މަހުދީ ނިޔާވި މައްސަލައިގެ ތަޙްޤީޤާއި ގުޅޭ ސުވާލުތަކަށް ފުލުހުންގެ ޖަވާބެއް ނެތް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލްމަރްހޫމް، ސަރޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ -- ފޮޓޯ: ފޭސްބުކް
ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވި ހާދިސާ އާއިގުޅިގެން ފުލުހުންފެށި ކަމަށް ބުނާ ތަޙްޤިޤާއި ގުޅޭ މައުލޫމާތު ހާމަނުކޮށް ފުލުހުން ހިފަހައްޓައިފިއެވެ.
މަޙްދީ ނިޔާވީ، މިމަހުގެ 16ވީ ހޮނިހިރު ދުވަހުގައެވެ. މަހުދީ ނިޔާވި ހާދިސާއަށް 2 ހަފްތާ ފުރުނުއިރު، އެމައްސަލަ ތަހްޤީޤުކުރާކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވުމުގައި އިހުމާލު އޮތް ކަމަށް ގިނަ ބަޔަކު ޤަބޫލުކޮށް އެކަމުގައި ސުވާލު އުފައްދަމުން ދަނިކޮށް، މަހުދީ ނިޔާވި މައްސަލަ ތަޙްޤީގު ކުރަމުންދާކަމުގައި ފުލުހުން ހާމަކުރީ އޭގެ 4 ދުވަސް ފަހު، 2026 މެއި 20 ވަނަ ދުވަހުގައެވެ. އެދުވަހު މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވަނީ، "2026 މެއި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ގެންދަނީ ބަލަމުން" ކަމަށެވެ.
ފުލުހުން މަހުދީ ނިޔާވި ހާދިސާ ތަޙްޤީޤުކުރަމުންދަނީ، " އެއްވެސް ފަރާތަކުން ހުށައަޅައިގެންތޯ ނުވަތަ ޕީޖީން އަންގަވައިގެންތޯ ނުވަތަ އެހެންވެސް ހާދިސާތައް ތަޙްޤީޤުކުރާ ފަދައިން އާއްމު އުސޫލެއްގެ ގޮތުން ފުލުހުންގެ އަމިއްލަ އިސްނެގުމުގައިތޯ" ރައްޔިތުންގެ ނޫހުގެ ފަރާތުން ކުރި ސުވާލުގެ ޖަވާބުގައި އެދުވަހު ފުލުހުން ވިދާޅުވީ، "މީހަކު ނިޔާވުމުގެ ކޮންމެ ހާދިސާއަކީ ވެސް ކަނޑައެޅިފައިވާ އިޖުރާއާތްތަކުގެ މަތިން ތަހުގީގު ކުރެވޭ ކަންކަން" ކަމަށެވެ. "އެގޮތުން، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ވެސް، މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން، ހާދިސާގެ މައުލޫމާތު ލިބުމާއެކު ވަނީ ބަލަން ފަށައިފައި" ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
އެހެން ނަމަވެސް އޭގެ ފަހުން، އެ ތަޙްޤީޤާއި ގުޅޭ ގޮތުން، މީޑިއާތަކުން ފާއިތުވި 2 ހަފްތާގެ ތެރޭގައި ކޮށްފައިވާ އެއްވެސް ސުވާލަކަށް ފުލުހުންގެ އިދާރާއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި ތަކުރާރުކޮށް ނޫސްވެރިން އެ ތަޙްޤީޤާއި ގުޅޭ ގޮތުން ސުވާލު ކުރި ނަމަވެސް އެސުވާލުތަކަށް ފުލުހުން ޖަވާބެއް ދީފައެއް ނުވެއެވެ.
ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ، ނިޔާވީ، އެކަށީގެންވާ ވަޞީލަތާއި ތަކެތި ނެތި، 58 މީޓަރު ފުނުގައިވާ، ހޮހަޅައަށް ފީނުމުގެ ތެރޭގައެވެ. މަހުދީ ނިޔާވީ، ހާލުދެރަވެ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަފަހުން ކަމުގައި، އެމްއެންޑީއެފުން ބުނެފައި ވީނަމަވެސް، އެއީ އެމްއެންޑީއެފުން ހަދާފައިވާ "ދޮގެއް"ކަމުގައި ވަނީ ބެލެވިފައެވެ. އެހެން ހާދިސާތަކުގައި މީހުންގެ ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައިވާކަން ނުވަތަ ނޫންކަން، ހޮސްޕިޓަލުން މީޑިއާތަކަށް ޔަޤީންކޮށްދޭއިރު، މަހުދީ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައިތޯ ނުވަތަ ނޫންތޯ ހޮސްޕިޓަލަށް ހުށައެޅި ސުވާލަށް އޭޑީކޭ ހޮސްޕިޓަލުންވެސް ޖަވާބެއް ނުދިނެއެވެ.
އެކަށީގެންވާ ވަޞީލަތްތައް ނެތި، އެމްއެންޑީއެފްގެ އެ އޮޕަރޭޝަން ހިންގާފައި ވަނީ، ޑައިވަރުން ނުރައްކަލަށް ހުށައަޅައިގެން ކަމުގައި، އެމްއެންޑީއެފްގެ ބްރިގޭޑިއަރޖެނެރަލް މުޙައްމަދު ސަލީމް، 15 މެއި 2026 ވަނަ ދުވަހުގެ ރޭ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަނީ ވިދާޅުވެފައެވެ.
ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ، ނިޔާވި ހާދިސާ ހިނގައިދިޔަގޮތުގެ މައުލޫމާތު އެމްއެންޑީއެފުންނާއި ސަރުކާރުން ވަނީ ސިއްރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް