓެ)ގެ އިތުރުން އެޓީމުގެ އިޝާން އިބްރާހިމް(ސައްޓު) އަދި ސެމީގައި ޓަރގެޓް އަތުން ބަލިވި ދެކުނު ކަންމަތީގެ އަޔާޒް އަޙްމަދުއެވެ.
ފައިނަލް މެޗުގައި ތޮޅިހެލޭގެ ސްކޮޑްގައި ހިމެނޭ އޭދަފުށީގެ ވެލާ ސްޕޯޓް ކުލަބަށް ކުޅޭ ދެކުޅުންތެރިން އަޙްމަދު ސުހެއިލް(ޝުއްކޮ) އަދި ނިމުނު އަހަރުގެ ޗެންޕިއަންކަން ޓަރގެޓް ސްޕޯޓްސް ކުލަބާއި އެކު ހޯދާފައިވާ އިޝާން އިބްރާހީމް(ސައްޓު) އަދި އެފްސީ ބިއްލޫރީގައި ހިމެނޭ ބުރު ސްޕޯޓްސް ކުލަބުގެ ޝަމްވީލް މުޙައްމަދު (ބޮންޑާ) ފެނިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
4 ޓީމް ވާދަކުރި މިމުބާރަތުގައި ޒުވާން ޓީމް ކަފަމާ ޔުނައިޓެޑް 3 ޕޮއިންޓް އަދި ޓީމް އެޑްވާންޓޭޖުން މުބާރާތް ނިންމާލީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ. ކުރިން 35،000 ރުފިޔާގެ އިނާމް ކަނޑައެޅި ނަމަވެސް މިހާރު ވަނީ ޗެންޕިއަން ޓީމަށް 40،000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖައްސާފައި ކަމަށް މަޢުލޫމާތުލިބެއެވެ.
ފައިނަލް މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 15:45 ގައި ތުޅާދޫ ފުޓްބޯޅަ ދަނޑުގައެވެ. މިމެޗް ތުޅާދޫ ކައުންސިލްގެ ޔޫޓިއުބް ޗެނަލް އިން ލައިވް ކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް