ރާއްޖެ

މި ވެރިކަމުގައި ޖަލަށްލީ އެއްވެސް ސިޔާސީ ލީޑަރެއް ނުހުންނާނެ: ރައީސް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މި ވެރިކަމުގައި ޖަލަށްލީ އެއްވެސް ސިޔާސީ ލީޑަރެއް ނުހުންނާނެ: ރައީސް

އެއްވެސް ސިޔާސީ ލީޑަރެއް ޖަލަށްލާން ބޭނުންފުޅުނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވި --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޕީއެންސީގެ ވެރިކަމުގައި މިއަދާހަމައަށްް އެއްވެސް ސިޔާސީ ލީޑަރެއް ޖަލަށް ނުލާކަމަށާއި، ސިޔާސީ ބޭނުމެއްގައި ރާއްޖޭގެ ކުރީގެ އެއްވެސް ސިޔާސީ ލީޑަރެއް ޖަލަށްލާން ބޭނުންފުޅުނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނޫސްވެރިޔަކު އިނދިކޮޅުން މިހާރު ކުރަމުންގެންދާ މުޒާހަރާއާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ މިއަދާހަމައަށް ފުލުހުންގެ އިދާރާއަށް ސިޔާސީ މީހަކަށް ވެގެން ގެންގޮސްފައިވާ ވަކި މީހަކު ނުހުންނާނެ ކަމަށެވެ. އެމަނިކުފާނު ވަނީ ކުރީ ވެރިކަންތަކުގައި ސިޔާސީ ލީޑަރުން ޖަލުގައި ތިއްބަވަންޖެހޭކަމަށް ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން އެންމެންގެ ވެސް އެބައޮތް ހައްގުތަކެއް. ހިޔާލުފާޅުކުރުމުގެ ހައްގު އެބައޮތް. އެއްވެ އުޅުމުގެ ހައްގު އެބައޮތް. އެ ހައްގުގެ ބޭނުން ހިފަންވީ ހުދޫދުތަކުގެ ތެރޭގައި. އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި ގާނޫނުއަސާސީގެ ހުދޫދުތަކުގެ ތެރޭގައި"

ރައީސް ވިދާޅުވީ ހައްގުތަކުގެ ބޭނޫން އިސްލާމްދީނާއި ހާނޫނުއަސާސީގެ ހުދޫދުތެރޭގައި ނުހިފޭނަމަ ރައްޔިތުންގެ ތާއީދު އެކަމަށް އޮތް ކަމަށް ގަބޫލުފުޅުނުކުރެވޭ ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ އެފަދަ ހާލަތްތަކުގައިވެސް ފިޔަވަޅުނާޅާ ވޭތޯ މުއައްސަސާތަކުން ބަލަމުންގެންދާކަމަށެވެ.

ނަމަވެސް، ފިޔަވަޅު އަޅަންޖެހިއްޖެ ހާލަތެއްގައި އެ މުއައްސަސާތަކުން އެފަރާތަކާމެދު އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް