އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެފައި ވަނީ ޖިނާޢީ ކުށެއްގެ ތަޙްޤީޤަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުން އަދަދު ނޫހުގެ ބޭރުގައި -- ފޮޓޯ: އަދަދު
ކޯޓު އަމުރެއް ނަގައިގެން ފުލުހުން މިރޭ އޮންލައިން ނޫސް އަދަދުގެ އޮފީހަށް ވަދެފައި ވަނީ، ފުލުހުން ތަޙްޤީޤު ކުރަމުން އަންނަ ޖިނާޢީކުށުގެ މައްސަލައަކާއި ގުޅިގެން ކަމުގައި ފުލުހުންގެ އިދާރާއިން ބުނެފިއެވެ
ފުލުހުން މިހެން ބުނެފައި ވަނީ، ފުލުހުން އަދަދު ނޫހުގެ އޮފީހުގައި ހިންގަމުން އަންނަ ބަލައިފާސްކުރުމާއި ގުޅިގެން ފުލުންގެ ސޯޝަމީޑިއާ ޕްލެޓްފޯމްތަކުގައި ކޮށްފައިވާ ޕޯސްޓެއް ގައެވެ. ފުލުހުން އަދަދުގެ އޮފީހަށް ވަނީ، ހިނގަމުންދާ ޖިނާޢީކުށުގެ ތަޙްޤީޤެއްތެރެއިން ކަމުގައި ބުނެފައިވީނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުންގެ އިދާރާއިން ބުނެފައި ވަނީ އެމައްސަލަ އާއި ގުޅޭ މައުލޫމާތު ފަހުން އާއްމު ކުރާނެކަމަށެވެ.
އަދަދު ނޫހަށް ކޯޓު އަމުރެއް ނަގައިގެން ފުލުހުން މިރޭ، ވަދެފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކުގައި ނުހަމަގުޅުން ތަކެއް ހިންގިކަމަށްބުނެ އަދަދު ނޫހަށް އަންހެނަކު ދީފައިވާ އިންޓަވިއުއެއް، އެ އިންޓަވިއުދިން މީހާ ސިއްރުކުރުމަށްފަހު، އަދަދުން ޑޮކިއުމެންޓްރީއެއްގެ ސިފައިގައި ގެނެސްދިންތާ މަހެއްހާ ދުވަސް ފަހުންނެވެ. އަދި އެކަމާއި ގުޅޭ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުން ސުވާލުކޮށްފައި ވަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެފައި ވަނީ، އެމަނިކުފާނާއި ގުޅުވައި ފަތުރާފައިވާ އެވާހަކަތަކަކީ، ދޮގެއް ކަމަށެވެ. އަދި އެކަމާއި ދެކޮޅަށް ދަޢުވާކުރައްވާނެ ކަމަށާއި، އެމައްސަލަ ކަމާއި ބެހޭ ފަރާތްތަކުން ބަލާނެ ކަމުގައިވެސް މިއަދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދަދުގެ އޮފީސްތެރެއަށް ފުލުހުންވަދެ ކޮމްޕިއުޓަރެއް ރޫޅަމުން ދިޔައިރު، އެމަންޒަރުތައް އަދަދު ނޫހުން ލައިވްކޮށް ބްރޯޑްކާސްޓް ކުރަމުން ގެންދަނިކޮށް ފުލުހުން އެކަން ހުއްޓުވައި އެތަނުގައި ތިބި މީހުން އޮފީސްތެރެއިން ނެރެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް