މަޖިލިސްގެ ތަޅުން ހޫނުވެ ބައެއް މެމްބަރުންގެ ނަން އިއްވައި ޖަލްސާ މެދުކަނޑާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ---
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ ބައެއް މެމްބަރުންގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދު ކަނޑާލައިފިއެވެ.
ޖަލްސާގައި ނަން އިއްވި މެމްބަރުންނަކީ؛
1- ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ޒާކިރު
2- ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު
3- ގަލޮޅުއުތުރު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަޞީމް
4- ކެޔޮދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިއުޝާދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ މަޖިލީހުގެ ޖަލްސާ މެދުކަނޑާލަމުން ވިދާޅުވީ، ޖަލްސާ މެދުކަނޑާލައްވަނީ، ނަން އިއްވާފައިވާ މެމްބަރުން ތަޅުމުން ނެރެވެންދެން ކަމަށެވެ.
މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި މަޖިލީހުގެ ތަޅުން ހޫނުވީ، ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރުމާއި އެކުގައެވެ. އެބިލަކީ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާ ތަމްސީލް ކުރައްވާ، ޕީއެންސީގެ ޕާލަމެންޓްެެރީ ގުރޫޕްގެ ލީޑަރ އިބްރާހީމް ފަލާޙެވެ.
އެބިލަކީ، ޤާނޫނު އަސާސީއަށް އިސްލާޙް ގެނެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލައިގެން ބޭއްވުމަށް ހުށައަޅާފައިވާ ބިލެކެވެ. އެބިލް ދިރާސާކުރި ކޮމިޓީން ބިލްގެ ދިރާސާކުރުމަށް ބޭއްވި 5 މިނިޓްގެ ބައްދަލުވުމުގައި ވަނީ ބިލް ފާސްކޮށްފައެވެ.
ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ޤާނޫނު އަސާސީއަށް އެބަދަލު ގެނައުމަށް ނަގާ ޚިޔާލު ހޯދުމުގެ ވޯޓު، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އެކުގައި ބޭއްވުމަށެވެ. އެހެންވެ މިމަހުގެ 18ގައި ކުރިން ބިލް ފާސްކޮށް ތަސްދީޤު ކުރުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން މަސައްކަތް ކުރަމުން އަންނީ އެކަމާއެވެ.
ނަން އިއްވި މެމްބަރުން މަޖިލީހުގެ ތަޅުންދޫކުރައްވައި ވަޑައިގެންނެވުމަށް ފަހުގައި، މަޖިލީހުގެ ޖަލްސާ މިހާރު ވަނީ އަލުން ފަށާފައެވެ. މަޖިލީހުގެ ޖަލްސާ އަލުން ފެށިއިރު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ، މަޖިލީހުގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް