Post banner
ރާއްޖެ

ފުލުހުން ޓޯކުރި ގިނަ ވެހިކަލްތައް އަނބުރާ ހަވާލުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

 ފުލުހުން ޓޯކުރި ގިނަ ވެހިކަލްތައް އަނބުރާ ހަވާލުކޮށްފި

ފުލުހުން ވެހިކަލްތައް ޓޯވ ކުރުމަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯވކޮށް، ޕާކިންގ ތަރުތީބުކުރުމަށް ހިންގި އޮޕަރޭޝަނުގައި ޓޯވކުރި އުޅަނދުތަކުގެ ތެރެއިން 105 އުޅަނދެއް އަނބުރާ ދޫކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ދޫކޮށްފައިވާ އުޅަނދުތައް ދޫކޮށްފައިވަނީ އުޅަނދުތައް ދޫކުރުމުގެ ކުރިން އުޅަނދުުގެ ވެރިފަރާތުން އެއްގަމު ދަތުރު ފަތުރުގެ ގާނޫނޫގެ ދަށުން ނުވަތަ އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ، އެޖޫރިމަނާއެއް ބަލައިގަތުމަށް ކަނޑައަޅާފައިވާ އިދާރާއަށް ޖޫރިމަނާގެ ފައިސާ ދެއްކިކަމުގެ ލިޔުމާއި ރަޖިސްޓްރީކޮށްފައިވާ ޒޯނަށް ގެންދިއުމަށް ޔަގީންކުރާ ލިޔެކިޔުން ހުށަހަޅާފައިވޭތޯ ބެލުމަށްފަހުގައި ކަމަށެވެ.

އަދި ރަޖިސްޓްރީނުކުރާ އުޅަނދެއްނަމަ އުޅަނދު ވަގުތީ ގޮތުން ބޭއްވުމަށް ބޭނުންވާ ތަނުގެ ވެރިފަރާތުގެ ލިޔުމަކާއި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުން ވަކި ގަރާޖަކަށް ހުއްދަ ނަގައިގެން އެތެރެކޮށްފައިވާ އުޅަނދެއްނަމަ، އެގަރާޖަށް ގެންދިއުމަށް ކަށަވަރުކުރާ ލިޔެކިޔުން ހުށަހެޅުމުން އެއުޅަނދެއް ދޫކުރަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯވކޮށް، ޕާކިންގ ތަރުތީބުކުރުމަށް ހިންގި އޮޕަރޭޝަނުގައި  ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް  ޓޯވކޮށްފައިވެއެވެ. އެގޮތުން ޖުމްލަ 787 އުޅަނދެއް ފުލުހުން ޓޯވކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް