ރާއްޖެ

ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުން ކުދި ބިންކޮޅުތައް ސަރުކާރަށް ދޫކޮށްލަން ނުޖެހޭ ގޮތަށް ބަދަލުކުރަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުން ކުދި ބިންކޮޅުތައް ސަރުކާރަށް ދޫކޮށްލަން ނުޖެހޭ ގޮތަށް ބަދަލުކުރަނީ

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ފްލެޓާއ ގޯތި ލިބޭ ފަރާތްތަކުން އެމީހުންގެ މިލުކުގައި އޮތް ކުދި ބިންކޮޅުތައް ދައުލަތަށް ދޫކޮށްލަން ނުޖެހޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަލަށް ގެންނަ ބަދަލާއި އެކު ފްލެޓާއި ބިމަށް ކުރިމަތިލާ މީހުންގެ ތެރެއިން 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އޮންނަ މީހުން އެބިން ދޫކޮށްލަން ޖެހޭނީ، ސަރުކާރަށް ނޫންކަމަށާއި، އާއިލާގެ އެހެން މެމްބަރަކަށް ކަމަށެވެ. މިގޮތުން، އަނބިމީހާ، ފިރިމީހާ ނުވަތަ ދަރިންނާއި އެއްބަނޑު އެއްބަފާ މީހުންނަށް ބިންކޮޅު ދޫކޮށްލެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

" ބިންކޮޅު މިހާރު ވަރަށް ގިނަ ފަރާތްތަކުން އިންވެސްޓްކޮށްފައި ހުރީ، ލޯނު ނަގައިގެން ހަދާފައިވެސް ހުރީ. ދެން ވަރަށް ކޮން ޕްލިކޭޓެޑް އެކި ކަހަލަ ހާލަތްތައް ހުރީ. އެހެންވީމަ އަޅުގަނޑުމެން ބޭނުމެއް ނޫން ސަރުކާރަށް އެތަން ނެގުމުގެ އެއްވެސް ކަހަލަ ބާޑަންއެއް ރައްޔިތުންނަށް ޕާސްކުރާކަށެއް. އެހެންވީމަ އާއިލާތަކުގެ ތެރޭގައި އެބިންކޮޅު ބޭއްވޭ ގޮތަށް މި މިބަދަލު ކުރަނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވީ، ބިންކޮޅު އާއިލާގެ މެމްބަރަކަށް ދޭގޮތަށް ހަމަޖެއްސި ނަމަވެސް ސޯޝަލް ހައުސިންގ ސްކީމެއްގެ ދަށުން ފްލެޓެއް ލިބިފައިވާ ފަރާތްތަކުން ގޯއްޗަށް އެދޭއިރު އެ ފްލެޓެއް ދޫކޮށްލަން ޖެހޭނީ ދައުލަތަށް ކަމަށެވެ. އަދި މިބަދަލުތައް ވަރަށް އަވަހަށް އާއްމު ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިގެންނަ ބަދަލު، ކުރީ ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމަށްވެސް އެޕްލައިވާނެ ކަމަށެވެ.

ބޯހިޔާވަހިކަމަށް އެދޭއިރު، އަމިއްލަ މިލްކުގައި އޮންނަ ކުދި ބިންކޮޅުތައް ދައުލަތަށް ދޫކޮށްލަން ޖެހޭ ގޮތަށް އޮތް އޮތުމަކީ، އެކަމާއި މެދު އެފަދަ ހާލަތްތައް މެދުވެރިވި ބައެއް ފަރާތްތަކުން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް