Post banner
ރާއްޖެ

މަސްތުވާ ބޭހުގެ ތެރޭގައި ހިމަނާފައިވާ މިތައިލްފެނިޑޭޓް ހުއްދަން ކުރަން ސަރުކާރުން ނިންމައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަސްތުވާ ބޭހުގެ ތެރޭގައި ހިމަނާފައިވާ މިތައިލްފެނިޑޭޓް ހުއްދަން ކުރަން ސަރުކާރުން ނިންމައިފި

ރާއްޖޭގައި މަނާކޮށްފައިވާ ބޭސްތަކުގެ ލިސްޓުގައި ހިމަނާފައިވާ މެތައިލްފެނިޑޭޓް އުނިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައި އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވާގޮތުން، އެ ބޭސް ރާއްޖޭގައި ހުއްދަ ކުރުމަށް ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދީފައިވާ ލަފަޔަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހުގައި ވަނީ ނިންމާފައެވެ. މިހާތަނަށް އެބޭސް ހިމަނާފައި އޮތީ ރާއްޖެ އެތެރެކުރުން މަނާކޮށްފައިވާ މަސްތުވާ ބޭހެއްގެ ގޮތުގައި، މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ލިސްޓުގައެވެ. އެލިސްޓަށް އުނި އިތުރު ގެނެވޭނީ، ރައްޔިތުންގެ މަޖިލީހުން ރުހުންލިބިގެންނެވެ.

މެތައިލްފެނިޑޭޓްއަކީ، ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ގޮތުގައި ބަލާފައިވާ، އެޓެންޝަން ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ (އޭޑީއެޗްޑީ) ހުންނަ ފަރާތްތަކަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެކެވެ. އެމެރިކާގައި އެންމެ އާއްމު ބޭސްތަކުގެ ތެރޭގައި މިބޭސް ހިމަނާފައިވާ އިރު އަހަރަކު 2023 ވަނަ އަހަރުވެސް އެމެރިކާގައި 13 މިލިއަން މީހުންނަށް މިބޭސް ދީފައިވެއެވެ.

މިބޭސް މަނާކޮށްފައިވާ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމަކީ ޖަޕާނެވެ. އެހެން ނަމަވެސް، ދެކުނު ކޮރެއާ އާއި ސިންގަޕޫސް އަދި ތައިލެންޑާއި މެދު އިރުމަތީގެ ޤައުމުތަކުގައި މިބޭހަކީ، ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާ، އަދި ހަރުކަށި ޤަވާއިދުތަކެއް އޮންނަ ބޭހެކެވެ. އަދި އެއްޤައުމުން އަނެއްޤައުމަށް ދަތުރުކުރާއިރު، މިބޭސް ގެންދެވޭނީ، ޚާއްޞަ ހުއްދަތަކާއި އަދި ލައިސަންސް ލިބިފައިވާ ޑޮކްޓަރެއްގެ ޞައްޙަ ބޭސްސިޓީއެއް އޮވެގެނެވެ.

މިބޭސް ހުއްދަކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި، އެމެރިކާ ކެނެޑާ އަދި ޔޫރަޕްގެ ޤައުމުތަކާއި އޮސްޓްރޭލިއާ ހިމެނެއެވެ.

މެތައިލްފެނިޑޭޓްއަކީ، އިންސާނާގެ ނާރުތަކުގެ ނިޒާމަށް އަސަރުކުރުވާ ބާރުގަދަ ބޭހެކެވެ. މިބޭހުން ކުރިމަތިވާ ނުރަނގަޅު އަސަރުގެ ތެރޭގައި ބޮލުގައި ރިއްސުމާއި ނިދިމަދުވުމާއި، ކާހިތްނުވުމާއި، ބަރުދަން ލުއިވުމާއި އަދި ބަނޑުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން ހިތުގެ މައްސަލަތަކާއި ސްޓްރޯކް ޖެހުންފަދަ ކަންކަމަކީ މި ބޭހުން ކުރާ ނުރަނގަޅު އަސަރުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް