Post banner
ރާއްޖެ

ރައީސް ނަޝީދުގެ ކެމްޕޭންގެ ބޮޑު ބައްދަލުވުމެއް ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ބާއްވަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސް ނަޝީދުގެ ކެމްޕޭންގެ ބޮޑު ބައްދަލުވުމެއް ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ބާއްވަނީ

ރައީސް ނަޝީދުގެ ށ. އަތޮޅުގެ ކެމްޕޭންގެ ތެރެއިން -- ފޮޓޯ: ޙުސައިން ޝާފިޢު

އެމްޑީޕީގެ ޗެއަރ ޕަރސަންގެ މަޤާމަށް ވާދަކުރައްވާ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން ބޮޑު ބައްދަލުވުމެއް، މިއަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1ގައި ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ހާމަކޮށްފައިވާ ގޮތުގައި މިބައްދަލުވުން އޮންނާނީ، މިއަންނަ ހުކުރު ދުވަހުގެ ރޭ، 8:45 ގައި ހުޅުމާލެ ފޭސް 1ގެ ފަތާޓްރެކް ކައިރީގައި އޮންނަ ދެވަނަ ރުއްގަނޑުގައެވެ. މިޖަލްސާއަކީ ހުޅުމާލޭގައި ބާއްވާ ރައީސް ނަޝީދުގެ ކެމްޕޭންގެ އެންމެ ބޮޑު ބައްދަލުވުމަށް ވާނޭ ކަމުގައި ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ވަނީ ހާމަކޮށްފައެވެ.

އެމްޑީޕީގެ ޗެއާ ޕަރސަން އިންތިޚާބުގައި، ރައީސް ނަޝީދު މިހާރު ވަޑައިގެން އުޅުއްވަނީ، ށ. އަތޮޅުގައެވެ. މިކެމްޕޭންގައި އަތޮޅުތަކުގެ ގިނަ ރަށްތަކަށް ވަޑައިގެން އެމަނިކުފާނު ވަނީ، އެމްޑީގެ އެތައްހާސް ސަޕޯޓަރުންނަކާއި ބައްދަލު ކުރައްވާފައެވެ. މިގޮތުން، މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފޭދޫގައި ތިބި އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރައްވައި، ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތީޚާބުގައި ވާދަނުކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައެވެ.

މި ޖޫންމަހުގެ 12 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕަރސަން ހޮވުމުގެ އިންތިޚާބުގައި 3 ބޭފުޅަކު ވާދަކުރައްވާއިރު، އެންމެ ވާދަވެރި ދެ ކެންޑީޑޭޓުންނަކީ، މީކާއީލް ނަސީމާއި، ރައީސް ނަޝީދެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް