ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މީހަކީ ބަނގުލަދޭޝް މީހެއް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ތިލަފުށި --
ތިލަފުށިން ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މީހާއަކީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައި ފުލުހުންގެ އިދާރާއިން ހާމަކުރައްވައިފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މީހާއަކީ، ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ، އަމީން މިއާ (24އ) ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން، އަމީން މިއާ ނިޔާވުމުގެ ހާދިސާ ހިނގާފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުކަން ވަނީ އެނގިފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް އޭނާ މަރުވުމުގެ ހާދިސާ ހިނގާފައިވާ ގޮތުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެންހުރި މައުލޫމާތު ހާމަކުރަމުންދާނެކަމަށެވެ.
ނުރަސްމީ ގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީން މިއާ މަރުވެފައި ވަނީ، ތިލަފުށީގައި އެކްސްކަވޭޓަރަކުން ކުނި ޖަމާކުރުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ، ކުނިފުންޏެއްގެ ދަށުން ކަމަށްވެސް އެނގިފައިވެއެވެ، އެހެން ނަމަވެސް މިމައްސަލައިގެ ތަފްސީލެއް ފުލުހުން ހާމަނުކުރާތީ އެ މައުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރެވޭ ގޮތް ވަނީ ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް