Post banner
ވާހަކަ

ދިގުވާހަކަ: ހިތާމައިގެ ރާނީ (3)

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިގުވާހަކަ: ހިތާމައިގެ ރާނީ (3)

ބޮޑެތި ގަސްތަކެއް ނެތް ހައިދަނޑުގެ ތެރެއަށް ނުކުމެވުނު އިރު އެތަނުގައި އެއްވެސް ދޫންޏެއް ފެންނާކަށް ނެތެވެ. ޖެހެމުންދާ ވައިރޯޅިއާއި އެކު ހައިގަސްތަކުގެ ތެރެއިން އިވެނީ ނާމާން އަޑެކެވެ.

ހައިގަސްތަކުގެ ތެރޭގައި ދޮން އައިސަ އޮށޯތެވެ. އޭނާ ގަސްތުކުރީ މޫސައަށް ފިލާށެވެ. އެހެންނަމަވެސް ހައިގަސްތަކުގެ ތެރެއަށް ދޮން އައިސަ ތިރިވިތަން މޫސައަށް ފެނުނީ މޫނު އަނބުރާލެވުނު ގޮތަކުންނެވެ.

"ކީއްވެ މިތާ ތިއޮށޯތީ." ދޮން އައިސަ ގާތަށް އައިސް ހުއްޓެމުން މޫސަ އެހިއެވެ.

ދޮންއައިސަ މޫސަ އާއި ދިމާއަށް ދިއްކޮލީ އަތެވެ. މޫސަ ދޮންއައިސަގެ އަތުގައި ހިފީ އޭނާ ނަގާށޭ ބުނީކަމަށް ހީކޮށްފައެވެ. އެކަމަކު ނުވިސްނައި ހުއްޓައި ދޮން އައިސަގެ އަތުގައި މޫސަ ހިފުމުން އޭނާ އަތް ގާތަށް ދަމައިގަތުމާއިއެކު އުއްޑުން އޮތް ދޮންއައިސަގެ ގައިމައްޗަށް މޫސަވެސް ވެއްޓުނީ މޫނު ވަތަށެވެ. އެއަށްފަހު އެދެމެދުގައި ހިނގައި ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ކުރެވެނީ ކީއްކަން ނޭނގޭ ކަންތައްތަކެއްގެ ވަގުތުކޮޅެކެވެ.

މަންމަމެން އެވާހަކައެއް ބުނެ އެއް ނުދެއެވެ. އެހެން ނަމަވެސް ދެޖިންސްގެ ދެކުދިންގެ ދެމެދުގައި އުފެދުނު ގައިގޯޅި ކަމަކީ އޭގައި މާނައެއް ނެތް ކަމެއް ނޫނެވެ.

ހިނދުކޮޅެއްގެ ހިމޭން ކަމަށް ފަހުގައި، މޫސަ ތެދުވިއެވެ. މުންޑު ރަނގަޅުކޮށްލިއެވެ. އަދި ދޮންއައިސަގެ އަތުގައި ހިފައި ކޮޅަށް ނެގުމުން އޭނާވެސް ލައިގެން ހުރި ކުރި ހެދުންބުރި ތިރިއަށް ދަމާލައި ރަނގަޅުކޮށްލިއެވެ. އަނެއްކާވެސް ބޯ ކެރިގަނޑު އޮއްސައިލީ އެވަގުތުއެވެ.

************

ވާރޭ ތުނިކޮށްލައިފިއެވެ. ވައިރޯޅިވެސް މަޑުވެއްޖެއެވެ. އެހެން ނަމަވެސް ދޮން އައިސަ ގޭގެ ފިޔަފާޅިގަނޑު ދަށުގައި މޫސަ އިނީ އިސްޖަހާލައިގެން އެތަނަށް އަޅާފައި އޮތް ކަށި ދޮންވެލިގަނޑު މައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ.

"ހޫނު ކަޅު ސައިތައްޓެއް ގެނެސްދެންތަ؟" ފުޅިބައްތިތައް ހިފައިގެން ގޭތެރެއަށް ވަންނަމުން ދޮން އައިސަ އެހިއެވެ.

"ނޫނޭ! ދެން ދަނީ" މޫސަ ތެދުވިއެވެ.

"މިރެއަކު އާދަނެއް ނާންނާނެ!" ގޭގެ ދޮރުގެ އޮޅިން އެތެރެއަށް އެއްފައި އަޅައިގެން ހުރެ ދޮން އައިސަ އަނެއްކާވެސް ބުންޏެވެ. މޫސަ ހީލީއެވެ. ދޮން އައިސަ އެދިނީ ދައުވަތެއްކަން އޭނާއަށް އެނގުނީއެވެ.

"ހަވީރު ރުކަށް އައިރު، ކަތްދަ އިނީ ވިހަން ބަނޑުގައި ރިހި ރިހި. ރުކަށް އައީވެސް އެއްދުވަހު ރާ ނުބޭލުނަސް ލިބޭނެ ގެއްލުން ބޮޑުވާނެތީ." މޫސަ ބުންޏެވެ.

"ދެން އެހެންވީމާ އެތެރެއަކަށް ނުވަންނާނަންތަ؟" ދޮން އައިސަ އަނެއްކާވެސް ބުންޏެވެ.

މޫސަ ހީލީއެވެ. އާނއެކޭ ބުނެ ބޯހޫރުވާލަމުންނެވެ. އަޅުވާފައި ހުރި ރާބަދިތައް ނަގައި އޭނާ ހިނގައި ގަތީ ފިޔަފާޅި ގަނޑުން ބޭރަށެވެ. އޭރު ވާރޭ ވަރަށް ބޮޑަށް ތުނިކޮށްލައިފިއެވެ. އިރުއް އޮއްސި މޫނު އަނދިރިކަން ވެރިވާން ފަށައިފިއެވެ.

މޫސަ ގެއިން ނުކުމެ މަގަށް އަޅަންދެން ދޮންއައިސަ ހުރީ ބަލަހައްޓައިގެންނެވެ. އިންތިޒާރު ކުރާފަދަ ގޮތަކަށެވެ. މޫސަ ފަސްއެނބުރި ބަލާލައި ފާނެ ކަމުގެ އުއްމީދުގައެވެ. އެހެން ނަމަވެސް ދޮންއައިސަ އާއި ދިމާއަށް ބަލާވެސް ނުލައި މޫސަ އެދިޔަ ގޮތަށް ގޮސް އޮބާލައިފިއެވެ.

ތުނިވާރޭގެ ތެރޭގައި މޫސަ ގެއާ ދިމާއަށް އަޅަމުން ދިޔައީ ހަލުވި ފިޔަވަޅު ތަކެވެ. ގޭގޭގެ ފެންޑާގައި ހުރި ބައްތިތަކުން ފާއްދާފައިވާ ފަނޑު އަލިކަމެއް ފިޔަވައި ރަށުތެރެއަށް ވެރިވެފައިވަނީ އަނދިރކަމާއި ހިމޭންކަމެވެ. އަވަހަށް ގެއަށް ދިޔުމަށް މަގު ކުރުކޮށްލުމުގެ ނިޔަތުގައި މޫސަ ފޭބީ ހޭޅިފަށު މަގަށެވެ.

ހޭޅިފަށު މަގަށް ފޭބިތަނާ މޫސަގެ ކަންފަތުގައި ޖެހުނީ ގަދަވަމުން އަން ބާރު އަޑެކެވެ. އެއަޑުން ސިފަވައީ ގަސްތަކާއި ރުއްތަކުގައި ބާރު ވައި އަޅާފައި ހުރި ކަމެވެ. ހަމަ އެވަގުތު މޫސައަށްވެސް ވައިރޯޅި ބާރުވާން ފަށައިފިކަމުގެ އިޙްސާސްކުރެވުނެވެ.

މޫސަ މައްޗަށް ބަލާލިއެވެ. ގަންނާކުރެވި ބިރުން އޭނާއަށް ދެކަމުއެކީ ހާޖަތަށް ދެވިއްޖެއެވެ. ބޯމަތިން އެހެރަ ތިރިވަނީ ވަރުގަދަ ނަގޫރޯޅިއެވެ. އަނދިރިވަމުން އަންނަ ޖައްވުގެ ތެރެއިން ވިލާތަކާއި އެކުގައި އެނބުރިގެންފައި ހުރި ވައިރޯޅި އައިސް ބިމަށް ޖެހުނީ މޫސަ ބަލަން ހުއްޓައެވެ.

އަތުގައި ހުރި ރާބަދިތައް ބިންމައްޗަށް ދޫކޮށްލާފައި މޫސަ ބެއްދީ ގާތުގައި ހުރި ދިވެހި ރުކުގައެވެ. އޭނާ ދެލޯމަރައިކާށިކޮށްލީ، ރޯޅީގެ ގަދަ ވަޔާއިއެކު ބުރުވަންފެށި ވެއްޔާއި ހިރަފުހާއި ކުނިތަކުގެ ސަބަބުން ލޯދިލުވާލަން ނުކެރިގެންނެވެ.

ވައިގެ އަޑުފަށްގަނޑު ބާރުވަމުން ދިޔައީ ގެތަކުގެ ފުރާޅާއި ޓިނުތައްވެސް ނެއްޓިގެންދާ އަޑާއި އެކުލަވައިގެންނެވެ. ރުކުގައި ބައްދައިގެން މޫސައަށް ރުކުން ދޫކޮށްލެވުނީ، ވަޔާއި އެނބުރިގަތް ލަކުޑިގަނޑެއް ރުކުގައި ޖެހުނު އިރު އޭނާގެ އަތުގައިވެސް ޖެހި ވީތަދުންނެވެ.

ރުކުން އަތްދޫވުމާއެކު، ގަދަވަޔާއެކު މޫސަ ދަމައިގަތީ ނަގޫ ރޯޅީގެ ހޮޅީގެ ތެރެއަށެވެ. ގަސްތަކުގެ ފަތްތަކާއި ގޮފިތަކާއި ޓިނުތަކާއި އެކު ނަގޫރޯޅީގެ ހޮޅީގެ ތެރޭގައި މޫސަވެސް އެނބުރެމުން ދިޔައިރު، އޭނާއަށް ބާރަށް ހަޅޭލަވަމުން ދިޔައެވެ.

އުތުރުން ދެކުނަށް ފައިބައިގެން ދިޔަ ނަގޫރޯޅީގެ ހޮޅީގެ ތެރޭގައި މޫސަ ގެނެސް ވައްޓާލީ ފުއްޓަރު ގާތައް މައްޗަށެވެ. ހަރުތަނެއްގައި ޖެހުނުކަމުގެ އިޙްސާސް މޫސައަށްވިއެވެ. އެހިސާބުން އޭނާގެ ޚަބަރު ހުސްވީއެވެ. (ނުނިމޭ)

******

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް