ދުނިޔެ

ބީ.ބީ.ސީގެ އަތުން 10 ބިލިއަން ޑޮލަރު ހޯދަން ޓްރަމްޕް ކޯޓަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބީ.ބީ.ސީގެ އަތުން 10 ބިލިއަން ޑޮލަރު ހޯދަން ޓްރަމްޕް ކޯޓަށް

ބީބީސީ ނިއުސް ސްޓޫޑިއޯ --- ފޮޓޯ: ބީބީސީ

ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، (ބީ.ބީ.ސީ)ގެ އަތުން ބަދަލުގެ ގޮތުގައި 10 ބިލިއަން ޑޮލަރު ހޯއްދެވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޯޓަށް މައްސަލަ ހުށައަޅުއްވައިފިއެވެ.

ޓްރަމްޕް ކޯޓަށް މައްސަލަ ހުށައަޅުއްވާފައި ވަނީ، 2021ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހު އޭނާއަށް ތާއީދުކުރާ މީހުންނާއި މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅެއްގެ އަސްލު ގެއްލޭ ގޮތަށް ބީބީސީން އެޑިޓްކޮށްގެން ބްރޯޑްކާސްޓްކޮށްފައި ވާތީއެވެ. ރިޔާސީ އިންތިޚާބުގެ ބަލި ޤަބޫލު ނުކުރައްވައި، އެދުވަހު ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން އޭނާއަށް ތާއީދު ކުރާ ފަރާތްތަކުން، އެމެރިކާގެ ޤާނޫނު ހަދާމަޖިލީހުގެ ޢިމާރާތް ކެޕިޓޮލްއަށް ވަދެ ހަމަނުޖެހުންތައް ހިންގިއެވެ.

އެހަމަނުޖެހުންތައް ހިނގީ ޓްރަމްޕްގެ ތަޤުރީރުގައި އޭނާ ގޮވައިލި ގޮވައިލުމުގެ ސަބަބުންކަމުގައި ބީބީސީން ޚަބަރު ފެތުރިނަމަވެސް އެ އެތަޤުރީރުގައި ސުލުހަވެރިކަމާއި އެކު އިޙްތިޖާޖު ކުރުމަށް އޭނާ ގޮވައިލެއްވި ގޮވައިލެއްވުން ހިމަނާފައި ނުވަނީ ގަސްތުގައި އޭނާގެ އަގު ވައްޓައިލުމުގެ ގޮތުން ކަމުގައިވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެމައްސަލަ ހޫނުވެ ރަސްމީގޮތުން، ބީބީސީން ޓްރަމްޕްގެ ކިބައިން މަޢާފަށްވެސް އެދުނެވެ.

ޓްރަމްޕް ބީބީސީ އާއި ދެކޮޅަށް ދެ ދަޢުވާއެއް ކޮށްފައިވާއިރު، އެއިން ކޮންމެ ދަޢުވާއެއްގައިވެސް 5 ބިލިއަން ޑޮލަރުގެ ބަދަލެއް ނަގައިދިނުމަށް އޭނާ ހުށައަޅުއްވާފައިވެއެވެ. ޓްރަމްޕަކީ، އޭނާއާއި ދެކޮޅު ޚަބަރުތައް ގެނެސްދޭ މީޑިއާތަކާއި ނޫސްތަކަކީ، ފޭކު ނިއުސްތައް ކަމުގައި ބުނެ އެމެރިކާގެ ނޫސްވެރިންނާއި މެދުވެސް ތަފާތުކުރުންތައް ގެންގުޅުއްވާ ރައީސެކެވެ.

share

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

0/1000 އަކުރު

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ. އަދަބުވެރި ގޮތުގައި ބަހުސް ކުރައްވާ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް