ސަން ފްލާވަރ ތެލާއި ކިރު ގެނައުމުގެ މަސައްކަތް އަވަސްކުރަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ދެ ބާވަތްކަމަށްވާ ސަން ފްލާވަރ ތެލާއި ކިރު ގެނައުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ވިޔަފާރިވެރިން އެދިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މެދުއިރުމަތީގެ ހާލަތާއި ބާޒާރުގެ އަގުތަކާއި މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ސަން ފްލާވަރ ތެލާއި ކިރު ގެނައުމުގެ މަސައްކަތް އަވަސްކުރުމުގެ މަގްސަދަކީ އެތަކެތި ހުސްނުވެ ބާޒާރުގައި ދައުރުވެ ދެމެހެއްޓުން ކަމަށެވެ. އަދި އެތަކެތި ހުސްނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
އަސާސީ ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ހުސްނުވެ ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ވިޔަފާރިވެރިން ވަނީ ޖުމްލަ 80 ކޮންޓެއިނަރެއް އަވަސްކޮށްދިނުމަށް އެދިފައިކަމަށެވެ.
އެގޮތުން މިނިސްޓަރ ހާމަކުރެއްވި ގޮތުގައި ޖުމްލަ 4،200 ކޮންޓެއިނަރެއް ވަނީ ސްރީލަންކާގައި ތާށިވެފައެވެ. ނަމަވެސް ސްރީލަންކާގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން އެ ތަކެތި ރާއްޖެއަށް ގެނައުމުގެ މަސައްކަތްކުރައްވަމުންގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ދަތިތައް ހައްލުކުރަން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ސައީދު ވިދާޅުވީ އަސާސީ މުދަލުގެ ބާވަތްތަކުގެ ތެރެއިން ޖުމްލަ 164 ބާވަތެއްގެ ހާލަތު މޮނީޓަރުކުރަމުންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް