މިނިވަން ދުވަސް މާލޭގައި ފާހަގަކުރުމަށް އާޓްސް މިނިސްޓްރީން 4 މިލިއަން ޚަރަދުކުރި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިނިސްޓަރ ހީނާ ވަލީދު --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ގުޅޭ މުނާސަބަތާއި ގުޅުވައި، މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކަށް، 4.1 މިލިޔަން ރުފިޔާ ޚަރަދުކުރައްވާފައިވާ ކަމުގައި މިނިސްޓަރ އޮފް އާޓްސް. ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ ވަލީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި، ގަލޮޅު އުތުރު ދާއިރާ ގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މުޙައްމަދު އިބްރާހީމް ސުވާލު ކުރައްވާފައި ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް އެ މިނިސްޓްރީން ހިންގެވި ޙަރަކާތްތަކަށް ޖުމްލަ ޚަރަދުކުރެއްވި ގޮތާއި ހިނގި ޚަރަދުތަކުގެ ތަފްޞީލު ދެއްވުން އެދިގެންނެވެ.
ހީނާ ވިދާޅުވީ، އެމިނިސްޓްރީން މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ހިންގާފައި ވަނީ ހަމައެކަނި މާލޭގައި ކަމަށާއި، އަތޮޅުތެރޭގެ އެހެން އެއްވެސް ރަށެއްގައި އެމިނިސްޓްރީން ޚަރަދުކޮށްގެން މިނިވަން ދުވަސް ފާހަގަކުރުމުގެ އެއްވެސް ހަރަކާތެއް ހިންގަވާފައި ނުވާނެ ކަމަށެވެ.
މިނިވަން ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް އާޓްސް. ކަލްޗަރ އެންޑް ހެރިޓޭޖުން 4.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ ހީނާ ހާމަކުރެއްވި އިރު، ސަރުކާރުގެ އެހެން މިނިސްޓްރީތަކުންވެސް މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކަށް ބޮޑު ހޭދައެއް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް