ހޯމް މިނިސްޓަރ އިޙްސާނަކީ ވަފާތެރި ލީޑަރެއް: އެމްޕީ ފަލާޙް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރު އިބްރާހީމް ފަލާޙް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހޯމް މިނިސްޓަރ ޢަލީ އިހްޞާނަކީ، ވަފާތެރި ލީޑަރެއް ކަމުގައި ވިދާޅުވެ، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް މިނިސްޓަރ އިޙްސާނަށް ތަޢުރީފް ކުރައްވައިފިއެވެ.
ފަލާޙް މިނިސްޓަރ އިޙްސާނަށް ތަޢުރީފް ކުރައްވައި، ސޯޝަލް މީޑިއާގައި ޕޯސްޓެއް ލިޔުއްވާފައި ވަނީ، ޕީއެންސީގެ ކެންޑިޑޭޓަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާގެ ގޮނޑި ކާމިޔާބު ނުކުރެވުނީ، އިޙްސާނުގެ ސަބަބުންކަމުގައި ދޭހަވާގޮތަށް ސޯޝަމް މީޑިއާ އާއި މެއިންސްޓްރީމް މީޑިއާގައި ފަތުރަމުން އަންނަ ވާހަކަތައް ދޮގުކުރެއްވުމުގެ ގޮތުންނެވެ.
އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު (ސޯބެ) ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ، މިނިސްޓަރ ޢަލީ އިޙްސާނުގެ ތާއީދާއި އެކުގައި ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ވާހަކަތައް ފަތުރަމުންނެވެ. އެކަމަށް ރައްދު ދެއްވައި، ފަލާޙް ލިޔުއްވި ޕޯސްޓުގައި ވިދާޅުވީ، އެވާހަކަތަކަކީ ފިތުނަ އުފެއްދުމަށް ފަތުރާ ވާހަކަތަކެއް ކަމަށެވެ.
"މިފަދަނުބައި ފިތުނައުފައްދަން ކިތައްމެ މަސައްކަތެއް ކުރިޔަސް މިކަންކާމިޔާބެށްނުވާނެ އިންޝާﷲ މިނިސްޓަރ އިހްސާންއަކީ ރައީސް މުޢިއްޒުއާއި މިޕާޓީއަށް ދުވަހަކުވެސް ދެގޮތެއްނުވާނެވަރަށް ވަފާތެރި ވަރުގަދަ ލީޑަރެއް." ފަލާޙް ލިޔުއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫއިން ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތި ވިއިރު، އައްޑޫ ކެމްޕޭން ލީޑު ކުރެއްވުމުގައި، މިނިސްޓަރ ޢަލީ އިޙްސާން މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. އެނާކާމިޔާބީއަށް ފަހުގައި މިފަހަރުގެ ބައި އިލެކްޝަންގައި އައްޑޫ ކެމްޕޭން ލީޑުކުރައްވާފައި ވަނީ، ސްޕޯޓްސް މިނިސްޓަރ ރާފިޢުއެވެ.
އިންތިޚާބުގައި، ޕީއެންސީއަށް ގޮނޑި ނުލިބުނު ނަމަވެސް ހިތަދޫގެ ފޮށިތަކުން ޕީއެންސީއަށް ކުރި ލިބުމަކީ ކާމިޔާބެއް ކަމުގައި، ޕީއެންސީގެ އިސްވެރިން އަންނަނީ ވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް