Post banner
ރާއްޖެ

ސިޔާސީ މުވައްޒަފުންގެ އަދަދު ވިދާޅުވާކަށް ތަރުޖަމާނަކަށްވެސް ކެރިވަޑައެއް ނުގަތް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސިޔާސީ މުވައްޒަފުންގެ އަދަދު ވިދާޅުވާކަށް ތަރުޖަމާނަކަށްވެސް ކެރިވަޑައެއް ނުގަތް

ސަރުކާރުުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ---

މިސަރުކާރުން ސިޔާސީ މަޤާމުތަކަށް ޢައްޔަނުކޮށްފައިވާ މީހުންގެ އަދަދަށް ބަދަލު އަންނަމުންދާތީ އެއަދަދު ވިދާޅުވާން ކެރިވަޑައިނުގަންނަވާކަން، ސަރުކާރުުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ހާމަކުރައްވައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަދަދު ނޫހުގެ ނޫސްވެރިޔާ އަމަން ހަލީމު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަމުންދާ ބަދަލުތަކާއި އެކު ސިޔާސީ މުވައްޒަފުންގެ އަދަދަށްވެސް ބަދަލު އަންނާނެ ކަމަށެވެ. އެހެންކަމުން އެއަދަދަށް ބަދަލުތައް އަންނަމުންދާ ދަނޑިވަޅެއްގައި، އެމަނިކުފާނަށް ސިޔާސީ މުވައްޒަފުންގެ އަދަދު އެނގިވަޑައިގެންނެވި ނަމަވެސް، އެއަދަދު ވިދާޅުވުމަކީ، ނޫސްވެރިން ޚަބަރު ޝާއިޢުކުރާއިރު، ސިޔާސީ މުވައްޒަފުންގެ އަދަދަށް ބަދަލުއައިސް މައުލޫމާތު ނުބައިވާނޭ ކަމެއް ކަމަށެވެ.

މިސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ ކޮބައިތޯ ކުރި ސުވާލަށް ޖަވާބު ނުދީ އެތައް ވާހަކައެއް ދެއްކެވުމާއިއެކު، ސިޔާސީ މުވައްޒަފުންގެ އަދަދު 700 ގައި ހިފެހެއްޓުމަކީ ރިޔާސީ ވަޢުދެއް ނޫންކަމުގައިވެސް މުންދު ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ، މިފަހުން، މިވޭތުވެދިޔަ 2 ހަފްތާއެއްގައި ދުވަހުގެ ތެރޭގައި، ނިމިގެން މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު، އަޅުގަނޑުމެންނަށް މިފެނިގެން ދަނީ، މުޅި ސަރުކާރުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވާތަން. އެއީ އޮންގޮއިން (ހިނގަހިނގާހުރި) މަސައްކަތެއް. އެބަދަލުގެ ތެރެއިން ވަޒީރުންގެ މަޖިލީހަށް ބަދަލެއް އައީ. ވުޒާރާތަކަށް ވެސް ބަދަލުއައީ. އޭގެ އަދަދަށް އެކަންޏެއް ނޫން. މެންޑޭޓަށްވެސް ބަދަލުއައީ. ދެއްތޯ؟ އޭގެ އިތުރުން، ސަރުކާރުގެ ބައެއް ވުޒާރާތައް، މިދެންނެވިހެން، އުވިގެން ގޮސް ނުވަތަ އެވުޒާރާތަކުގައި ތިއްބެވި މުވައްޒަފުން އެއްތަނުން އަނެއްތަނަށް ބަދަލުކުރައްވައި، އަދި ވަރަށް ސާފުކޮށް، ތި ސުވާލަށް ހުސްވި ހަފްތާގެ ތެރޭގައި ރައީސް ޖަވާބު ދެއްވި." މުންދު ވިދާޅުވިއެވެ.

މިސަރުކާރުން ސިޔާސީ މަޤާމުތަކަށް އެތައްހާސް މުވައްޒަފުންގެ އައްޔަނުކޮށްފައިވާއިރު އެއަދަދު ތިހާހަށްވުރެ މަދު ނުވާނެ ކަމުގައި އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. ސިޔާސީ މަޤާމުތަކަށް ބޭފުޅުން ޢައްޔަނު ކުރައްވަނީ ޤާނޫނު އަސާސީގެ 115ވަނަ މާއްދާގެ ޅ. ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާއިރު، ސިޔާސީ މަޤާމުތަކުގެ އަދަދު ހާމަކުރަން ސަރުކާރުން ފަސްޖެހެނީ އާދަޔާއި ޚިލާފަށް ގިނަ އަދަދެއްގެ މީހުން ސިޔާސީ މަޤާމުތަކަށް ޢައްޔަނުކޮށްފައިވާތީ ކަމުގައިވެސް ބެލެވިފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް