ޕެރޯލް ބޯޑު އުވާލައި ދޫކޮށްލި ކުއްވެރިޔާ އަލުން ހައްޔަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމުގެ ކުށުގައި އުމުރުދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވާ، އަބްދުﷲ އިބްރާހިމް (އަބުޗާ) އަލުން ހައްޔަރުކޮށް ޖަލުބަންދަށް ގެންގޮސްފިއެވެ.
އޭނާ މިނިވަން ކުރުމަށް ޕެރޯލް ބޯޑުން ނިންމި ނިންމުން ބަދަލު ކުރުމަށް ފަހު، ސަރުކާރުން ވަނީ އެބޯޑުގައި ތިއްބެވި ހުރިހާ މެމްބަރުން ވަކިކޮށްފައެވެ.
މިއަދު ސަރުކާރުން ބޭނުންވާ ވަކި މީޑިއާތަކަކަށް ދައުވަރުތު ދީގެން ރައިސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، އަބުޗާ ދޫކޮށްލީ، ޖަލުން ޕެރޯލްއަށް އޭނާ ދޫކޮށްލުމަށް ނިންމުމާއި ގުޅިގެން ކަމަށާއި، އޭނާ ދޫކޮށްލުމުން އައި ޝަކުވާތަކާއި އެކު ހޯމް މިނިސްޓްރީން އެކަން ހިނގައި ގޮސްފައިވާ ގޮތް ބަލާފައި ވާކަމަށެވެ.
"ބެލި ބެލުމުގައި ޕެރޯލްބޯޑުގެ ނިންމުމުގައި، އަޅުގަނޑުމެންނަށް ޤަބޫލުކުރެވުނު، ޤާނޫނުގެ ތެރެއިން ބަލަންޖެހޭ ބައެއްކަންކަން ބެލުމުގައި، އެކަން ބެލިފައި އޮތީ އެކަން ބަލަންޖެހޭ ގޮތަކަށް ނޫންކަން. އެހެންވެ އެކަމާއި ގުޅިގެން މިއަދުގެ ވަގުތެއްގައި، އަޅުގަނޑުވާނެ އެޑިސިޝަން އަލުން ރީކޮންސިޑަރ ކޮށްދިނުމަށް ޕެރޯލްބޯޑަށް އަންގާފައި." މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ އިޙްސާން ވިދާޅުވީ، ޕެރޯލްއަށް މީހަކު ދޫކުރުމާއި، އަދި އެނިންމުން ރިވިއު ކުރުމަކީވެސް، ޕެރޯލްބޯޑަށް ކުރެވޭ ކަމެއް ކަމަށާއި، އެހެންކަމުން ޕެރޯލްބޯޑުން އެ ނިންމުން ބަދަލުކޮށްފައި، މިއަދުގެ ހަވީރު 16:48ގައި ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އަދި ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ، އަލުން ޖަލުހުކުމް ތަންފީޒު ކުރުމަށް ޖަލަށް ފޮނުވުމަށް ކަމުގައިވެސް މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.
އަބްދުﷲ އިބްރާހިމް (އަބުޗާ) އަލުން ހައްޔަރުކޮށްފައި މިވަނީ، އޭނާ ޕެރޯލުގެ ދަށުން ދޫކޮށްލުމާއި ގުޅިގެން އާއްމުންނާއި މީޑިއާތަކުންވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެއީ ޤާނޫނުތަކާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަން ފާހަގަކޮށްފައި ވަނިކޮށެވެ.
މިމައްސަލައިގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު، ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިހްސާން ވިދާޅުވީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގެ ސިޔާސަތުތައް ވަރަށް ސާފު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް