އަލަށް މީހުން ދިރިއުޅެންފެށި ފްލެޓް އިމާރާތެއްގެ ތިރީގައި ރޯވެ ގެއްލުންތައް ލިބިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުޅުމާލޭގައި އަޅާފައިވާ ފްލެޓް އިމާރާތްތަކެއް --- ފޮޓޯ: ރައްޔިތުންގެ ނޫސް
އަލަށް މީހުން ދިރިއުޅެން ފެށި ފަހު ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓް ޢިމާރާތެއްގައި ރޯވެ ބައެއް ގެއްލުންތައް ލިބިއްޖެއެވެ.
މިއަދު މެންދުރުފަހު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، އަމާން ދޯދީގެ އެއްވަނަ ޓަވަރުގައެވެ. އަލިފާން ރޯވީ އެ އިމާރާތުގެ ތިރީގައި ޖަމާކޮށްފައި ކުރި ފަރުނީޗަރު ބަންދުކޮށްފައި ހުރި ކާޑުބޯޑު ކަރުދާސްތަކެއްގައެވެ. ގިނަ އަދަދެއްގެ ކާޑުބޯޑާއި އެކު ކުނިވެސް އެތަނަށް ޖަމާކޮށްފައި ހުއްޓެވެ. އެތަނުގައި ރޯވި އަލިފާންގަނޑު ނިވާލީ ފްލެޓްތަކުގައި ހުރި އަލިފާން ނިވިތައް ބޭނުންކޮށްގެން އެވަގުތު ފްލެޓްތަކުގައި އުޅުނު މީހުންނާއި އެސަރަހައްދުގައި އުޅުނު މީހުންނެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަނުން އަމާން ދޯދި 1ގައި ދިރިއުޅޭ ފަރާތްތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ، އިމާރާތަށާއި ފެނުގެ ވިޔުގައިގެ ހޮޅިތަކަށް ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށެވެ. މިގޮތުން އެޓަވަރުގެ ހުރިހާ ފަންގިފިލާތަކުގައިވެސް 6 ވަނަ ފްލެޓްގެ މާސްޓަރ ބެޑްރޫމް ފިޔަވައި އެހެން ކޮޓަރިތަކުގެ ފާޚާނާތަކާއި ލޯންޑަރީ އޭރިއާގެ ފެނާއި ޑްރައިނޭޖް ޕައިޕްތައް ބޭނުން ނުކުރެއްވުމަށް އެފްޑީސީން ވަނީ އެދިފައެވެ. އަދި އެއާއެކު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތްތަކާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމުގައި، އެފްޑީސީން ވަނީ ބުނެފައެވެ.
އެފްޑީސީން ވަނީ، ފްލެޓްތަކުން ނެރޭ ކުނި ބަހައްޓަން ކަނޑައަޅާފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކަށް ކުނި ނޭޅުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް