Post banner
ރާއްޖެ

ގެއްލިފައިވާ ނާފިޢުގެ އާއިލާ އާއި މިނިސްޓަރާއި ސީޕީ ބައްދަލުކުރައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގެއްލިފައިވާ ނާފިޢުގެ އާއިލާ އާއި މިނިސްޓަރާއި ސީޕީ ބައްދަލުކުރައްވައިފި

މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4" އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ނާފިޢުގެ އާއިލާގެ މެމްބަރުންނާއި ބައްދަލު ކުރެއްވީ، 2026 އޯގަސްޓް 12 ވަނަ ދުވަހު ސާޖަންޓް ނާފިޢުގެ އާއިލާ ދިރިއުޅޭ ގެއަށް ޒިޔާރަތްކޮށެވެ.

މި ބައްދަލުވުމުގައި ސާޖަންޓް ނާފިޢުގެ އަންހެނުންނާއި ދަރިފުޅުގެ އިތުރުން އާއިލާގެ އެހެން މެމްބަރުންނާ ބައްދަލުކޮށް ހިތްވަރު ދެއްވާފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ހާމަކޮށްފައި ވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިބައްދަލުވުމުގައި ވިދާޅުވީ، ނާފިޢު ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށާއި އެއްވެސް ކަމެއް ދޫކޮށްނުލައްވާނެކަމަށެވެ.

ފްރެންޑް 4 ދޯނި ބަންޑުންޖަހާލައި އަޑިޔަށް ދިޔަ ހާދިސާ ހިނގާފައިވަނީ 2026 އޯގަސްޓް 2 ވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ދޯނި، ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އޯގަސްޓް 5 ވަނަ ދުވަހުގެ ރޭގައެވެ. ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫން އާއި، ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު އަދި އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަޙްމަދު ވަނީ ގެއްލިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް