classified
ރާއްޖެ

މަހުދީގެ މަރުގެ ހާދިސާއަށް 2 މަސް: ތަޙްޤީޤަށް ވީގޮތެއް ނޭނގުނު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަހުދީގެ މަރުގެ ހާދިސާއަށް 2 މަސް: ތަޙްޤީޤަށް ވީގޮތެއް ނޭނގުނު

ސިފައިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނާއި ގުޅޭ ގޮތުން މަހުދީ ރައީސުލްޖުމްގޫރިއްޔާ އަށް މައުލޫމާތު ޙިއްޞާކުރައްވަނީ --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވި ހާދިސާއަށް މިއަދު ދެމަސްވެއްޖެއެވެ.

މަޙްދީ ނިޔާވީ، މިއަހަރުގެ މަހުގެ 16ވީ ހޮނިހިރު ދުވަހުގައެވެ. މަހުދީ ނިޔާވި ހާދިސާއަށް 2 މަސް ފުރުނުއިރު، އެމައްސަލަ ތަހްޤީޤުކުރާކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވުމުގައި އިހުމާލު އޮތް ކަމަށް ގިނަ ބަޔަކު ޤަބޫލުކޮށް އެކަމުގައި ސުވާލު އުފައްދަމުން ދަނިކޮށް، މަހުދީ ނިޔާވި މައްސަލަ ތަޙްޤީގު ކުރަމުންދާކަމުގައި ފުލުހުން ހާމަކުރީ، 2026 މެއި 20 ވަނަ ދުވަހުގައެވެ. އެދުވަހު މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވަނީ، "2026 މެއި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ގެންދަނީ ބަލަމުން" ކަމަށެވެ.

މަހުދީ ނިޔާވި ހާދިސާ އާއި ގުޅޭ ތަޙްޤީޤުގެ މައުލޫމާތު ހޯދުމަށް ތަކުރާރުކޮށް ފުލުހުންނާއި ސުވާލު ކުރި ނަމަވެސް އެ ތަޙްޤީޤާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ނުދިނެވެ.

ފުލުހުން މަހުދީ ނިޔާވި ހާދިސާ ތަޙްޤީޤުކުރަމުންދަނީ، " އެއްވެސް ފަރާތަކުން ހުށައަޅައިގެންތޯ ނުވަތަ ޕީޖީން އަންގަވައިގެންތޯ ނުވަތަ އެހެންވެސް ހާދިސާތައް ތަޙްޤީޤުކުރާ ފަދައިން އާއްމު އުސޫލެއްގެ ގޮތުން ފުލުހުންގެ އަމިއްލަ އިސްނެގުމުގައިތޯ" ރައްޔިތުންގެ ނޫހުގެ ފަރާތުން ކުރި ސުވާލުގެ ޖަވާބުގައި މީގެކުރިން ފުލުހުން ވިދާޅުވީ، "މީހަކު ނިޔާވުމުގެ ކޮންމެ ހާދިސާއަކީ ވެސް ކަނޑައެޅިފައިވާ އިޖުރާއާތްތަކުގެ މަތިން ތަހުގީގު ކުރެވޭ ކަންކަން" ކަމަށެވެ. "އެގޮތުން، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ވެސް، މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން، ހާދިސާގެ މައުލޫމާތު ލިބުމާއެކު ވަނީ ބަލަން ފަށައިފައި" ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ، ނިޔާވީ، އެކަށީގެންވާ ވަޞީލަތާއި ތަކެތި ނެތި، ވ އަލިމަތާކައިރިން 58 މީޓަރު ފުނުގައިވާ، ހޮހަޅައަށް ފީނުމުގެ ތެރޭގައެވެ. މަހުދީ ނިޔާވީ، ހާލުދެރަވެ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަފަހުން ކަމުގައި، އެމްއެންޑީއެފުން ބުނެފައި ވީނަމަވެސް، އެއީ އެމްއެންޑީއެފުން ހަދާފައިވާ "ދޮގެއް"ކަމުގައި ވަނީ ބެލެވިފައެވެ. އެހެން ހާދިސާތަކުގައި މީހުންގެ ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައިވާކަން ނުވަތަ ނޫންކަން، ހޮސްޕިޓަލުން މީޑިއާތަކަށް ޔަޤީންކޮށްދޭއިރު، މަހުދީ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައިތޯ ނުވަތަ ނޫންތޯ ހޮސްޕިޓަލަށް ހުށައެޅި ސުވާލަށް އޭޑީކޭ ހޮސްޕިޓަލުންވެސް ޖަވާބެއް ނުދިނެއެވެ.

އެކަށީގެންވާ ވަޞީލަތްތައް ނެތި، އެމްއެންޑީއެފްގެ އެ އޮޕަރޭޝަން ހިންގާފައި ވަނީ، ޑައިވަރުން ނުރައްކަލަށް ހުށައަޅައިގެން ކަމުގައި، އެމްއެންޑީއެފްގެ ބްރިގޭޑިއަރޖެނެރަލް މުޙައްމަދު ސަލީމް، 15 މެއި 2026 ވަނަ ދުވަހުގެ ރޭ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަނީ ވިދާޅުވެފައެވެ.

ވ. އަލިމަތާ ކައިރީގައި އޮތް ކަނޑުއަޑީގެ ހޮހަޅައަށް ފީނުމުގެ ތެރޭގައި އިޓަލީގެ 5 ޑައިވަރަކު ވަނީ ނިޔާވެފައެވެ. އެމައްސަލައިގައި އިޓަލީގެ ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ ތަޙްޤީޤުތައް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް