Post banner
ރިޕޯޓް

މިސްރާބު ސަރވޭ: %14 މީހުން ބުނީ އާމްދަނީ ހޯދުމަށް ދުވާލަކު 14 ގަޑިއިރު މަސައްކަތް ކުރާކަމަށް!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިސްރާބު ސަރވޭ: %14 މީހުން ބުނީ އާމްދަނީ ހޯދުމަށް ދުވާލަކު 14 ގަޑިއިރު މަސައްކަތް ކުރާކަމަށް!

ރާއްޖޭގައި އިޖުތިމާއީ އެތައް މައްސަލައެއް އުފެދި އެމައްސަލަތަކުގެ ސަބަބުން ހާލަތު ގޯހުން ގޯހަށް ދާއިރު، އެކަށީގެންވާ ދިރާސާތަކެއް ހެދި، އެދިރާސާތަކުގެ މައްޗަށް ފިޔަވަޅުތައް އަޅާތަނެއް ނުފެނެއެވެ. އޭގެ ނަތީޖާއަކަށްވީ ރައްޔިތުންްގެ ދިރިއުޅުމުގެ ހާލަތު ދުވަހުން ދުވަހަށް ދަށަށް ގޮސް އިޖުތިމާޢީ އެތައް މައްސަލައެއްގެ ސަބަބުން ޤައުމުގެ މުސްތަޤުބަލަށް ނޭދެވޭ އަސަރު ކުރުމެވެ. ފާއިތުވި 40 އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖީޑީޕީ މަތިވެ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް އާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމުގެ ހާލަތު އައީ ގޯސްވަމުންނެވެ. ތަކެއްޗާއި ޚިދުމަތުގެ އަގުތައް މަތިވަމުން ދިޔައީ، އާމްދަނީއާ ނުބައްދަލު މިންވަރަކަށް ކަމަށް ވާތީ ގިނަ މީހުންނަށް ހަޔާތުގެ ވަގުތުތައް ހޭދަކުރަން ޖެހިފައި ވަނީ، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ތަކުގެ ތެރޭގައެވެ. ރައްޔިތުންގެ ނޫހުގެ މިސްރާބު ސަރވޭގައި މިހަފްތާގައި ބަލާލާފައި ވަނީ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށެވެ. މިހަފްތާގެ ސަރވޭފައި ބައިވެރިވެފައި ވަނީ 61 ފަރާތަކުންނެވެ. އޭގެ ތެރެއިން 31 މީހުންނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ. އަދި 30 މީހުންނަކީ އަތޮޅުތެރޭގައި ދިރިއުޅޭ މީހުންނެވެ. އަދި ސަރވޭގައި ބައިވެރި މީހުންގެ ތެރެއިން %57 މީހުންނަކީ، އުމުރުން 35 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނެވެ.

Uploaded image

ރާއްޖޭގައިވެސް މިއަދު ވަޒީފާ ލިބުން ދަތިވެފައި ވާއިރު، %21.3 މީހުން ބުނީ އެމީހުންނަށް ވަޒީފާއެއް ނެތް ކަމަށެވެ. ސަރވޭގައި ބައިވެރިވި %78.7 މީހުން ބުނެފައި ވަނީ އެމީހުން ވަޒީފާ އަދާކުރާ ކަމަށެވެ. އޭގެތެރެއިން އެންމެ ގިނަ މީހުންނަށް ލިބެނީ 10،000ރ އާއި 15،000ރ އާއި ދެމެދުގެ މުސާރައެއް ކަމުގައި ސަރވޭއިން ހާމަވެފައި ވެއެވެ. އެއީ %37.7 މީހުންނެވެ. 15،000 އާއި 20،000 އާއި ދެމެދުގެ އާމްދަނީ އެއް ލިބޭ ކަމުގައި ބުނެފައި ވަނީ %19.7 މީހުންނެވެ. އަދި 20،000ވުރެ މަތިން އާމްދަނީ ލިބޭ ކަމުގައި ބުނެފައި ވަނީ، %13 މީހުންނެވެ. 10،000ރ އަށްވުރެ މަދުން އާމްދާނީ ލިބޭ މީހުންގެ ނިސްބަތަކީ، %6.6 އެވެ.

ރާއްޖޭގައި އިންފްލޭޝަންމަތިވެފައި ވާއިރު، މާލެ ސަރަހައްދުގައި ދިރިއުޅޭ އެކަކު އެކަންޏަށްވެސް މަހެއްގެ ޚަރަދަށް 20،000 ވުރެ ގިނަ ރުފިޔާ ބޭނުންވާކަމަށް ރަސްމީ ފަރާތްތަކުން ކޮށްފައިވާ ސަރވޭތަކުގައި ހާމަކޮށްފައި ވެއެވެ. އެހެންކަމުން ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން އެމިންވަރުގެ އާމްދަނީއެއް ލިބެނީ އެންމެ %13.1 މީހުންނަށެވެ. ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން، %93 މީހުން ފާހަގަކޮށްފައިވާ ގޮތުަގައި އެމީހުންނަށް ލިބޭ އާމްދަނީ މަހެއްގެ ތެރޭގައި އެކުގައި ޚަރަދުވެގެން ހުސްވެގެން ދެއެވެ.

Uploaded image

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ދަތިތައް ގިނަކަމުން، ލޯނު ނެގުމަކީ ބައެއް މީހުންނަށް މަޖުބޫރުވެފައިވާ ކަމެކެވެ. އެހެންވެ އަސާސީ ބޭނުންތަކަށްވެސް ބޭންކުތަކުން ލޯނު ނަގަންޖެހޭ މީހުންގެ އަދަދު ގިނަކަން ތަފާސް ހިސާބުތަކުން ދައްކައެވެ. ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން %57.4 މީހުން ބުނެފައި ވަނީ އެމީހުން އަދާކުރަންޖެހޭ ލޯނުތައް އޮތް ކަމަށެވެ. އަދި ލޯނަށް އާމްދަނީގެ %50 ޕަސެންޓަށްވުރެ ގިނައިން ދައްކަން ޖެހޭ ކަމުގައި %4.9 މީހުން ބުނެފައި ވެއެވެ.

Uploaded image

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުކަމަކު، އެއްވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރަން ޖެހިފައިވާ މީހުން މާލެ ސަރަހައްދުގައި ވަރަށް ގިނައެވެ. އަދި ދިރިއުޅުމުގެ ވަގުތުތަކުގެ ތެރެއިން ގިނަ ވަގުތު އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް އެމީހުންނަށް މަޖުބޫރުވެފައި ވެއެވެ. ސަރވޭގައި ބައިވެރި މީހުންގެ ތެރެއިން %59 މީހުން، އާމްދަނީ ހޯދުމަށްޓަކައި ދުވާލަކު 8 ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރަން ޖެހިފައިވެއެވެ. %23 މީހުން ދުވާލަކު 10 ގަޑިއިރަށް ވުރެ ގިނަ އިރު މަސައްކަތް ކުރާއިރު، %18.4 މީހުން ބުނެފައި ވަނީ ދުވާލަކު 12 ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާކަމަށެވެ. އަދި އާމްދަނީ ހޯދުމަށް ދުވާލަކު 14 ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާކަމަށް %19.7 އިންސައްތަ މީހުން ބުނެފައި ވެއެވެ.

އާއިލީ މައްސަލަތައް ގިނަވުމާއި އާއިލާތައް ރޫޅުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައިވެސް، އާމްދަނީ ހޯދުމަށް ބުރަކޮށް މަސައްކަތް ކުރަންޖެހުމާއި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުކަމުން ކުރިމަތިވާ ހާސްކަން އިތުރުވެއެެވެ. ސަރވޭގައި ބައިވެރި މީހުންގެ ތެރެއިން، %85.2 މީހުން ބުނެފައި ވަނީ އެމީހުން އުޅެނީ ކައިވެނިކޮށްގެން ކަމަށެވެ. %9.5 މީހުން ދުވަހަކުވެސް ކައިވެންޏެއް ނުކުރާކަމަށް ބުނެފައި ވާއިރު، %4.9 މީހުން ބުނެފައި ވަނީ އެމީހުންގެ ކައިވެނި ރޫޅިފައިވާ ކަމަށެވެ.

ސަރވޭގައި ބައިވެރި މީހުންގެ ތެރެއިން، %85.2 މީހުން ބުނެފައި ވަނީ އެމީހުންގެ ދަރިން ތިބިކަމަށެވެ. އަދި ޚާއްސައެހީއަށް ބޭނުންވާ ދަރިން ތިބިކަމަށް %23 މީހުން ބުނެފައި ވެއެވެ. ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން %23 މީހުންގެ ދަރިން ނެތް އިރު، އެއްކުޖަކު ހުރިކަމަށްވެސް %23 މީހުން ބުނެފައިވެއެވެ. %28.2 މީހުންގެ ދެކުދިން ތިބި އިރު، %14.8 މީހުން ބުނެފައި ވަނީ އެމީހުންގެ 3 ކުދިން ތިބިކަމަށެވެ. އަދި ތިންކުދިންނަށްވުރެ ގިނައިން ތިބިކަމަށް ބުނެފައި ވަނީ، %13.1 މީހުންނެވެ. މިތަފާސް ހިސާބުން ހާމަވާގޮތުގައި ކޮންމެ ދެމަފިރިއަކުވެސް ދަރިން ހޯދާ އަދަދު ވަނީ މަދުކޮށްފައެވެ. އޭގެ ސަބަބުތަކުގެ ތެރޭގައިވެސް ދިރިއުޅެން ޖެހޭ ހާލަތު ހިމެނެއެވެ.

އާމުދަނީ ހޯދަން މަސައްކަތް ކުރަންޖެހިފައިވާ ވަގުތު އިތުރުވުމުން އާއިލާއަށާއި ދަރީންނަށް ވަގުތު ނުދެވުމަކީވެސް ކަންބޮޑުވާންޖެހިފައި އޮތް މައްސަލައެކެވެ. ޤައުމުގެ މުސްތަޤުބަލު އުޖާލާކުރެވޭނީ، ދުޅަހެޔޮ އާއިލާތަކެއް ބިނާކޮށްގެން ކަމަށްވާއިރު، ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން %65.6 މީހުން ބުނެފައި އާއިލާއަށް ވަގުތު ދެވެނީ ބޭނުންވާ ވަރަށް ވުރެ މަދުންކަމަށެވެ. %4.9 މީހުން ބުނެފައި ވަނީ އާއިލާއަށް އެއްގޮތަކަށްވެސް ވަގުތު ނުދެވޭ ކަމަށެވެ. މިއާއެކު މިހާރު ދިރިއުޅެންޖެހިފައިވާ ހާލަތާއި މެދު ހިތްހަމަ ނުޖެހޭ ކަމުގައި، %82 މީހުން ބުނެފައިވެއެވެ.

Uploaded image

ދިރިއުޅުމުގެ ހާލަތު ރަނގަޅުވުމަކީ ކޮންމެ މީހަކުވެސް އެދޭނެ ކަމެކެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ފުދުންތެރި ދިރިއުޅުމެއް ބިނާކުރުމަށް އުއްމީދު ކުރާ މީހުން ގިނަކަން މިސަރވޭއަށް މައުލޫމާތުދިން މީހުންގެ ފަރާތުންވެސް ހާމަވެފައި ވެއެވެ. ސަރވޭއަށް މައުލޫމާތު ދިން މީހުންގެ ތެރެއިން %47.5 މީހުން ބުނެފައި ވަނީ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އެންމެ ބޭނުންވާ ކަމަކީ، އަމިއްލަ ވިޔަފާރިއެއް ފަށާނެ ފައިސާ ލިބުން ކަމަށެވެ. ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އެންމެ ބޭނުންވާ ކަމަކީ، މުސާރަ ބޮޑުވުންކަމުގައި ބުނެފައި ވަނީ، %31.1 މީހުންނެވެ.

ޤައުމުގެ އިޤުތިޞާދީ ހާލަތު ދަަށަށްދާ މިންވަރަކަށް، އިންފްލޭޝަން މަތިވެ ރައްޔިތުންގެ ދިރިއުޅުމަށް އަސަރުކުރާ މިންވަރު ބޮޑުވެއެވެ. ރާއްޖެއަކީ، ސަރަހައްދީ ޤައުމުތަކުގެ ނިސްބަތުން އެންމެ މުއްސަނދި ޤައުމަށް ވީނަމަވެސް، ރާއްޖެއަށް ލިބޭ ބޮޑުއާމްދަނީގެ ބޮޑުބައި ކޮންޓްރޯލް ކުރަނީ، މަދު ވިޔަފާރިވެރިންތަކެކެވެ. އެފަރާތްތަކުން އާއްމު ރައްޔިތުންނަށް ފައިދާވާ އަދި އާއްމު ރައްޔިތުންގެ ހާލަތު ރަނގަޅުކޮށްދިނުމަށް އެކަށީގެންވާ އެއްބާރުލުމެއް ނުދިނުމުގެ ނަތީޖާއަކީ، އާއްމު ރައްޔިތުންގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ޤައުމުގެ މުސްތަޤުބަލް ބަނަވަމުން ދިޔުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް