ޖަލު ހުކުމްގެ މުއްދަތު ހަމަވުމުން ޝަހުޒާން ބަންދުން ދޫކޮށްލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޢަދަދު ނޫހުގެ ނޫސްވެރިޔާ، މުޙައްމަދު ޝަހްޒާން -- ފޮޓޯ: ރައްޔިތުންގެ ނޫސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ކުރި ސުވާލަކާއި ގުޅިގެން، ކޯޓު ހުރުމަތް ކެނޑިކަމަށް ނިންމައި، 15 ދުވަހަށް ޖަލަށްލި، ޢަދަދު ނޫހުގެ ނޫސްވެރިޔާ، މުޙައްމަދު ޝަހްޒާން ޖަލު ބަންދުން މިނިވަން ވެއްޖެއެވެ.
ޝަހްޒާން މިނިވަންކޮށްފައި ވަނީ، މިއަދު 11 ޖެހުމާއި ކައިރިވެފައި ވަނިކޮށެވެ. އޭނާ ޖަލުން ދޫކޮށްލީ، ކްރިމިނަލްކޯޓުން އޭނާގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލުބަންދުގެ މުއްދަތު މިއަދު ހަމަވުމުންނެވެ.
ޝަހްޒާން ޖަލުން ދޫކޮށްލި ވަގުތަށް، އާއިލާ އާއި ރައްޓެހިންނާއި ބައެއް ނޫސްވެރިން ހުޅުމާލެ ޖަލު ކައިރިއަށް އެއްވެ ޝަހްޒާނު ބަންދުން މިނިވަންވުމާއި ގުޅިގެން އޭނާއަށް މަރުހަބާ ކިޔާފައިވެއެވެ.
އަދަދު ނޫހުން ނެރެފައިވާ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް، ކުރިމިނަލްކޯޓުން ދިވެހި ހުރިހާ ރައްޔިތުންގެ މައްޗަށް އަނގަބަންދުކުރުމުގެ އަމުރެއް ނެރެފައިވާއިރު، ޝަހުޒާން ޖަލަށްލާފައި ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އޭނާ ކުރި ސުވާލަކީ، އެއަމުރާއި ޚިލާފު ސުވާލެއް ކަމަށް ނިންމައި، އެއީ ކޯޓު ހުރުމަތް ކެނޑުން ކަމުގައި ކަނޑައެޅުމަށް ފަހުގައެވެ. ޝަހުޒާނާއި އެކު ހަމަ އެދުވަހު އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން ޢަލީ ނާސިރުވެސް ޖަލަށްލިއެވެ. އޭނާއަށް އިއްވީ 10 ދުވަހުގެ ޖަލު ހުކުމެކެވެ. ލީވާންވެސް ޖަލުހުކުމްގެ މުއްދަތު ހަމަވެ ބަންދުން ދޫކޮށްލާފައި ވާއިރު، މިއަދު ޝަހްޒާން ދޫކޮށްލި އިރު މަރުޙަބާކިޔަންގޮސް ލީވާންވެސް ހުއްޓެވެ.
ޖަލު ހުކުމް ތަންފީޒު ކުރި ދެނޫސްވެރިން ވަނީ، އެ ނޫސްވެރިން ޖަލުގައި ތިބި އިރު ދިމާވި ކަންކަމާއި ޖަލުގައި ހުރި މައްސަލަތަކާއި، ޤައިދީންނާއި މެދު ޢަމަލު ކުރަމުން އަންނަ ނުރަނގަޅު ގޮތްވެސް ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް