ތިން މީހުން ގެއްލުނު ހާދިސާ: އެމެރިކާގެ އެހީއާއެކު ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މީގެ އެއް ހަފްތާ ކުރިން، ތ. މަޑިފުއްޓަށް ނިސްބަތްވާ ފްރެންޑް 4 ދޯނި ދިޔަވެ އަޑިޔަށް ދަނިކޮށް އެދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ދޯނި ބަންޑުންޖަހާލައި، ތިން މީހުން ގެއްލުނު ހާދިސާ އާއި ގުޅިގެން އެމެރިކާގެ އެހީއާއެކު ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ދިވެހި ސަރުކާރުގެ އެދުމަށް އެމެރިކާގެ ނޭވީގެ ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިޔު އަދި ސަރވެއިލަންސަށް ބޭނުންކުރާ ޚާއްޞަ މަތިންދާބޯޓެއް ބޭނުންކޮށްގެން އިއްޔެ މުޅި ހުވަދޫ ކަނޑު، ( 6300 އަކަނޯޓިކަލް މޭލު) ގެ ސަރަހައްދެއް ބަލާފައިވާކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ ދޯނި ފެތިފައިވަނީ 1600 މީޓަރަށް ވުރެއް ފުންމިނަކަށް ކަމަށް ބެލެވޭ ކަމަށެވެ. އަދި މިއީ އިންސާނުންނަށް ފީނައިގެން ދެވޭނެ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ އިއްޔެގެ ނިޔަލަށް ގެއްލިފައިވާ ތިން މީހުން ހޯދުމަށްޓަކައި ވައިގެ މަގުން 17،220 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށެވެ. އަދި ކަނޑުމަގުން ޖުމްލަ 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެދުން ވިދާޅުވިއެވެ.
މި ހާދިސާއާއި ގުޅިގެން 'ރައްޔިތުންގެ ނޫހުން' ވާނީ އެމްއެންޑީއެފްއަށް ޖުމްލަ 9 ސުވާލެއް ފޮނުވާފައެވެ. ނަމަވެސް، އޭގެ ތެރެއިން ތެރެއިން އެމްއެންޑީއެފުން ޖަވާބުދިނީ ހަތް ސުވާލަށެވެ. ޖަވާބު ދިން ސުވާލުތަކުގެ ތެެރެއިންވެސް، ދެވަނަ ރެސްކިއުޓީމްގެ އުޅަނދުތައް ފޮނުވި ގަޑި އާއި ޑްރޯން އޮޕަރޭޓްކުރަން ފެށި ގަޑި އެމްއެންޑީއެފުން ހާމައެއް ނުކުރިއެވެ.
މީގެ އިތުރުން ޓްރެކިންގ ޑިވައިސްތައް، ރެސްކިއު އޮފިސަރުންނަށް ހޯދައިދިނުމާއި ގުޅޭ ގޮތުން އެމްއެންޑީއެފަށް ކުރި ދެ ސުވާލަށްވެސް އެމްއެންޑީއެފުން ޖަވާބު ދީފައެއް ނުވެއެވެ.
ފްރެޑް 4 ދޯނި ބަންޑުން ޖަހާލައި އަޑިޔަށް ދިޔަ ހާދިސާގައި ގެއްލިފައިވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) އާއި ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު (33 އަހަރު) އަދި އެ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު)އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް