ރިޝްތާގެ ތަޞައްވަރުގައި އޮތީ ކާށިދޫގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ކ. ކާށިދޫ ކައުންސިލްގައި އަންހެނުނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށް ކުރިމަތިލާފައިވާ، އެއް ކަނބަލަކީ، ކ. ކާށިދޫ، ފާގަތި ރިޝްތާ ސަމީރެވެ. ރިޝްތާގެ ކެންޑިޑޭޓް ނަމްބަރަކީ 8 އެވެ.
ރިޝްތާއަކީ ތަޢުލީމީ ދާއިރާގައި، 20 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި، އިޖުތިމާޢީ ޚިދުމަތްތަކުގައިވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ.
ރިޝްތާ ފާހަގަކޮށްފައިވާ ގޮތުގައި ރަށާއި، ރަށުގެ އަންހެނުންނަށް ޚިދުމަތް ކުރުމުގައި އޭނާގެ ތަޞައްވަރެއް އެބައޮތެވެ. ބޭނުންވަނީ، ރައްޔިތުންގެ ތާއީދާއި އެކު މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދުމުގައި މަސައްކަތް ކުރާނޭ ރަސްމީ ހައިސިއްޔަތެކެވެ. އެ ހައިސިއްޔަތަކީ، ކ، ކާށިދޫ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ރައްޔިތުން ދެއްވުމެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ކާށިދޫ ގައި ވަރަށް ބޮޑުވެފައިވާ މައްސަލައަކަށްވެފައި ވާއިރު ޒުވާންޖީލެއް ހަލާކުވެދާން ދޫކޮށް ނުލައި، ސަރުކާރުގެ ގުޅުންހުރި ދާއިރާތަކާ ގުޅިގެން އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ ރިޝްތާ ކުރަން އެންމެ ބޭނުންވާ ކަންތަކުގެ ތެރޭގައި ފާހަގަކޮށްފައި ވެއެވެ. އަދި ހަމަ އެއާއެކުގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި ، ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދީ ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމާއި ، ހާއްޞައެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިސްރައްވެހިންނަށް ހިތްހަމަޖެހޭ މާހައުލެއް ރަށުގައި ޤާއިމްކޮށްދިނުމަކީ އޭނާގެ ތަޞައްވަރުގައި ހިމަނާފައިވާ ކަންކަމެވެ.
"އަންހެން މެންބަރެއްގެ ގޮތުގައި ނިކުމެ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެހީތެރިވެދިނުމާއި، އެ ކަނބަލުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއި، އިގްތިސާދީ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަކީ ކުރަން ބޭނުންވާ ކަންކަން." ރިޝްތާ ބުނުއްވިއެެވެ.
ކާށިދޫ ކައުންސިލުގެ އިންތިޚާބުގައި ރިޝްތާ ވާދަކުރަނީ، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޓިކެޓުގައެވެ. ރިޝްތާ ޤަބޫލުކުރައްވާ ގޮތުގައި، ސަރުކާރު ހިންގާ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ނިކުމެން ނޫނީ ރައްޔިތުން އެދޭފަދަ ހަލުވި މިނެއްގައި ރަށުގެ ތަރައްޤީއަށް މަސައްކަތްތަކެއް ނުކުރެވޭނެއެވެ. ފާއިތުވި ތަނުގައި ރާއްޖޭގެ ސިޔާސީ މަޝްރަޙުން ފެންނަން އޮތީވެސް އެގޮތަށް ކަން ހިނގާފައިވާ ތަނެވެ.
ރިޝްތާއަށް އޮތް ޢިތުބާރާއި ޔަޤީންކަމަކީ، ތަޢުލީމީ ދާއިރާއިން އޭނާ ހޯދި ތަޖުރިބާއިން ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެވޭނެ ކަމެވެ. މީގެ 20 އަހަރު ކުރިން ކާށިދޫ ޕްރީ ސްކޫލުގައި ރިޝްތާ ކިޔަވައިދޭން ފެށި އިރު އޭރު ތިބި ދަރިވަރުންނަކީ، މިހާރު މިވޯޓުގައި ބައިވެރިވެ ގޮތް ނިންމަންވެސް ތިބި ރައްޔިތުންނެވެ. އެހެންވެ، ރައްޔިތުން ނިންމާ ގޮތެއްގައި ކުރިޔަށް ދިޔުމަށް ރިޝްތާ ހުރީ ތައްޔާރު ވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް