Post banner
ރާއްޖެ

ހުޅުމާލޭގެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބައެއް މީހުންނަށް އަނިޔާވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލޭގެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބައެއް މީހުންނަށް އަނިޔާވެއްޖެ

ރޭގެ އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓް --- ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލެ ފޭސް 1ގައި ހުރި، 110 ވަނަ ނަމްބަރު ފްލެޓް އިމާރާތުގެ ގްރައުންޑް ފްލޯގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބައެއް މީހުންނަށް ޒަޚަމްވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ މިހާދިސާ ރިޕޯޓްކޮށްފައި ވަނީ، ރޭ 01:10 ހާއިރުގައި ކަމަށެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 01:23 ހާއިރުގައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގައި، 2 ކުޑަކުދީންނަށާއި 3 މީހުނަށް އަލިފާނުގެ ސަބަބުން އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލާއި ހަވާލާދީ، އެންޑީއެމްއޭއިން ވިދާޅުވީ، ޒަޚަމްވި މީހުންގެ ތެރެއިން އެކެއްގެ އަތާއި ފައިގެ %12 ފިހިފައިވާ ކަމަށެވެ. ފުލުހުންގެ އިދާރާއިން މިއަދު ހެނދުނު ވިދާޅުވީ، އަނިޔާވި މީހުންގެ ތެރެއިން ދެމީހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ ދެ ފިރިހެނުންނަށް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، ހާދިސާ ހިނގިއިރު، އެގޭގައި ދިރިއުޅެމުން ދިޔަ ޖުމްލަ 7 ދިވެހިންގެ ތެރެއިން 5 މީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ އެޕާޓްމަންޓުގައި ދިރިއުޅެނީ 18 އަހަރުން ދަށުގެ ކުޑަ އަންހެންކުއްޖަކާއި ފިރިހެންކުއްޖެއްގެ އިތުރުން، 18 އަހަރުން މަތީގެ އަންހެނަކާއި، 18 އަހަރުން މަތީގެ 4 ފިރިހެނުންނެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، މި ހާދިސާގެ ސަބަބުން އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދިރިނޫޅެވޭ ވަރަށް އެޕާޓްމަންޓް ހަލާކުވެފައި ވާކަމަށެވެ. އެން.ޑީ.އެމް.އޭ އިން މިހާރު ދަނީ އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމުގައިވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ،

މީގެ އިތުރުން އެންޑީއެމްއޭއިން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ މަތީ ފުރަތަމަ ފަންގި ފިލާ އާއި ތިންވަނަ ވަނަ ފަންގިފިލާގެ 2 އެޕާރޓްމަންޓެއްގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ދުމުގެ އަސަރުކޮށްގެން އެ އެޕާޓްމަންޓްތަކުގައި ދިރިއުޅެމުން އައި މީހުންނަށްވެސް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައި ވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން މަތީގެ 6 މީހަކާއި 4 އަހަރުގެ ކުޑަ އަންހެންކުއްޖަކާއި 4 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.

ރޭގެ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، އެ އެޕާޓްމަންޓުގެ ސިޓިންގ ރޫމުގައި އޮތް 'ޓޫލް މެލްޓިންގ ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ލަފާކުރެވިފައިވާ ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް