ރާއްޖެ

ސްކޫލް ޕީޓީއޭއިން ހޯދާ ފައިސާގެ %60 ސްކޫލުގެ އުމުރާނީ ތަރައްޤީއަށް ޚަރަދުކުރަން ދޭންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސްކޫލް ޕީޓީއޭއިން ހޯދާ ފައިސާގެ %60 ސްކޫލުގެ އުމުރާނީ ތަރައްޤީއަށް ޚަރަދުކުރަން ދޭންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި

މިނިސްޓަރ އޮފް އެޑިޔުކޭޝަން --- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ސްކޫލުތަކުގައި އުފައްދާ، ޕޭރެންޓީޗަރ އެސޯސިއޭޝަންތަކުން ހޯދާ ފަންޑުގެ %60 އިންސައްތަ، ސްކޫލުތަކުގެ އުމުރާނީ ތަރައްޤީއަށް ދޭންޖެހޭ ގޮތަށް އުސޫލުބަދަލުކޮށް އެގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލުތަކަށް އަންގައިފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއްޔެ ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާގައި ވިދާޅުވެފައި ވަނީ، 2026 ވަނަ އަހަރަށް ސްކޫލުތަކުގެ ޕީޓީއޭތައް އެކުލަވާލުމުގައި އަމަލުކުރަންވާނީ، މިހާރު އިސްލާޙްކޮށްފައިވާ ޑްރާފްޓްއާ އެގޮތަށް ކަމަށެވެ. އަދި ސްކޫލުތަކުގެ ޕީޓީއޭތައް އެކުލަވާލައި ހިންގާނެ ގޮތުގެ އުސޫލުގެ ފައިނަލް ޑޮކިއުމެންޓް ފަހުން ހިއްސާކުރާނެ ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

ޕީޓީއޭތައް މިހާތަނަށް ހިންގަމުން އައީ، 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކުލަވާލާފައިވާ އުސޫލާއި އެއްގޮތަށެވެ. އެ އުސޫލުގައި ޕީޓީއޭތަކުން ހޯދާ ފައިސާއަކީ، ސްކޫލުތަކުގެ ޢުމުރާނީ ތަރައްޤީއަށް ދޭންޖެހޭ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް އަލަށް އިސްލާޙްކުރި އުސޫލުގައި އެންމެ ބޮޑު ބަދަލެއް ގެނެސްފައި ވަނީ ޕީޓީއޭތަކުން ހޯދާ ފައިސާ ޚަރަދު ކުރާނެ ގޮތްތައް ކަނޑައެޅުމަށެވެ. އެގޮތުން އައު އުސޫލުގައި ބުނެފައި ވަނީ، ސްކޫލުގެ ޢުމްރާނީ ވަޞީލަތެއްގެ ބޭނުންކޮށްގެން ފައިސާ ހޯދާނަމަ، އެ ހޯދި ފައިސާގެ %60 ސްކޫލުގެ ޢުމްރާނީ ތަރައްޤީއަށް ޚަރަދުކުރަން ޖެހޭނެ ކަމަށެވެ. އަދު އުނގަންނައި ދިނުމުގެ ހަރަކާތްތަކަށް ޚަރަދު ކުރެވޭނީ %30 ކަމަށާއި އެހެނިހެން ކަންކަމަށް ޚަރަދު ކުރެވޭނީ %10 ޕަސެންޓްކަމުގައިވެސް އައު އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ކުރީގެ އުސޫލުގައި ޕީޓީއޭއިން ސްކޫލުގެ ޢުމްރާނީ ތަރައްޤީއަށް ކަމެއް ކުރަން ބޭނުންވާނަމަ، އެކަމެއް ކުރަން ފުރަތަމަ ޖެހޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހުއްދަ ހޯދާށެވެ. އައު އުސޫލުގައި ގެނެސްފައިވާ ބަދަލުގައި، ޕީޓީއޭތަކުން ހޯދާ ފައިސާ ސްކޫލުގެ ޢުމްރާނީ ތަރައްޤީއަށް ދޭންޖެހުން ވަނީ ލާޒިމްކޮށްފައެވެ.

މީގެ އިތުރުން އައު އުސޫލުގެ 23 ވަނަ މާއްދާގައި ވަނީ، ޕީޓީއޭގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް، ޕީޓީއޭގެ ހިންގާ ކޮމިޓީން އެއްބާރުލުން ނުދޭނަމަ، އަދި މިނިސްޓްރީގެ އުސޫލުތަކާއި ޚިލާފަށް ޕީޓީއޭއިން ނިންމުންތައް ނިންމާނަމަ، ޕީޓީއޭގެ ހިންގާ ކޮމިޓީ އުވާލައި، އަލުން އެކުލަވާލުމުގެ ބާރު، ސްކޫލުގެ ޕްރިންސިޕަލަށާއި، މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައެވެ.

އަލަށް އެކުލަވާލި ޑްރާފްޓަށް އިއްޔެއިން ފެށިގެން ޢަމަލުކުރަން ޖެހޭނެކަންވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންވަނީ ސްކޫލުތަކަށް އިއްޔެ އަންގާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް