Post banner
ރާއްޖެ

ރާއްޖެޓީވީއާ ވާހަކަ ދެއްކި، ސްޓެލްކޯގެ އެޗްއާރް މުވައްޒަފު ވަޒީފާއިން އެކަހެރިކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރާއްޖެޓީވީއާ ވާހަކަ ދެއްކި، ސްޓެލްކޯގެ އެޗްއާރް މުވައްޒަފު ވަޒީފާއިން އެކަހެރިކޮށްފި

ސްޓެލްކޯގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުން -- ފޮޓޯ: ސްޓެލްކޯ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯއިން އެކުންފުނީގެ މުވައްޒަފުން ސަރުކާރު ހިންގާޕާޓީއަށް ސޮއިކުރުވުމުގައި އަމަލީގޮތުން ބައިވެރިވާކަން، ރާއްޖެ ޓީޥީގެ ފަށާއިއރު ޕްރޮގްރާމްގައި ފަޅާއަރުވާލުމުން ރާއްޖެޓީވީއާ ވާހަކަ ދެއްކި މުވައްޒަފު ސަސްޕެންޑްކޮށްފިއެވެ.

އެޗްއާރް މުވައްޒަފަށް ފިޔަވަޅު އެޅިކަން ސްޓެލްކޯއިން ހާމަކޮށް ބަޔާނެއް ނެރުނު އިރު، ސަރުކާރު ހިންގާޕާޓީ ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް ކުންފުނީގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުން ކުރާ ކަމަށް ކުރެވުނު ތުހުމަތާއި އަދި މުވައްޒަފުންނަށް ސަރުކާރު ހިންގާޕާޓީއަށް ވަނުންމަށް އަންގަމުންދާތީ، ރާއްޖެ ޓީވީން އެކަން ފަޅާއަރުވާލުމުން، އެކަމާއި ގުޅޭ ގޮތުން އެބަޔާނުގައި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އެއީ ނުހިނގާ ކަމެއް ކަމަކަށްވެސް އެކުންފުނިން ބުނެފައެއް ނުވެއެވެ.

އެކުންފުނިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ، މީޑިއާގައި ދެކެވުނު ފޯނު ކޯލާ ގުޅިގެން މިކަން ހިނގާފައިވާ ގޮތް ތަޙުޤީޤުކޮށް ބެލުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކުރެވިފައި ކަމަށާއި، މި މައްސަލަ ބެލުމަށްފަހު ކުންފުނީގެ ޤަވާޢިދުގެ ދަށުން އަޅަންޖެހޭ އިސްލާޙީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެ ކަމުގައިވެސް ވަނީ ބުނެފައެވެ. އަދި ކުންފުނީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، ފެންވަރު ރަނގަޅު ޚިދުމަތެއް އަބަދުމެ ފޯރުކޮށްދިނުމުގައި ދެމި ތިބުން ކަމުގައިވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ލައިވްކޮށް އެ ކުންފުނީގެ އެޗް.އާރް ޑިޕާޓްމަންޓްގެ ލޭންޑް 3338228 އަށް ގުޅައި، ޕްރޮގްރާމްގެ ޕްރެޒެންޓަރު އާމިރު ސަލީމް، އެކޮޅުން ފޯނުނެގި މުވައްޒަފު ކުރެން އަހާފައި ވަނީ، ޕާޓީއަށް ވަނުމަށްފަހު، ސްކްރީން ޝޮޓް ފޮނުވަން ޖެހޭނީ ކޮން ނަމްބަރަކަށްތޯއެވެ. ފޯނު ނެގި މުވައްޒަފު ބުނެފައި ވަނީ، ސްކްރީން ޝޮޓް ފޮނުވަން ޖެހޭނީ، އެޗްއާރްގެ ނަމްބަރަށް ކަމަށާއި، ކުރިން އެނަމްބަރުން މެސެޖުކޮށްފައި ހުންނާނެ ކަމަށެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ވަނުމަށް ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކަމުން އަންނަކަމުގެ ޝަކުވާތައްވެސް އަންނަނީ ލިބެމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް