Post banner
ރަށްރަށުން

ދައްޕަރު ކުއްޔަށް ދިނުމާއި ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދައްޕަރު ކުއްޔަށް ދިނުމާއި ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ލޭންޑްޔޫސް ޕްލޭނާއި ޚިލާފަށް، ތިލަދުއްމަތީ އުތުރުބުރީ ފިއްލަދޫގެ ބައެއްގެ ގޮތުގައި އެރަށުގެ ކައުންސިލްގެ އިޙްތިސާސްގައި ހިމެނޭ، ދައްޕަރު، 50 އަހަރަށް ކުއްޔަށް ދިނުމަށް ބީލަމަށް ހުޅުވާލުމާއި އެކު އެކަމާއި ދެކޮޅަށް އެރަށުގެ ބައެއް ޒުވާނުން އިސްވެ ސޭވް ދައްޕަރުގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިއެވެ.

އެކަމާއި ދެކޮޅު ހެދި ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، އެކަމާއި ދެކޮޅަށް ތެދުވީ، 28 ސެޕްޓެމްބަރު 2022 ވީ ބުދަ ދުވަހުގެ ރޭ، ރަށާއި ރަށުން ބޭރުގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު ފާސްކުރި ފިއްލަދޫގެ ލޭންޑް ޔޫޒް ޕްލޭނާއި ޚިލާފަށް، އެމަޝްރޫޢު ކައުންސިލުން އިއުލާނުކޮށްފައިވާތީއެވެ. އަދި ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގައި ޓޫރިޒަމަށް ޚާއްސަކޮށްފައި ނުވާ ބިމެއް، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށްދޭން އިޢުލާނު ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށްވެސް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ދައްޕަރު 50 އަހަރަށް ކުއްޔަށްދޭން ހުށައަޅާފައި ވަނީ، ޓޫރިޒަމަށް ބިންތައް ދޫކުރާ އަގުތަކާއި އަޅާ ބަލާއި އާދަޔާޚިލާފަށް ކުޑަ އަގެއްގައި ކަމަށް ވާތީ އެކަމާއި މެދުވެސް ޒުވާނުން ވަނީ ސުވާލު އުފައްދާފައެވެ.

އަދި ގާނޫނީ ގޮތުން މިކަމަށް ބަދަލެއް ގެނެވޭނީ، މިހާރު އޮތް ލޭންޑްޔޫސް ޕްލޭން އިސްލާހުކޮށް، އަދި އެއަށް އަމަލުކުރަން ފެށުމުގެ ކުރިން ގާނޫނުގައި ބުނާ ފަދައިން ރައްޔިތުންގެ ރުހުން ހޯދުމުގެ ހުރިހާ މަރުހަލާއެއް އަލުން ފުރިހަމަކޮށްގެން ކަމުގައިވެސް ޕެޓިޝަންގައި ފާހަގަކޮށްފައި ވެއެވެ. އަދި ރައްޔިތުންގެ ރުހުމެއް ނެތި، ފުރިހަމަކުރަންޖެހޭ މަރުހަލާތައް ފުރިހަމަނުކޮށް ދައްޕަރު ދޫކޮށްލަން އުޅުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން ކަމުގައިވެސް ޕެޓިޝަންގައި ވަނީ ފާހަގަކޮށްފައެވެ.

ފިއްލަދޫ ކައުންސިލުން އިއުލާނުކޮށްފައި ވަނީ، ދައްޕަރުގެ 226.13 ހެކްޓަރުގެ ބިން ރިޒޯޓެއް ތަރައްޤީކުރުމަށް 50 އަހަރަށް ކުއްޔަށް ދިނުމަށެވެ. ދައްޕަރުގައި ރިޒޯޓެއް ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލާފައި ވަނީ ހުސްވި އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގައެވެ. ބީލަން ހުށައެޅުމަށް މުއްދަތު ދީފައި ވަނީ އޮގަސްޓް 31 ވަނަ ދުވަހުގެ މެންދުރު ފަހު 13:00އަށެވެ.

އެބީލަމުގައި ބަޔާންކޮށްފައިވާ ގޮތުން، ދައްޕަރު ކުއްޔަށް ނަގާ ފަރާތުން، ލީސް އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި މަދުވެގެން 4 ލައްކަ ޑޮލަރު ދައްކަން ޖެހޭ އިރު، ސީއެސްއާރްގެ ގޮތުގައި 4 މަސްދުވަހުގެ ތެރޭގައި 1 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި ބީލަން ކާމިޔާބު ކުރާ ފަރާތުން ރަށް ތަރައްޤީކުރުމަށް ދޭނީ 3 އަހަރުގެ މުއްދަތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް