އުޅަނދުތައް ގިނަވެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދަން އޮފީހެއް އުފައްދަވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސިނަމާލެ ބުރިޖު --
މާލެ ސަރަހައްދަށް ދިމާވެފައިވާ އެއްގަމު އުޅަނދުތަކާއި ގުޅޭ މައްސަލަތަކަށް ހައްލު ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަކި އޮފީހެއް އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، މިއަދު އުފެއްދެވި އެ އޮފީހުގެ ނަމަކީ، "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ކަމަށެވެ.
މި އޮފީހަކީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން، އެކަމަށް އަވަސް ޙައްލެއް ހޯދުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރާނެ ސަރުކާރުގެ ވަކި އިދާރާއެއް ހަމަޖެއްސެވުމުގެ ބޭނުމުގައި އުފެއްދެވި އޮފީހެެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެއް ކަމަށެވެ. މި އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި، މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި އެ ޕުރޮގުރާމުތައް ތަންފީޒުކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯދުމަށް ޓަކައި އެކުވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުން ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައި ވެއެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ އެއްގަމު އުޅަނދުތަކާއި ގުޅޭ މައްސަލަތަކަށް ހައްލު ހޯއްދެވުމަށްޓަކައި މިއަދު ވަކި އޮފީހެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އިރު މިއަދު ވަނީ، މާލެ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓެއްގައި ލޮރީއެއް ދަށުވެ ދިވެހި ފިރިހެނަކު ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް