ތެލާއި ގޭސް ލިބުން ދަތިނުވާނެކަމަށް ސަރުކާރުން ބުނީ ތިން ދުވަސްކުރިން، މިއަދު ކޮންޓްރޯލްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މޯލްޑިވް ގޭސްގެ ސިލިންޑަރެއް --- ފޮޓޯ: ރައްޔިތުންގެ ނޫސް
ތެލާއި ގޭސް ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ސަރުކާރުން އިޢުލާނު ކުރިތާ 3 ވަނަ ދުވަހު ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން، ގޭސްއަޅައިދޭ މިންވަރާއި އަދަދު މިއަދުން ފެށިގެން ކޮންޓްރޯލްކޮށްފިއެވެ.
މޯލްޑިވް ގޭސްއިން ބުނެފައި ވަނީ އެކުންފުނިން އައު ކަސްޓަމަރުންވެސް ނެގުން މިއަދުން ފެށިގެން މަޑު ޖައްސާލާފައި ވާކަމަށެވެ. އަދި އާއްމު ގޭބިސީތަކުގައި ބޭނުންކުރާ 11 ކިލޯގެ ގޭސްފުޅިތަކަށް މިހާރު ރިފިލްކޮށްދޭއިރު އަޅައިދޭނީ 5 ކިލޯ ކަމުގައިވެސް އެކުންފުނިން ބުނެފައި ވެއެވެ.
މޯލްޑިވް ގޭސްއިން ބައެއް އާއްމު ފަރާތްތަކަށްވެސް މައުލޫމާތު ދެމުން ބުނެފައި ވަނީ، އާއްމު ގޭބިސީތަކަށް ދެބައިކުޅަ އެއްބަޔަށް ގޭސް ވިއްކުން މަދުކޮށްފައިވާ ކަމަށާއި، މިހާރު ވިއްކާނީ 100ރ އަށް 5 ކިލޯގެ ގޭސް ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ތެލާއި ގޭހަށް ނުޖެހޭނެ ކަމަށާއި ރާއްޖެއަށް ބޭނުންވާ މިންވަރަށް ތެލާ ގޭސް ސްޓޮކްގައި ހުރި ކަމަށެވެ. އަދި އިތުރު ޝިޕްމަންޓްތައްވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އެދުވަހު ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ ކުރިން ހަނގުރާމަ ފެށިތާ 5 ދުވަސް ފަހުން މާރިޗު މަހުގެ 3 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުވެސް ރާއްޖެ ތެލާއި ގޭހަށް ނުޖެހޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާވެސް އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔަޤީންކަން ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް