ޝަރާ ޕުޓިންއާ ބައްދަލު ކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރަޝިއާގެ ރައީސް ޕުޓިން)ކ( އާއި ސީރިއާގެ ރައީސް އަލް ޝަރާ)ވ(ގެ ބައްދަލު ކުރެއްވުން ---
ސީރިއާގެ ރައީސްކަމުގެ މަޤާމުގައި މިވަގުތު ހުންނެވި އަލްޝަރާ ކްރެމްލިންގައި ރަޝިޔާގެ ރައީސް ޕުޓިންއާ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލު ކުރެއްވުން ބާއްވާފައި ވަނީ އިއްޔެއެވެ. އެހެން ނަމަވެސް މިބައްދަލުވުމާއި ގުޅޭ ތަފްސީލްތަކެއް ރަޝިޔާއިންވެސް އަދި ސޫރިޔާއިންވެސް ހާމަކޮށްފައެއް ނުވެއެވެ.
ބައިނަލްއަޤުވާމީ ރިޕޯޓްތައް ބުނާ ގޮތުގައި، މިބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ސީރިއާގައި ރަޝިޔާއިން ޤާއިމްކޮށްފައިވާ އަސްކަރީ މަރުކަޒުތަކާއި އެތަންތާނގައި ތިބި ސިފައިންގެ މުސްތަޤުބަލާއި ގުޅޭ ގޮތުންނެވެ. ކުރީގެ ޔޫއެސްއެސްއާރްގައި ނުހިމެނޭ ޤައުމުތަކުގެ ތެރެއިން ޤައުމެއްގައި ރަޝިއާއިން ހަދާފައިވާ ހަމައެކަނި އަސްކަރީ ބޭސްތަކަކީ، ސީރިއާގެ ހުމައިމީމް އެއާބޭސްއާއި ތަރްތޫސް ނޭވަލް ބޭސްއެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އަލްޝަރާ ލީޑަރުކަމުގެ ދަށުގައި އުޅުނު ހަނގުރާމަވެރި ޖަމާޢަތުން ދިމިޝްޤު ހިފައި، ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށް ފަހުގައި، ރަޝިޔާއިން އަންނަނީ އަލްޝަރާ އާއި އެކުވެސް ގުޅުންތައް ބަދަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އަލްޝަރާއަކީ، އަލްޤައިދާ އާއި ގުޅުން އޮތް ޓެރަރިސްޓެއްގެ ގޮތުގައި ބަލައި އެމެރިކާއިން އަލްޝަރާ އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައި އަލްޝަރާގެ ސަރުކާރާއި އެކުގައި ގުޅުން ބަދަހި ކުރުމަށް އެމެރިކާއިން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.
އަލްޝަރާ މިހާރު މޮސްކޯއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ، އޭނާ ސީރިއާގެ ރައީސް ކަމުގެ މަޤާމާއި ހަވާލުވުމަށްފަހުގައި ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް