ގަދަ ހުމެއްގައި މ މުލިން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މުލީ ރީޖަނަލް ހޮސްޕިޓަލް --- ފޮޓޯ: ރައްޔިތުންގެ ނޫސް
ގަދަ ހުމެއްގައި، މ. މުލިން މިރޭ 17 އަހަރުގެ އަންހެންކުއްޖަކު ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ، މ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގުރޭޑް 11ގައި ކިޔަވަމުން އައި ދަރިވަރެކެވެ. މުލީ ރީޖަނަލް ހޮސްޕިޓަލްގައި އެކުއްޖާ ނިޔާވީ މިރޭގެ 11 ޖެހިފަހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހުން އަންނާތީ، އެކުއްޖާ މުލީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކުރީ އަންގާރަ ދުވަހުގައިކަމަށް މުލީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ލިބިފައި ވެއެވެ. އަދި ކުއްޖާގެ ހާލު ކުއްލިއަކަށް ގޯސްވީ މިރޭގައި ކަމަށްވެސް މައުލޫމާތު ލިބުނެވެ. ބެލެވިފައި ވަނީ އެކުއްޖާ ނިޔާވީ ޑެންގޫހުމުގައި ކަމަށެވެ. އެހެންނަމަވެސް އެކަން ކަށަވަރެއް ނުވެއެވެ. މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނީ މުލީ ރީޖަނަލްހޮސްޕިޓަލްގައި ޑެންގޫ ހުމުގެ ޓެސްޓްތައް ނުހެދޭ ކަމަށެވެ.
މުލީގައި ހުމާއި ރޯގާ ވަރަށް ބޮޑަށް ފެތުރެމުން އަންނަ ކަމަށާއި، ރަށުތެރޭގައި މަދިރި ގިނަވެ އެކަމުގެ އުނދަގޫތައްވެސް ބޮޑުކަމުގައި މުލީގެ އާއްމު ރައްޔިތުން ބުނެފައި ވެއެވެ.
މި އޭޕްރީލް މަހުގައި، ޑެންގޫހުން ޖެހިގެން 22 އަހަރުގެ ޒުވާނަކުވެސް ނިޔާވެފައި ވެއެވެ. އެއީ ށ. މިލަންދޫއިން ޑެންގޫހުން ޖެހި، ހާލު ސީރިއަސްވެގެން މާލެ ގެނެސް ފަރުވާދެމުން ދިޔަ ޒުވާނެކެވެ. އޭނާ ނިޔާވީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގައެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެންގޫހުން އަންނަނީ ފެތުރެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް