އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އާޝާ ބޯސްލޭ --
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެއެވެ.
އުމުރުން 92 އަަހަރުގައި އާޝާބޯސްލޭ މަރުވީ، މިއަދު ހެނދުނު މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައެވެ.
އާޝާ ނިޔާވީ، މުސްކުޅިބަލީގައި ދިމާވި އެތެރެހަށީގެ ގުނަވަންތައް ފެއިލްވުމާއި ހިތާއި ފުއްޕާމޭގެ މައްސަލަ ތަކުގައެވެ. އާޝާ ބޯސްލޭގެ ފިރިހެން ދަރިފުޅު އާނަންދު ބޯސްލޭ އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އާޝާގެ ހާލު ގޯސްވެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އިއްޔެއެވެ.
އާޝާ މަރުވުމާއި ގުޅިގެން އިންޑިއާގައި ވަނީ ޤައުމީ ހިތާމަ އިޢުލާނުކޮށްފައެވެ. އާޝާގެ ޖަނާޒާ އޮންނާނީ، މާދަމާ ހަވީރު، އޭނާގެ ގެ ކާސާ ރެސިޑެންސްގައެވެ. އާޝާ މަރުވުމަކީ، އިންޑިއާގެ މިއުޒިކީ ދުނިޔޭގެ ޒަމާނެއްގެ ނިމުންކަމުގައި އިންޑިއާގެ މިޔުޒިކީ ފަންނާނުން ވަނީ ސިފަކޮށްފައެވެ.
އާޝާއަކީ، އިންޑިއާގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާމަންގޭޝްކަރުގެ ކޮއްކޮއެވެ.
އާޝާގެ އެންމެ މަޤުބޫލު ލަވަތަކުގެ ތެރޭގައި، ފިލްމު ޔާދޯންކި ބާރާތުއަށް އޭނާ ކިޔާދީފައިވާ ޗުރާލިޔާހެ ތުމްނޭ ޖޯ ދިލްކޯ އާއި ފިލްމް ކާރްވާންއަށް އޭނާ ކިޔައިދީފައިވާ ޕިޔާ ތޫއަބްތޯ އާޖާ، އަދި ފިލްމް ހަރޭ ރާމާ ހަރޭ ކްރިޝްނާއަށް ކިޔައިދީފައިވާ ޑަމް މަރޯޑަންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް