ވަޒީރުންގެ މަޖިލިސް ކުޑަކޮށް މިއަދު އިސްތިއުފާދެއްވި އެއްވެސް ވަޒީރަކު ނުހިމަނުއްވައި އަލުން ވަޒީރުންގެ މަޖިލިސް އެކުލަވާލައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ވަޒީރުންގެ މަޖިލީހަށް ޢައްޔަނު ކުރެއްވި ބޭފުޅުން --
ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކާއި އެކު، ވުޒާރާތަކުގެ އަދަދަށް ބަދަލު ގެންނަވައި ވަޒީރުންގެ މަޖިލީހަށް މެމްބަރުން ޢައްޔަންކުރައްވައިފިއެވެ.
މިއަދު ވަޒީރުންގެ މަޖިލިސް އަލުން އެކުލަވާލެއްވި އިރު، އެމަޖިލީހުގައި ހިމެނެނީ، ބަންޑާރަ ނައިބާއިއެކު 15 ވަޒީރުންނެވެ. އޭގެ ތެރެއިން 12 ވަޒީރަކު މިއަދު ވަނީ މަޤާމުގެ ހުވާ ކުރައްވާފައެވެ.
ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރެއްވި މެމްބަރުންނަށް މަޤާމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.
މިއަދު ވަޒީރުންގެ މަޖިލީހަށް ޢައްޔަނު ކުރެއްވި ބޭފުޅުންނާއި އެބޭފުޅުން ޢައްޔަނުކުރެއްވި ވުޒާރާތަކަކީ؛
1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަލްފާޟިލް މޫސާ ޒަމީރު
2. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާން
3. މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމް
4. މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ އިސްމާޢީލް ޝަފީޢު
5. މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ޤީލާ ޢަލީ
6. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙައްމަދު ސަޢީދު
7. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
8. މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލް މުޙައްމަދު އަމީން
9. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަލްފާޟިލް ޢަބްދުﷲ ރާފިޢު
10. މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ހީނާ ވަލީދު
11. މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް
12. މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަލީ ޝަރީފް
ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، ބޭފުޅުންގެ ތެރެއިން ބަންޑާރަ ނައިބު އަޙްމަދު އުޝާމްގެ މަޤާމަށް ބަދަލެއް ގެންނަވާފައި ވާއިރު، ދެ ވުޒާރާއަކަށް ވަޒީރުން ޢައްޔަނު ކުރައްވާފައެއް ނުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ޑިފެންސް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީއެވެ. ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނު މިއަދު އިސްތިއުފާ ދެއްވާފައި ވާއިރު، ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް މިވަގުތު ރާއްޖޭގައި ވަޑައިގެން ނޫޅުއްވައެވެ. އަދި ޝިޔާމް އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައިވެސް ހިމެނިވަޑައެއް ނުގަންނަވައެވެ.
ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ބޮޑު ބަދަލެއް މިގެންނެވީ، ސަރުކާރަށް ކައުންސިލް އިންތިޚާބާއި ޚިޔާލު ހޯދުމުގެ ވޯޓުގައި ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވެފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް