ސަރުކާރުން ހުރިހާ ދިވެހިންނަށް ބޭރު ފައިސާއިން ފައިސާދޭން ނިންމައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސަރުކާރު ކުންފުންޏަކުން ކުރިޔަށް އޮތް 3 އަހަރުގެ ތެރޭގައި މަދުވެގެން 10 ރިޒޯޓު ތަރައްޤީކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް، އެރިޒޯޓުތަކުގެ ފައިދާ ބޭރު ފައިސާއިން ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހަށް މިއަހަރަށް ރިޔާސީ ބަޔާން ހުށައަޅުއްވައި ދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤުދުރަތީ އެސެޓްތަކުގެ ޙަޤީޤީވެރިންނަކީ، ދިވެހި ރައްޔިތުން ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު ތަފާތު ނުކޮށް، ރިސޯޓް ފައިދާ ކޮންމެ އަހަރަކު އެއްފަހަރު ރައްޔިތުންގެ އެކައުންޓަށް ޖަމާކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑު ދެކެނީ، މި ޤުދުރަތީ އެސެޓްތަކުގެ ޙަޤީޤީ ވެރިން ކަމުގައިވާ، ދިވެހި ހުރިހާ ރައްޔިތުންނަށް ސީދާ އާމްދަނީ އެއް ލިބޭނެ މަގެއް ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ، އެންމެ ޢަދުލުވެރި ގޮތް ކަމުގައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުންގެ ކުންފުންޏަކުން ރިސޯޓު ތަރައްޤީކޮސް، ރިސޯޓު ޙިއްސާ އާއި ރިސޯޓުން ލިބޭ އާމްދަނީގެ ފައިދާ ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަޔަށް ބެއްސެވުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ނިންމަވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައިވެސް، ދިވެހި ހުރިހާ ރައްޔިތުންނަށް ފަތުރުވެރިކަމުގެ މަންފާ ލިބޭނެ ގޮތް ހައްދަަވައި ދެއްވުމަށްޓަކައި އެމްޓީޑީސީގެ ނަމުގައި ކުންފުންޏެއް އުފައްދަވައި އެކުންފުނީގެ ޙިއްސާ އާއްމުންނަށް ވިއްކިއެވެ. އެހެން ނަމަވެސް އެކުންފުންޏަށް ރިޒޯޓުތައް އެކަށީގެންވާ ގޮތުގައި ތަރައްޤީ ނުކުރެވުނު އިރު، ކުންފުނީގެ ޙިއްޞާގެ ބޮޑު ބައެއް މިހާރު ކޮންޓްރޯލް ކުރަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑެތި ވިޔަފާރިވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް